ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޓި ޑިފެކްޝަން ގާނޫނު؛ ބޭނުންތެރި، އެކަމަކު ބަޔަކު ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑެއް

ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާއި އެސްއޯ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ހޮވޭ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލެން ޖެހޭކަމަށް ގަބޫލު ކުރެވޭތީ މީގެ އަހަރުތަކެއް ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ހަރުކަށި ގާނޫނެއް ގެނައެވެ.

މަޝްހޫރު މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ތޯ، ނުވަތަ ނޫންތޯ ސާފު ނުވެ އުފެދުނު ހާޖާނު ގަނޑެއް ވެސް އުފެދުނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން ހަމަ އެ ކޯޓުން ބާތިލުކޮށްފައި ވެއެވެ.

މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީން ވަކިވާ، ނުވަތަ ވަކި ކުރާ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ކޯޓުން ހުކުމް ނެރުނުއިރު، އެ ހުމުމުގައި އޮތީ އެންޓި ޑިފެކްޝަން ގާނޫނެއް ގެނައުމަށް މަޖިލީހަށް ލާޒިމުކޮށްފަ އެވެ. އެކަމަކު އޭރު އެ ހުކުމް ކުރިތާ ހަތް މަހާއި ގާތްވެގެން ދިޔައިރު ވެސް އެ ވުޖޫދު ކުރެވިފައި ނުވާތީ އެކަން ހުކުމުގައި ފާހަގަކުރި އެވެ.

ހުކުމުގައި ވާގޮތުން، އެހާ ދިގު މުއްދަތެއް ގާނޫނު ނުގެނެވި ނަގާފައި ވަނީ، ސަރުކާރާއި މަޖިލީހުން އެގޮތަށް އަމަލު ނުކުރުމުންނެވެ. ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ހެދު އުސޫލު އެއީ މަލްޓި ޕާޓީ ނިޒާމު ހަރަދުދަނާ ކުރުމަށް މުހިންމު އުސޫލެއްކަން ފާހަގަކޮށް ހުކުމުގައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ކޮންމެހެން ވެސް ފާސް ކުރަން ޖެހޭ މުހިންމު ގާނޫނެއް ކަމަށެވެ. އަދި ގާނޫނު އޮތުން ކޮންމެހެން ވެސް ބޭނުންތެރިކަން ފާހަގަކުރި އެވެ.

އޭގެ ފަހުން އެންޓި ޑިފެކްޝަން ގާނޫނެއް ގެނައިއިރު، އެ މައްސަލަ ކޯޓަށް ގެންދިއުމުން އެއީ ސައްހަ ގާނޫނެއްކަމަށް ކޯޓުން ހުކުމް ކުރި އެވެ.

ކުރީގައި އެމްޑީޕީއަށް ގޯސް، އަދި މިހާރު މިއީ ގެންނަން ލާޒިމު ގާނޫނެއްކަމަށް ގަބޫލު ކުރެވި 2018 ގައި ވެރިކަމަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީ ވައުދަކީ އެ ގާނޫނު އުވާލުމަށެވެ. 2018، މާޗު 13 ގައި އެމަނިކުފާނު އިސްވެ ހުންނަވައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ އޭރުގެ ފަނޑިޔާރުން، ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑީޔަރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުން އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށްފައި ވަނީ ރައްޔިތުންގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ޝަކުލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމް ކުރާ އުސޫލުތަކާއި ހަމަތަކާއި ހިލާފަށް ކަމަށެވެ. އަދި ގާނޫނުއަސާސީގެ 74 ވަނަ މައްދާއާއި ގާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ނައައްސަށް ރިއާޔަތްކޮށް އެއީ ބަތިލު ނިންމުމެއްކަމަށް ވެއެވެ.

އަދި އެ ނިންމުގެ ނަތީޖާއަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލު ކުރުން ސިޔާސީ ޕާޓީތަކުގެ މަސްލަހަތުގައި ހުއްޓުވުމާއި ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައިވާ ދުސްތޫރީ އުސޫލާ ހިލާފުވާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މެމްބަރަކު މަގާމުން ވަކި ކުރަން ޖެހިއްޖެ ތޯ ބަލައި ގޮތެއް ކަނޑައެޅުމަކާ ނުލައި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅޭނެ ގާނޫނީ އުސޫލުތަކެއް އެކަހަށައެޅުމުންނެވެ.

އެކަމަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ ހައްގާއި ގަނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ މީހަކު އަމިއްލައަށް ނުވަތަ އެ މީހަކު މިނިވަންކަމާ އެކު އިހުތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގާއި ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތަށް ސިޔާސީ ޕަޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގާއި މިނިވަންކަމަށް ގާނޫނީ ހިމާޔަތް ދީ އިންތިހާބީ ހައްގުތަކާއި ސިޔާސީ ހައްގުތައް ހިމާތަތް ކުރުމަށް ގާނޫނުއަސާސީގެ ކަނޑައަޅާފައިވާ އުސޫލުތައް ނިގުޅައިގަންނަ ކަމެއްކަމަށެވެ.

ގާނޫނީ ދައުލަތެއްގެ އެންމެ މުހިންމު އަސާސަކީ “މަބްދައުލް މަޟްރޫރިއްޔާ” ނުވަތަ “ޕްރިންސިޕަލް އޮފް ލީގަލިޓީ” ގެ އަސާސެވެ. މި މަބްދައުގެ މުރާދަކީ ދައުލަތުގައި ގާނޫނުގެ ސިޔާދަތު ކަށަވަރުވެ، ދައުލަތުގެ އެންމެހާ ބާރުތަކާއި މުވައްސަސާތަކައި އިދާރާތަކާއި އަދި އެންމެހައި ރައްޔިތުން ގާނޫނަށް ބޯލެނބުންކަމެވެ.

ގާނޫނީ ގާއިދާތައް އެއީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނުތަކެއް ނަމަވެސް ދައުލަތުގެ އިދާރާތަކުން ނެރޭ ގަވައިދަކަށް ވިޔަސް ނުވަތަ އިދާރީ ގަރާރެއް ނަމަވެސް ދައުލަތުގެ ގާނޫނީ ހަރުފަތުގެ އެންމެ މަތީގައިވާ ގާނޫނުއަސާސީގެ ނައައްސަކާއި ނުވަތަ ގާނޫނުއަސާސީން ގާއިމުކޮށްފައިވަ އެއްވެސް ދުސްތޫރީ މަބްދައަކާއި ނައާރަޒު ނުވާ ގަނޫނަކަށް ވާން ޖެހެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެންޓި ޑިފެކްޝަން ގާނޫނު ގެނައުމުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށްވުމާއި މި ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައިކަމަށްވާއިރު މިނިވަންކަމާއި އެކު އިހުތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމަށް އިންތިހާބު ކުރާ މެމްބަރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ރައްޔިޔުން އިންތިހާބު ކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބު ކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރު ކުރުމެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނަކަށް ހެދުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއަކާއި އެކު އޮތް އެމްޑީޕީގެ 13 މެމްބަރެއް ކުއްލި ގޮތަކަށް، ސަރުކާރަށް ތާއީދުކޮށް ވެރިކަން ކުރާ ޕާޓީއަށް ގުޅުންވީ އެމްޑީޕީއަށް ބަލައިގަތުމަށް އުނދަގޫ ކަމަކަށެވެ. ވެރިކަންތައް ބަދަލުވުމާއި އެކު ޓްރާންސިޝަނަލް މުއްދަތުގައި، ނުވަތަ ސަރުކާރުގެ ކުރީކޮޅު އެކި މީހުން ސިޔާސީ ފިކުރު ބަދަލުކޮށް އެހެން ޕާޓީތަކާއި ގުޅޭތަން ފެނެ އެވެ. އެކަމަކު ބައިބޯކޮށް، ކުއްލި ގޮތަކަށް ގުޅުނު މިއީ ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީންގެ ވެރިކަން 2018 ގައި ބަދަލުވުމުން އޭރު އެމަނިކުފާނާއި އަރިސް އެތައް މެމްބަރެއް ޕީޕީއެމްއިން ވަކިވި އެވެ. އެބޭފުޅުން އޭރު ގުޅިވަޑައިގަތީ ސަރުކާރު ކޯލިޝަނުގައި ހިމެނުނު ޖުމްހޫރީ ޕާޓީއާއި އެވެ.

މަޖިލިސް އިންތިހާބު ގާތްވެފައި އޮތުމުން އެމްޑީޕީއަށް ވިސްނުނީ، އަލަށް ހޮވޭ އެ ޕާޓީގެ މެމްބަރުން ވެސް ސަރުކަރަށް ގުޅިދާނެކަމަށެވެ. އެބޭފުޅުންގެ ހިސާބުތަކުގައި އޮތީ ޕީއެންސީއަށް މަދު ގޮނޑިއެއް ލިބި އެމްޑީޕީއަށް ގިނަ ގޮނޑި ލިބުމެވެ. އެހެންވެ އަވަސް އަރުވާލައި ގާނޫނު ގެނައުމަށް ހުށަހަޅާއި، މަހެއްގެ ތެރޭގައި ކޮމިޓީގެ މަސައްކަތްތައް ނިންމައި ގާނޫނެއްގެ ގޮތުގައި ފާސްކުރި އެވެ.

އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ގެނައި އެ ގާނޫނުގައި ވަނީ ރާއްޖޭގައި ހިންގަމުން ދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ހޮވުމަށް ފަހު އެ ޕާޓީއެއް ދޫކުރުމުން ގޮނޑި ގެއްލޭ ހާލަތްތަކެވެ. އެ ގާނޫނުގެ ބޭނުމަކީ ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކުގައި ތިބޭ މީހުން އެއީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވުމެވެ. އަދި އެ މެމްބަރަކީ އާންމުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިފައިވާ މެމްބަރެއްކަމަށް ހެދުންކަމަށް ވެސް ވެއެވެ.

ގާނޫނަކީ ކިތަންމެ މުހިންމު ގާނޫނެއް ނަމަވެސް، ސުވާލު އުފެދެނީ އެކަން ކުރި ގޮތުގެ ނިޔަތަށެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ވިޔަސް، ނުވަތަ އެމްޑީޕީގެ މެޖޯރިޓީން ކުރި ކަމެއް ނަމަވެސް އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ގާނޫނަށް އެމްޑީޕީން ފާޅުގައި ދެކޮޅު ހެދިކަން އޮތީ ސާފުކޮށް ފެންނާށެވެ. ފްލޯ ކްރޮސިން އާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން 2017 ގައި ނިންމި މައްސަލަ ބާތިލުކަމަށް ކަނޑައެޅުމުން އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިއިރު، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ފާސް ކުރުމަކީ ސުޕްރީމް ކޯޓުން ކުރި ނެރުނު އަމުރުތަކަށް ބަލާއިރު ހުއްދަ ކުރާކަމެއް ނޫންކަމަށް އެމްޑީޕީން ގަބޫލު ކުރި އެވެ.

ކޮންމެއަކަސް އެންޓި ޑިފެކްޝަން ނުވަތަ ފްލޯ ކްރޮސިންގެ ގާނޫނެއް އޮތުމަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި އަމަލު ކުރަމުން އަންނަ ގަނޫނެކެވެ.

ރައީސް ޔާމީން އެންޓި ޑިފެކްޝަން ގާނޫނެއް ގެނައީ، މަސީހަކާއި ޖެހި އުފެދުނު ބޮޑު ސިޔާސީ ރޯޅީގައި ޕީޕީއެމުން މޭފުއްޕާލުމަށް ފަހު އުފުރިގެން ދިޔަ މެމްބަރުންތައް ސައިޒު ކުރުމަށެވެ.

އެމްޑީޕީ އެކަން ކުރީ، 13 މެމްބަރަކު ކިހިލީ ޖަހައިގެން ދިޔައީކަމަށް ތުހުމަތުކޮށް، 20 ވަނަ މަޖިލީހުގައި އެކަން ތަކުރާރު ވިޔަ ނުދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: