ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ހީކުރައްވަނީ ދިވެހި ރައްޔިތުންނަކީ އެއްވެސް ކަމެއް ނުދަންނަ ގަމާރު ބައެއްކަމަށް: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުތަކެއް ވުމަށް ފަހު އެއާއި ހިލާފުވެ، ހީކުރައްވަނީ ދިވެހި ރައްޔިތުންނަކީ ގަމާރު އެއްވެސް ކަމެއް ނުދައްނަ ބައެއްގެ ގޮތުގައިކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް، އެމްޑީޕީން ވެސް ކެމްޕެއިން ކުރަމުން ގެންދާއިރު އެ ޕާޓީން ތަކުރާރުކޮށް ބުނަމުން ދަނީ ސަރުކާރަށް އަޣުލަބިއްޔަތު ނުދިނުމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ފުރުސަތު ދޭން ވެސް ވަނީ އެދިފަ އެވެ.

ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، އެމްޑީޕީން މަސައްކަތް ކުރަނީ މަޖިލިސް ތެރެއިން އުނދަގޫކޮށް ޖެއްސުން ކުރުމަށެވެ. އަދި ސަރުކާރުން ފަށައި އިއުލާނުކޮށްފައިވާ މަޝްރޫއުތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ކުރެއްވިކަމަކީ، ރައްޔިތުން ކޮންމެހެން ބޭނުންވެފައި ހުރި ކަންކަމަށް އިއުލާނު ކުރުން ކަމަށެވެ. އެގޮތުން ފުށިދިއްގަރު ފަޅުގެ ބޮޑު ސަރަހައްދެއް ހިއްކާނެކަމަށް ވައުދުވި އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްޕެންޝަން މަޝްރޫއުގެ ދަށުން އަމާޒު ހިފާފައިވާ ޓާގެޓަކީ ހިޔާލީ އަދަދުތަކެއްކަމަށް ސިފަ ކުރެއްވި އެވެ. ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން އެކި ރަށްތަކަށް ގޮސް ވައުދުވުމުގައި އެއްވެސް ދިރާސާތަކެއް ހަދައި މައުލޫމާތުތައް އެއް ނުކުރާ ކަމަށެވެ.

ބޮޑު ހަރަދު ކުރުމަށް ފަހު ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި އެއާޕޯޓު އެޅުމަށް ވައުދުވީ އެއްވެސް ބެލުމެއް ނެތިކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ވެރިކަން ވަޑައިގެން ކުރެއްވި ކަމަކީ ރައްޔިތުން ކޮންމެހެން ބޭނުންވެފައި ހުރި ބޮޑެތި މަޝްރޫއުތައް އިއުލާނު ކުރެއްވީ. ފުށިދިއްގަރުން އެއްހާސް ހަސްތޭކަހެން އަޅުގަނޑު ހަނދާން ވަނީ.. ބިން ހިއްކާ ވާހަކަ.. އެއާޕޯޓު 25 މިލިއަން މީހުން އެރައިވާ ވާ ގޮތަށް ހަދާނެކަމުގެ ވާހަކަ.. މިއީ މުޅި ސިންގަޕޯރ ދުބާއީގައި ވެސް ނުވާވަރުގެ ވާހަކައެއް މި ދައްކަނީ. ދެން އެ ދިޔަ ބާރު މިނުގައި ގޮސް ގދ. ތިނަދޫގައި އަޅައިފި އެއާޕޯޓެއް.. ދެން އަނެއް ދުވަހު ދިޔައީ ވިލިނގިލިއަށް.. ވިލިނގިލީގައި އެއަށް ވުރެ ބޮޑު އެއާޕޯޓެއް.. މި ކަހަލަ އެތައްކަމަކުން ރައްޔިތުންނަށް އޮޅުވާލަމުން ދަނީ.. އަޅުގަނޑަށް ހީވަނީ ރައީސް މުއިއްޒަށް ހީވަނީ ހެން ރައްޔިތުންނަކީ ގަމާރު ބައެކޭ

ސަރުކާރުން އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އޭގެ ނަތީޖާ ފެންނަމުން ދާކަމަށް ބުނެފައިވާ ވާހަކައިގެ ރައްދުގައި ރައީސް ސޯލިހު ވިދާޅުވ ރިކަރަންޓު ހަރަދުތައް އިންތިހާއަށް އިތުރުވެފައިވާކަމަށެވެ. އަދި އިގްތިސާދު މެނޭޖު ކުރުން އެއީ ފަށާފައި ހުރި ހުރިހާ މަޝްރޫއުއެއް ހުއްޓާލުން ތޯ ސުވާލު ކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން 1،700 އެއްހާ މަޝްރޫއު ހުއްޓާލާފައިވާ ކަމަށެވެ. އަދި އިންތިހާބާ ދިމާކޮށް އެތައް ވަޒީފާއެއް އުފައްދައި ނުކުރާ މަސައްކަތްތަކަށް ވެސް މުސާރަ ދެމުން ގެންދާކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރު އޮތީ ގޮތް ހުސްވެފައިކަމަށާއި އެކަން އެންމެ ބޮޑަށް ސާބިތުކޮށް ދެނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހަށް ހާޒިރުވާން އެންގުމުން ކަމަށެވެ. އަދި ވިދާޅުވީ ލީޑާޝިޕްގެ ކޮންމެ މީހަކު، ވަކިވަކީން ފުލުހަށް ގެންދިއުމަކުން ވެސް މައްސަލައެއް ނެތްކަމަށާއި އެ ޕާޓީއަކީ ޖަލުގެ އެތެރޭގައި ދުވަސްތައް މީގެ ކުރިން ވެސް ހޭދަކުރި ބައެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވީމަ އެއީ އަޅުގަނޑުމެން ހުއްޓުވުމަށް ކުރާކަމެއް ވެއްޖެއްޔާ، އަޅުގަނޑު ބުނާނީ ސޮރީއޭ.. ސޮރީއޭ.. ސޮރީއޭ.. އެކަމެއް ނުވާނޭ..

ފައްޔާޒް ފުލުހަށް ހާޒިރު ކުރި މައްސަލައިގައި “ސަންގު” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ނިޔަތެއްގައި އެއްވެސް ބަޔަކު ހައްޔަރުކޮށް ފުލުހަށް ހާޒިރު ކުރުން އެއީ އެމަނިކުފާނުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި ފައްޔާޒް ފުލުހަށް ހާޒިރުވާން އެންގުމުން، އެކަމުގައި ސިޔާސީ އެއްވެސް މަގްސަދެއް ނެތްކަމުގެ ޔަގީންކަން ދޭން ހޯމް މިނިސްޓަރ އަލީ އިހުސާނަށް ދެންނެވިކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މައްސަލައެއް ހުށަހެޅުމުން އެކަމެއްގެ ތަހުގީގުތައް ކުރިޔަށް ދާނެކަމަށާއި ޑިމޮކްރަސީއެއް އޮތް ގައުމެއްގައި ކަން އޮންނަން ޖެހޭނެ ގޮތަކީ ވެސް އެއީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސޯލިހް ތިީ ބޯގޯސް މީހެއް ވެރިކަން ލިބުނީ އެކަން ވެސް ކުރަން ނޭންގުނު އަނގަ ނުތަޅާ ހުރިއްޔާ މާ ރަގަޅުވާނެ .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: