ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރެވިދާނެ، ރަނގަޅު ގޮތަކީ އިންތިހާބުވި ޕާޓީގައި ދެމިހުރުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ މަގާމުތަކަށް ހޮވޭ ސިޔާސީ ޕާޓީތައް ދޫކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ކުރާކަމަށާއި ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތަޅުމުން ބަލައިގަނެ، ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާ އެންޓި ޑިފެކްޝަން ބިލަށް ތާއީދު ކުރައްވަން ތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ ގިނަ ފަހަރަށް މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރާ މަގުބޫލު ސަބަބުތައް ހުންނަކަމަށެވެ. މިސާލެއްގެ ގޮތުގައި އެމްޑީޕީގެ އެތެރޭގެ އުސޫލުތައް ގަބޫލު ނުކުރެވޭތީ ސަރުކާރާ ގުޅުނު 13 މެމްބަރުން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ އެރޭގެ ޖަލްސާގައި ވެސް އެކަން އެނގިގެން ދިޔަކަމަށެވެ.

އެކަމަކު އުސޫލެއްގެ ގޮތުން ބަލާއިރު، ޕާޓީގެ ސިޔާސަތުތަކެއް ވިއްކައިގެން އިންތިހާބީ މަގާމަށް އައުމަށް ފަހު ދިމި ހުރުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީގެ އެތެރޭގެ ޕްރައިމެރީގައި ވާދަކޮށް، ލިބޭ ޓިކެޓުގައި މަގާމަށް އިންތިހާބު ވެގެން އަންނަނީ ޕާޓީގެ ޕޮލިސީތައް ވިއްކައިގެން ކަމަށެވެ. އެކަމަކު އޭރު ގަބޫލު ކުރި އަސާސްތައް ދޫކޮށްލުމަށް ފަހު އެހެން ފިކުރަކާ ގުޅުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވި އެވެ.

ވަކި ޕާޓީއެއްގެ ޓިކެޓުގައި، ޕޮލިސީތަކެއް ވިއްކައިގެން މި އަންނަނީ.. ރައްޔިތުންގެ ތާއީދު ވެސް ހޯދައިގެން.. އައިސް އެ ތާއީދު ބޭސްވި އަސާސް ދޫކޮށްލުމަށް ފަހު އެހެން ދިމާލަކަށް ދިއުމަކީ އާންމު އުސޫލުން.. އެކަން އޮންނަން ވާނެ ގޮތެއް ނޫން..

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕީއެންސީއާއި ގުޅުނު މައްސަލައާއި ގުޅުވަ އެވެ. އެއީ އެބޭފުޅުން ގަބޫލު ކުރާ ގޮތުގައި 20 ވަނަ މަޖިލީހަށް އެހެން ޕާޓީތަކުން އިންތިހާބުވާ މެމްބަރުން ސަރުކާރަށް ގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

މި ބިލާއި އެކު ދެ ޕާޓީން މިވަގުތު ތައްޔާރު ވަމުން ދަނީ އެމްޕީ ރީކޯލް ބިލު މަޖިލީހަށް ހުށަހަޅައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ. އެއީ ދާއިރާގެ މެމްބަރުންގެ ވޯޓަކުން، އެ މެމްބަރަކު ގޮނޑިން ވަކި ކުރެވޭ އިސްލާހެކެވެ.

އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ގުޅުނު މެމްބަރުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ބޭފުޅުން ސަރުކާރަށް ތާއީދު ކުރީ ސަބަބުތަކާއި ހުރެކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާ މެމްބަރުންތަކެއް އަބަދުވެސް އިސް ކުރާނީ ގައުމުކަމަށް ވިދާޅުވި އެވެ.

ދެން އެހެން ނަމަވެސް އަޅުގަނޑުމެންނާ ދިމާވި ހާލަތު އެބަ ފެނޭ.. އަޅުގަނޑުމެން ކައިރިއަށް ވަޑައިގެންނެވި މެމްބަރުންނަށް އެ ފުރުސަތު ނެތް ނަމަ.. ގުޅިވަޑައިނުގެންނެވުނީސް.. ދެން އަޅުގަނޑަކަށް ނޭނގެ.. މިއީ ޑިބޭޓަބަލްކަމެއް.. އެކަމަކު އެންމެ އައިޑިއަލް ގޮތަކަށް ވާނީ އިންތިހާބުވި ޕާޓީގައި ހުރެގެން ކުރިޔަށް ދިއުން.. އެއީ ރައްޔިތުންނާ އެކު އެ ހެދިފައި އޮންނަ ސޯޝަލް ކޮންޓްރެކްޓަކީ ވެސް.. އެހެންކަމުން އުސޫލެއްގެ ގޮތުން އަޅުގަނޑު ތާއީދު ކުރަން ތި ބިލަށް

ރައީސް ވިދާޅުވީ އެންޓި ޑިފެކްޝަން ބިލަކީ ބަހުސް ކުރެވިދާނެ އިސްލާހެއްކަމަށާއި، އެހެން ނަމަވެސް އުސޫލެއްގެ ގޮތުން އެންމެ ރަނގަޅީ އިންތިހާބުވާ ޕާޓީގައި ދެމި ހުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: