ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ހުއްޓާލިކަމަށް ބުނާތީ، ރައީސް ރައްދު ދެއްވީ ތަފާސްހިސާބުތަކުން!

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: | ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށާފައި ހުރި ގިނަ މަޝްރޫއުތައް ހުއްޓުވާފައިވާކަމަށް ބުނެ ކުރާ ތުހުމަތުތައް ތަފާސްހިސާބުތަކާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ގާތްވެފައި ވާއިރު، ރައީސް މުއިއްޒަށް އަމާޒުކޮށް އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން އެންމެ ބޮޑަށް ކުރާ ތުހުމަތަކީ އެ ޕާޓީގެ ވެރިކަމުގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ. ކެމްޕެއިން އެކި ޖަލްސާތަކުގައި ސަރުކާރަށް އަމާޒު ކުރާ ބަހުގެ ހަމަލާތަކަށް ރޭ ހުޅުމާލޭގައި އޮތް ކެމްޕެއިން ޖަލްސާގައި ރައީސް ރައްދު ދެއްވާފައި ވަނީ ތަފާސްހިސާބުތަކުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި އެތައް މަޝްރޫއުއެއް ކުރިޔަށް ގެންދަން އެގްރިމަންޓު ހެދިކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް އެއީ އެއްވެސް ފައިދާއެއް ކުރާ ގޮތަށް ހުރި އެއްބަސްވުންތަކެއް ނޫން ކަމަށެވެ. ދައުލަތަށް ގެއްލުންވެ، އެ ޕްރޮޖެކްޓެއްގައި ސޮއި ކުރާ ބަޔަކަށް މަންފާ ވާ ގޮތަށް ހަދާފައިފައި ހުރި އެއްބަސްވުންތައް ރައީސް ސިފަ ކުރެއްވީ “ވަން ސައިޑެޑް އެގްރިމަންޓު” ތަކުގެ ގޮތުގަ އެވެ.

– ކުރީގެ ސަރުކާރުގައި: ފެނާ ނަރުދަމާގެ 27 މަޝްރޫއުއެއް ހުއްޓިފައި
ފެނާ ނަރުދަމާގެ 74 މަޝްރޫއުއެއް ދަނީ ކުރިޔަށް
– ކުރީގެ ސަރުކާރުގައި: އެއްގަމު ތޮށި ލުމުގެ 30 މަޝްރޫއުއެއް ހުއްޓިފައި
މި ސަރުކާރުން ދަނީ 90 މަޝްރޫއުއެއްގެ މަސައްކަތް ކުރަމުން
– ކުރީގެ ސަރުކާރުގައި: އެއާޕޯޓު އެޅުމުގެ 07 މަޝްރޫއުއެއް އޮތީ ހުއްޓިފައި
މި ސަރުކާރުން ވަނީ އެ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައި
– ކުރީގެ ސަރުކާރުގައި: 17 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އޮތީ ފައިސާ ނުދޭތީ މަޑުޖެހިފައި
މި ސަރުކާރުން ވަނީ މަގު ހެދުމުގެ 26 ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައި
– ކުރީގެ ސަރުކާރުގައި: ފުޓުބޯޅަ ދަނޑުތަކާއި، ކޯޓުތައް އެޅުމުގެ 84 މަޝްރޫއުއެއް ހުއްޓިފައި
މި ސަރުކާރުން ދަނީ ދާއިރާއާއި ގުޅުން ހުރި 71 މަޝްރޫއު ހިންގަމުން
– ކުރީގެ ސަރުކާރުގައި: ތައުލީމީ ދާއިރާގެ 90 މަޝްރޫއުއެއް ކުރިޔަށް ނުގޮސް އޮތީ ހުއްޓިފައި
މި ސަރުކާރުން މިހާރު ކުރިޔަށް ގެންދާ ޖުމްލަ ޕްރޮޖެކްޓުތަކުގެ ޖުމްލަ 217 އަށް އަރާ
– މި ސަރުކާރުން ވަނީ ގެދޮރުވެރިކަމުގެ 11 މަޝްރޫއު ފަށާފައި

ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްތަކަށް ދަތުރު ކުރެއްވި އިރު ވެސް ގިނަ ރަށްތަކުގެ މަސައްކަތް ހުރީ މަޑުޖެހިފައި ކަމަށެވެ. ވެރިކަމާ ހަވާލުވުމަށް ފަހު ޕްރޮޖެކްޓުތައް އެގޮތަށް ކުރިޔަށް ނުދާ ސަބަބު ބެލި ބެލުމުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ މައްސަލަ ފާހަގަކުރެވުނުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެރިކަން ނިމުނުއިރު 09 ބިލިއަން ރުފިޔާ ކުންފުނިތަކުން ރައްޔިތުންނަށް ނުދީ ހުރިކަމަށެވެ. އެހެންވެ ސަރުކާރުން އެ މަޝްރޫއުތައް ހިމެނޭހެން، އަމިއްލަ ޕްރޮޖެކްޓުތައް ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްތައް ހުއްޓާލާފައި ވާތީ، މަޖިލިސް އިންތިހާބު ދޭން އެމްޑީޕީން ބުނަމުން ދަނީ އެއްވެސް އަސާސެއް ވާހަކަތަކެއްގެ މައްޗަށް ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލައި، ސިޔާސީ ނިޔަތުގައި ދައްކާ އެފަދަ ވާހަކަތައް ގަބޫލު ނުކުރުމަށް ރައީސް ވަނީ ގޮވާލާފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ހާމަކުރެއްވި ތަފާސްހިސާބުތަކަކީ ކަން އޮތް ގޮތްކަމަށާއި، ނަމްބަރުތަކުން ހެދޭނެ އިތުރުފުޅެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: