ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ ބަދަލުގައި މަދަނީ ބައެއް އަންނާކަށް ނުޖެހޭ، އެވެސް އަސްކަރީ މީހުން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ފަހު އެ މީހުންގެ ބަދަލުގައި ދެން އަންނާނީ މަދަނީ ބައެއްކަމަށް ސަރުކާރުން ބުނަމުން ދާއިރު އެމީހުން ވެސް ވާނީ އަސްކަރީ ބަޔަކަށްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިންޑިއާއާއި އެކު އެކުލަވާލާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ބުރޫއަރާކަމަށާއި، އެ ގައުމުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވުމަށްކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރައްވައި އިހުތިޖާޖުގެ އިސްކޮށް ހުންނެވީ ރައީސް ޔާމީނެވެ. ރާއްޖޭގެ އެކި ރަށްތަކުގައި އިންޑިއާގެ ސިފައިން ހަތިޔާރާއި އެކު ތިބެ، މި ސަރަހައްދުގެ ބާރު ނެގުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

މަޖިލިސް އިންތިހާބާއި ދިމާކޮށް ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ބާއްވާ ބައްދަލުވުންތަކުގައި ރައީސް ޔާމީން މިފަހަކަށް އައިސް ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަނީ އިންޑިއާގެ ސިފައިން ފޮނުވާލަން ރައީސް ޑރ. މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް ބުނެ އެވެ.

ޕީއެންއެފްފެ އޮފީހުގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓްގެ ހަރަކާތުގެ ތެރޭގައި އެންމެ ކުރީ ސަފުގައި ތިބި ބައެއް މެމްބަރުންނަށް މިއަދު އެއީ މައްސަލައެއް ނޫންކަމަށާއި، އެ ބޭފުޅުން އިންޑިއާގެ ނުފޫޒުގެ ވާހަކަ ދެއްކުމަށް މިއަދު ލަދު ގަނެ ފަސް ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ސިފައިންގެ އަދަދުތައް ފޮރުވައި، އެ މައުލޫމާތުތައް ހާމަކުރަން ދެކޮޅު ހެދިއިރު ވެރިކަމަށް އައުމަށް ވި ވައުދުގެ ތެރޭގައި ހިމެނޭ އެއްބަސްވުންތައް ރިވިއުކުރުން ކުރިޔަށް ނުގެންދެވިގެން އުޅެނީ ކީއްވެގެން ތޯ ރައީސް ޔާމީން ސުވާލު އުފެއްދި އެވެ. އަދި ވިދާޅުވީ ސަރުކާރަށް އިންޑިއާގެ ސިފައިންގެ އަދަދު އެނގޭނެކަމަށާއި، އެ މައުލޫމާތުތައް މިހާރު ހާމަކުރަން ބޭނުން ނުވަނީ ކަމަށެވެ.

ރައީސް ޔާމީން ވަނީ އިންޑިއާގެ ސިފައިން ފޮނުވާލުމަށް، ކޯ ގުރޫޕުގެ ބައްދަލުވުންތައް ބާއްވާއިރު މިހާތަނަށް އެ ބައްދަލުވުމުގެ ކިރިޔާވެސް ތަފްސީލެއް ހުންނަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އާންމު ކުރާ ބަޔާންތަކުގައިކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ ދިވެހި ފޮރިން މިނިސްޓްރީގެ ބަޔާންތަކުގައި ބައްދަލުވުންތަކުގެ އެއްވެސް މައުލޫމާތެއް ލިބެން ނެތްއިރު ދެ ގައުމުގެ ބަޔާންތަކުގައި ހުންނަ ވާހަކަތައް ދިމާވެސް ނުވާކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ދިން ދެ ތާރީހަކަށް ފާޑުވިދާޅުވެ، ރައީސް ޔާމީން ވަނީ ސަރުކާރުން ގާއިމުކުރިކަމަށް ބުނާ އެއްބަސްވުންތަކަށް ސުވާލު އުފައްދާފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ތާރީހުތަކެއް ދިނުމުގެ ބޭނުމެއް ނެތްކަމަށާއި، އަދި އެ މީހުންގެ ބަދަލުގައި ސިވިލިއަނުންތަކެއް ވެސް ގެންނަން ނުޖެހޭ ކަމަށެވެ.

އިންޑިއާގެ ސިފައިން ތިބޭ އަދަދު އެކި ފަހަރު، އެކި އަދަދުތަކަށް ބަދަލުވެގެން ދޭ.. ސަރުކާރުގެ ފަރާތުން އިންޑިއާގެ ސިފައިންގެ މީހުން ނެތްކަމަށް ބުނާ މީހުން ވެސް އެބަތިބި.. އެކަމަކު އިންޑިއާގެ ސިފައިން ފައިބަން ޖެހޭކަމަށް މުއްދަތެއް ކަނޑައެޅިކަމަށް ދެކެވޭ އެބަ.. މޭއި 10 އަކަށް ކަންނޭނގެ.. ތިންވަނަ ބައްދަލުވުމެއް ބޭއްވި ވާހަކަ މި އަޑުއިވެނީ، އިންޑިއާގެ ނޫސްތަކުން މި އަޑުއިވެނީ.. މިއާއި އެކު އިންޑިއާގެ ސިފައިން ތިބެން ޖެހޭ އެންމެ ބޮޑު ސަބަބަކީ ހެލިކޮޕްޓަރޭ.. ހެލިކޮޕްޓަރުގައި ބަލި މީހުން އުފުލާށޭ… އިންޑިއާގެ ސިފައިންގެ މައްސަލަ ހައްލުވާނެ، ނޫންތޯ ހެލިކޮޕްޓަރާއި އެކު ސިފައިން ދާށޭ ބުނިއްޔާ.. ކޮންމެހެން ޔުނިފޯމް ބަދަކުކޮށްގެން، މިތަނުގައި އައިސް ތިބޭކަށް ނުޖެހޭ..

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓު ކުރަންކަމަށްވާއިރު، ރައީސް ޔާމީން ވަނީ ސަރުކާރުން ދިގު ތާރީހުތައް ނުދީ ވަގުތުން އެ މީހުން ފޮނުވާލަން ގޮވާލައްވާފަ އެވެ. އަދި ވިދާޅުވީ ސަރުކާރުން އެއާ އެމްބިއުލާންސާއި، ސީ އެމްބިއުލާންސް ތައާރަފު ކުރުމުން ދެން އެކަމުގައި ލަސް ކުރަން ޖެހޭ ސަބަބެއް ވެސް ނެތްކަމަށާއި، ސިފައިން ވަގުތުން ދާން އަންގަން ޖެހޭނެކަމަށެވެ.

ސިފައިން ފޮނުވާލުމަށް ފަހު، އެ މީހުންގެ ބަދަލުގައި ދެން އަންނަނީ ސިވިލިއަނުން ނުވަތަ މަދަނީ ބައެއްކަން އިންޑިއާގެ ސަރުކާރުން ވެސް ކަށަވަރުކޮށްދެ އެވެ. ރައީސް ޔާމީން ވިދާޅުވީ ޔުނިފޯމް ބަދަލު ކުރުމަށް ފަހު އެހެން އެއްވެސް ނަމެއްގައި ވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ.

ސަރުކާރުން ތާރީހެއް ކަނޑައަޅާފައި ބުނަންވީ ނޫންތޯ.. މިހާރު ތިއޮތް ހެލިކޮޕްޓަރާއި… ދުއްވަން ތިބި މީހުން ދާށޭ…. ކޮންމެހެން ޔުނިފޯމު ބާލައި ގަންޖުފަރާހެއް ލައިގެން މިތާ ތިބޭކަށް ނުޖެހޭ…

އިންޑިއާ ސިފައިންގެ މައްސަލައިގައި އެންމެ ފަހުން ސަރުކާރުން ބުނެފައި ވަނީ، އައްޑޫގައި އޮޕަރޭޓު ކުރާ ހެލިކޮޕްޓަރު ދުއްވަން ތިބި ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި އެހެން ސަރަހައްދުތަކުގައި ތިބި އޮފިސަރުން މޭއި 14 ގައި ދާނެކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އައްޑޫއިން ފޭބީ ކިތަށް ސިފައިންކަމާއި އެ މީހުންގެ ބަދަލުގައި އައީ ކިތަށް ސިވިލިއަނުންކަމަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަދި އެކަމުގަ މާބޮޑު ތަފްސީލެއް ވެސް ހިއްސާއެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: