ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ހައްގުގައި މެޑަމް ފާތުންއާއި، ޒޭން މަގުމައްޗަށް ނުނިކުތީ ކީއްވެތޯ އަބްދުއްރަހީމް ސުވާލު އުފައްދައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އަދި އަނބިކަނބަލުން ފާތިމަތު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑާރ ކުރިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރުމުން އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މަގުމަތީ ހަރަކާތްތަކުގައި ބައިވެރިނުވީ ސަބަބާ މެދު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އެކު މިއަދު ކުރިޔަށް ގެންދިޔަ ޕެނަލް ބައްދަލުވުމުގައި އެބޭފުޅުން އެންމެ ބޮޑަށް ފާހަގަކުރީ މިދިޔަ ފަސް އަހަރު މަގުމަތީ ހަރަކާތްތައް ހިންގުމުގައި ކުރި މަސައްކަތްތަކެވެ. އަދި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށައި، ޕީޕީއެމް ދޫކުރެއްވި ރައީސް ޔާމީންގެ އަރިހުގައި ތިއްބެވީ އެމަނިކުފާނަށް ދުވަހަކު ވެސް އިހުލާސްތެރިކަމެއް ހުންނާނެ ބައެއް ނޫންކަމަށް ވިދާޅުވި އެެވެ.

މި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެންމެ ބޮޑު ހިތާމައަކީ މިއަދު ވެސް ރައީސް ޔާމީނަށް ވާފާތެރީ ކޮން ބައެއްކަން ދަސް ނުވުން ކަމަށެވެ. ރިޔާސީ އިންތިހާބު 2018 ގައި އެމަނިކުފާނަށް ގެއްލުނު ސަބަބުތަކުގެ ތެރޭގައި، މީހުން ދަސް ނުވުން ހިމެނޭކަމަށް ވިދާޅުވީ ހުދު އެމަނިކުފާނެވެ. އެކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ އަރިހުގައި ތިބެ އެމަނިކުފާނަށް ހެޔޮ އެދޭކަމަށް ދައްކައި ވާހަކަ ދައްކާ މީހުންގެ ހެޔޮ ނިޔަތެއް ނެތްކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނުކަމަށް ތުހުމަތުކޮށް ނައިބު ރައީސްގެ މަގާމުން ވަކި ކުރި ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ މިހާރު ރައީސް ޔާމީންގެ އެންމެ އިސް ގާނޫނީ ވަކީލެވެ. އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލަކީ ވެސް ޖަމީލާއި އެކު އެ ވެރިކަން ބަދަލު ކުރުމަށް ރައީސް ޔާމީނަށް އެންމެ ބޮޑެތި ތުހުމަތުތައް ކުރި އެކަކެވެ. އަބްދުއްރަހީމް ވިދާޅުވީ ޖަމީލާއި، މަލީހު ރައީސް ޔާމީންގެ އަރިހުގައި ތިއްބެވިއިރު ދެން އެމަނިކުފާނާ ޖެހިގެން ހުންނަވާ ހުސެއިން ވަހީދަކީ “ފިނިފެންމާ” ލޯންޗުކޮޅު ގޮއްވާލި އިރު ޕޮލިސް ކޮމިޝަނަރުކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓުތައް ހަ މަސް ދުވަހު ހިފަހައްޓައި، އެ މައުލޫމާތުތައް އަހުމަދު އަދީބަށް ދެމުން ގެންދިޔައީ ހުސެއިން ވަހީދުކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވާނެ ކަމަށެވެ. އަދި އޭނާ މަގާމުން ވަކި ކުރީ ވެސް އެ ސަބަބާ ހުރެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭރު ރައީސް ޔާމީން ވިދާޅުވީ، އިންޓެލިޖެންސް ރިޕޯޓެއް ނުލިބޭތާ ނުވަ މަސް ދުވަސް ވެއްޖެއޭ.. އެ ހުރިހާ އެއްޗެއް ހުސެއިން ވަހީދު ހިފަހައްޓައިގެންނޭ ހުރީ… އަދީބަށޭ މައުލޫމާތުތައް ދިނީ… އެ މައްސަލައިގައި ޕޮލިސް ކޮމިޝަނަރުކަމުން ވަކި ކުރީ..

ރައީސް ޔާމީނަށް އެންމެ ފުރަތަމަ ކުރި ހުކުމާ އެކު، އެއާއި އިދިކޮޅަށް ޕީޕީއެމުން ނިކުމެ މުޒާހަރާތައް ފެށުމާ އެކު އެއީ ސައްހަ ހުކުމެއްކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަގަށް ގޮވަމުން ގެންދިޔައީ ވެސް މަލީހުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ރައީސް ޔާމީނަށް 2018 ގެ އިންތިހާބު ގެއްލުވާލަން މަސައްކަތް ކުރި، މަލީހު އޭގެ ފަހުން އޮތް ލޯކަލް ކައުންސިލް އިންތިހާބު ވެސް ޕާޓީއަށް ގެއްލުވާލަން މަސައްކަތް ކުރިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެއިތުރުން އަބްދުއްރަހީމް ވަނީ ޕާޓީގެ ލީޑާޝިޕުން ރައީސް ޔާމީންގެ ހައްގުގައި ކުރި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ސިޔާސީ މީހުން ހައްޔަރު ކުރުމުން، އެ މީހުންގެ އަންބިންނާއި އާއިލާ މެމްބަރުން މިނިވަން ކުރުމަށް ގޮވާލައި ނިކުތް ކަމަށެވެ. އެގޮތުން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ހައްޔަރު ކުރުމުން އަނބިކަބަލުން ނިކުންނެވި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައްގުގައި އަނބިކަބަލުން އައިޝަތު ނަހުލާ ނިކުންނެވިކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރައީސް ޔާމީން ހައްޔަރު ކުރުމުން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ނުނިކުންނެވީ ކީއްވެގެން ތޯ ސުވާލު އުފެއްދެވި އެވެ.

އަޅުގަނޑުމެން ދުށިން މައުމޫން ޖަލަށްލީމައި، ނަސްރީނާ ނިކުތް ތަން.. ގާސިމް ހައްޔަރު ކުރުމުން ނަހުލާ ވެސް ނިކުތް ތަން.. ނާޒިމާއި އަބްދުﷲ ރިޔާޒް، މަހުލޫފް ޖަލަށް ލީމައި ވެސް އެބޭފުޅުންގެ އަނބިކަނބަލުން ނިކުތްތަން.. އިމްރާން ހައްޔަރު ކުރީމަ އޭނާގެ އަނބިކަނބަލުން ނިކުމެވަޑައިގެންނެވި… އެހެންވެ، އަޅުގަނޑު ސުވާލު އުފައްދަން.. ރައީސް ޔާމީން އެހާ ދުވަހު ޖަލުގައި އޮންނެވި އިރު މެޑަމް ފާތުމް ވަޑައިނުގެންނެވީ ކީއްވެގެން ތޯ.. ޒޭން ވަޑައިނުގެންނެވީ ކީއްވެގެން ތޯ..
މެޑަމް ފާތުންއާއި، ޒޭން ހަރަކާތްތަކުގައި ބައިވެރި ނުވި ސަބަބާ މެދު އަބްދުއްރަހީމް ސުވާލު އުފެއްދެވި އިރު ޒޭންއަކީ ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މުއައްސިސެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ވެސް އެއްވެސް ވަރަކަށް ސިޔާސީ ހަރަކާތްތަކުގައި ޒޭން ބައިވެރިނުވެ އެވެ. އެކަމަކު ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ފަހުން އެންމެ ކައިރީގައި ހުންނަވާ އެކަކަކީ ޒޭން އެވެ.
މީގެއިތުރުން މެޑަމް ފާތުންގެ މާބޮޑު ފެނިލުމެއް މިދިޔަ ފަސް އަހަރު ނުފެނުނު ނަމަވެސް ރިޔާސީ އިންތިހާބުގެ ދުވަސް ވަރު ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: