ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިން ބޯޑު ހަރުކުރާ ގޮތުން ކަރަންޓު ކޭބަލްތަކަށް ގެއްލުން، ހިދުމަތަށް ބުރޫއަރައިފި ދައުވާ ކުރަނީ

ސްޓެލްކޯއިން ކަރަންޓް ހިދުމަތް ދިނުމުގައި ބޭނުން ކުރާ ކޮންޓްރޯލް ރޫމްގައި މުވައްޒަފުން މަސައްކަތުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާ މާލެ އޭރިއާގެ އިންޓަރ ކަނެކްޝަން ކޭބަލްތަކަށް ގެއްލުން ލިބި ކަރަންޓުގެ ހިދުމަތް ދިނުމުގައި ބުރޫ ދިމާވެއްޖެ ނަމަ އެކަމުގައި ޝާމިލުވާ ބައެއް ޒިންމާދާރު ކުރުވައި ދައުވާ ކުރާނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް މާލެ، ހުޅުމާލޭގެ އެކި ސަރަހައްދުގައި ކެމްޕެއިން ޕޯސްޓަރުތައް ވަނީ ޖާހަފަ އެވެ. ދަގަނޑު ބޭނުންކޮށްގެން ބައެއް ބެނާތައް ހަރު ކުރުމުގެ ސަބަބުން ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބޭތީ އެކަމަށް ސަމާލުވުމަށް އެދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ. އަދި ކޭބަލްތަކަށް ގެއްލުން ވެ ކަރަންޓުގެ ހިދުމަތް މެދުކެނޑި ދިމާވާ ދަތިތައް ފާހަގަކޮށް ސްޓެލްކޯއިން މިއަދު ބުނީ ބޭނާތަކާއި، ޕޯސްޓަރުތައް ހަރު ކުރުމަށް ދަގަނޑު ޖެހުމުގެ ސަބަބުން ކޭބަލްތަކަށް ގެއްލުންވަމުން ދާކަމަށެވެ.

ސްޓެލްކޯއިން ބުނީ މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅުވާލުމަށް ގާއިމުކޮށްފައިވާ ގްރޭޓާ މާލެ އިންޓަރ ކަނެކްޝަން ގްރިޑުގައި ހިމެނޭ kV 132 ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި، ޕޯސްޓަރުތަކާއި ބެނާތައް އަދި އިސްތިހާރު ޖެހުމަށް ދަގަނޑު ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ ދައުލަތުން ހަރަދުކޮށް، ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ މި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ގާބިލުކަން ހުރި ވިއުގައެއްކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯއިން ބުނީ މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގައަކަމަށާއި، މާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނުން ނިކުންނަ، މި ވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައި ވަނީ އުސްފަސްގަނޑު ސަރަހައްދުން ގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލެ އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނާ ހަމަޔަށްކަމަށެވެ. އަދި މިވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއް ވެސް ހުޅުމާލެއިން މާލެއަށް މިވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، ގެއްލުންވެއްޖެ ނަމަ، މަރާމާތު ކުރުމަށް ބޮޑު ހަރަދެއް ވެސް ދާނެކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން ސްޓެލްކޯއިން ބުނެފައި ވަނީ މިއީ އެނަޖައިޒްކޮށްފައިވާ ވިއުގައަކަށްވުމުން، އޭގައި ހިމެނޭ ކޭބަލްއަކަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބޭ ހާލަތެއްގައި އެ ދަނގަޑު ޖަހާ މީހެއްގެ ފުރާނައަށް ވެސް ގެއްލުމެއް ލިބިދާނެ ކަމަށެވެ. ސްޓެލްކޯއިން ބުނެފައި ވަނީ ވިއުގައަށް ގެއްލުމެއް ލިބިއްޖެ ނަމަ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތައް ބުރޫއަރައި، އެ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި މައުލޫމާތުތައް ކަމާއި ބެހޭ ފަރާތްތަކާއި ވެސް ހިއްސާކޮށްފައިވާކަމަށާއި، މިކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި، މަގު ކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، އިތުރަށް ސަމާލުކަން ދޭން އެދޭ ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތަށް ބުރޫ ނާރާނެހެން ފިޔަވަޅު އެޅުމަށް ވެސް އެދޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ބަޔާން ނިންމާލަމުން ސްޓެލްކޯއިން ބުނެފައި ވަނީ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ގެއްލުންވާ ގޮތަށް އަމަލު ކުރުމުން ކަރަންޓުގެ ހިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ބަޔަކަށް ދައުވާކޮށް،  ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަން ޖެހޭ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: