ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ފުމުމުގައި ނުވަ އަހަރު، ފިޔަޖަހަނީ މީޑިއާގެ އެންމެ އުހުގަ!

ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ނުވަ އަހަރު ކުރިން 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ސަންގު ޓީވީއިން ސަންގު ފުމެންފެށީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ބާރުގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުން ކޮށްގެން ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސްދިނުމުގެ ވަރުގަދަ އަޒުމުގައެވެ.

ސަންގު ޓީވީއަށް މިއަދު ނުވަ އަހަރު ފުރިގެންދާ މި އުފާވެރި މުނާސަބާ ފާހަގަ ކުރަމުންދާއިރު ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން މިކުރި ނުވަ އަހަރުގެ ދަތުރުގައި ލިބުނު ހިތާމައާއި އުފާ ތިޔަ ލޮބުވެތި ބެލުންތެރިންނާ ހިއްސާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ “ސަންގު” ގެ މުޅި މި ޓީމަށް ލިބިގެންދާ ވަރަށް ވެސް ބޮޑު އުފަލެކެވެ. އެކަމަށްޓަކައި މާތްﷲގެ ހަޒުރަތަށް ހަމްދާއި ޝުކުރު ކުރަމެވެ.

2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ސަންގު ޓީވީ ވުޖޫދުވެގެން އައިއިރު ދިވެހިރާއްޖޭގެ މީޑިއާގެ ވެއްޓަކީ ވަރަށް ވެސް ހަލަބޮލި އެހާމެ ވާދަވެރި ވެއްޓެކެވެ. ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގެ މީޑިއާތަކުގެ ހިންގުމުގެ ތެރެއަށް ސިޔާސީ ވެށީގެ ނުފޫޒް ވަދެފައިވާކަމީ ހަގީގަތެކެވެ.

ތަޖުރިބާކާރު ކުޑަ ޓީމަކާއެކު ސަންގުޓީވީ މިދެންނެވި ވެއްޓަށް ނިކުތުމުން އެންމެ ފުރަތަމަ ވެސް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކަކީ ސިޔާސީ ގޮތުން މީޑިއާތަކުގެ ތެރެއަށް ވަދެފައިވާ ނުފޫޒެވެ. އެގޮތުން ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި ޖަލްސާތަކާއި މި ނޫން ވެސް އެކިއެކި ސިޔާސީ ހަރަކާތްތައް ކަވަރު ކުރުމަށް ނުވަތަ ސަންގު ޓީވީގެ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް އެތައް ބަޔަކު ހުރަސްއެޅިއެވެ.

ނަމަވެސް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ބޭނުން ކޮށްގެން ފަސްޖެހުމެއް ނެތި ސަންގު ޓީމުން ކުރި މަސައްކަތާއިއެކު ބެލުންތެރިންނަށް އެ މަންޒަރުތައް ގެނެސްދެވުނުކަމީ ފިރުކެންފެށި ސަންގުޓީމަށް ލިބުނު ވަރަށް ވެސް ބޮޑު ހިތްވަރެކެވެ. އޭރުވެސް އަދި މިހާރު ވެސް ސަންގުޓީވީގެ އަމާޒަކީ ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ބެލުމެއް ނެތި ހިނގަމުންދާ ކޮންމެ ކަމެއްގެ މަންޒަރު ވަގުތުން ވަގުތަށް ރާއްޖޭގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.ސަންގު ޓީމުން މިދެންނެވި އަޒުމުގައި ކުރަމުންދިޔަ ބުރަ މަސައްކަތުގެ ތެރެއިން ސަންގު ޓީވީގެ މުދަލަށާއި ސަންގު ޓީމަށް އެތަކެއް ގެއްލުމެއް ލިބުނެވެ. ޓީމުގެ ބައެއް މެމްބަރުންނަށް ބައެއް ހާލަތްތަކުގައި ކުރިމަތިލާން ޖެހުނު ބިރުވެރިކަމާ ލިބުނު އަނިޔާތަކުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހުނު ފަަހަރު މަދެއް ނޫނެވެ. ނޫސްވެރިންނަށާއި މީޑިއާތަކަށް ސަލާމަތާއި ރައްކާތެރިކަން ދޭން ޖެހޭ ފަރާތްތަކުން ސަންގުގެ މުދަލަށް ގެއްލުންދީ ތަކެތި ގެންދިޔައީ މަދެއްކޮށެއް ނޫނެވެ. މިއަދާއި ހަމައަށް ވެސް ސަލާމަތީ ހިދުމަތްތަކުގެ ސަބަބުން ސަންގަށް ލިބުނު ގެއްލުންތަކުގެ ބަދަލު އަދި އިންސާފް ލިބިފައި ނުވާކަމީ ހިތާމައާއިއެކު ސަންގު ޓީމުން ފާހަގަ ކުރާ ކަމެކެވެ.

ހަމައެހެންމެ ސަންގުޓީވީ ޖޫރިމަނާކޮށް ހައްގު ނޫން އެތައް އަދަބެއް ސަންގު ޓީމަށް ލިބިގެންދިޔައެވެ. ނަމަވެސް ލިބުނު ކޮންމެ ހިތްދަތިކަމެއް ވެގެން ދިޔައީ ސަންގު ކުރިއަށް ދިއުމަށާއި ސަންގު ފުމެން ލިބުނު އިތުރު ހިތްވަރަކަށެވެ.

އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުން ދިޔަ ބަދަލުތަކާ ގުޅުންހުރި މަންޒަރުތައް އެންމެ ފުރަތަމަ ތާޒާކަމާއެކު ގެނެސްދިން އެއް ޓީމަކީ ސަންގު ޓީމެވެ. 2018 ވަނަ އަހަރު މުޅި ރާއްޖެ ސިއްސުވާލި 1 ފެބްރުއަރީގެ އަމުރާއި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މައުލޫމާތު އެންމެ ފުރަތަމަ އިތުބާރާ ޔަގީންކަމާއެކު ރާއްޖޭގެ ރައްޔިތުންނަށް ތަފްސީލުކޮށް ގެނެސްދިން ޓީމަކީ ސަންގު ޓީމެވެ. ތަނުގެ މުވައްޒަފުން ނިދައި، ކައިބޮއެ އުޅުނީ ސަންގު އޮފީސް ތެރޭގަ އެވެ.

ފަތިހު ފަހެއް ޖެހުމާއި ހަމައަށް ކަވަރޭޖުތައް ގެނެސް ދީ، ހެނދުނު 7 ޖެހުމާއި އެކު އަނެއްކާވެސް ކަވަރޭޖުތައް ގެނެސް ދިނެވެ. ސިޔާސީ އެކި މީހުން ހައްޔަރު ކުރަމުން ދިޔައިރު އެތަނުގައި އެންމެ ފުރަތަމަ ވެސް ހާޒިރުވެ ތިބީ ސަންގުގެ ނޫސްވެރިންނެވެ. މިއީ ސަންގު ޓީމުން ކުރި ހިތްވަރުގެ ކާމިޔާބީގެ ކުޑަކުޑަ މިންވަރެކެވެ.

No photo description available.

.އެ އަހަރުގެ ރިޔާސީ އިންތިހާބާއި އެކު ސަންގު ޓީމް އަނެއްކާ ވެސް މިސްރާބު ޖެހީ ތަފާތު ކަވަރޭޖަކަށެވެ. އިދިކޮޅުގެ ކެންޑިޑޭޓާއި އެކު ކޮންމެ ރަށަކަށް ވަކިވަކީން ދަތުރު ކުރަމުން ދިޔައީ، ހުރިހާ އިކުއިޕެމްންޓުތަކާއި އެކުއެވެ. އެއް ޓީމު ކެމްޕެއިން ދަތުރުތަކުގައި އަވަދެތި ނެތި އުޅުނު އިރު، ސަންގުޓީވީން ދިޔައީ ސްޓޫޑިއޯއިން އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންނެވެ.

No photo description available.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ސަންގުޓީވީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޒިޔާރަތުގައި އޭރުގެ ސަންގުގެ މުވައްޒަފުން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސަންގުން ކުރި މަސައްކަތަކީ މީޑިއާއެއްގެ އެންމެ ބޮޑު ކާމިޔާބު މަސައްކަތެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ހުރިހާކަމެއް އެންމެ ހަމަހަމަކަމާއި އެކު ގެނެސްދޭ ސަންގު ޓީވީން، ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ވަނީ ހަމަހަމަ ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ޖަލްސާތައް ގެނައުމާއި، ކަވަރު ކުރުމުގެ އިތުރުން ޕްރޮގްރާމުތަކުގައި ޕާޓީތަކަށް ވަނީ ހުރިހާ ވަގުތަކު ވެސް ފުރުސަތު ދީފަ އެވެ.

ރިޔާސީ އިންތިހާބުގެ ކަންކަން ކުރިޔަށް ދިޔަ ގޮތުގެ ޔޫރަޕިއަން ޔޫނިއަންގެ އިންތިހާބު ރިޕޯޓުގައި ކެންޑިޑޭޓުންނާއި ގުޅުން ހުރި މުހިންމު މައުލޫމާތުތައް ގެނައުމަށް ސަންގުޓީވީން މަސައްކަތް ކުރިއިރު އެހެން މީޑިއާތަކުން ފެނުނީ އެ މަންޒަރެއް ނޫން ކަމަށެވެ. ސަންގު ޓީވީންން އާސްކް މުއިއްޒުގެ ނަމުގައި ގެނައި ކަވަރޭޖެއްގެ ދަށުން އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސުވާލު ކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިންކަމަށް ރިޕޯޓުގައި ވެއެވެ.

މި ރިޕޯޓުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންގެ ހުރިހާ ހަބަރެއް ފުރިހަމަކޮށް ގެނެސްދީ، އެޑިޓޯރިއަލްގެ ދަށުން ހަމަހަމަ ފުރުސަތު ދިން ހަމައެކަނި މީޑިއާއަކީ ސަންގު ކަމަށެވެ. ސަންގު ޓީވީ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުގެ މެދުގައި ވެސް ފާހަގަކުރެވިފައި ވަނީ ހުރިހާ ކޮންޓެންޓެއް ގެނެސްދޭ ޗެނަލެއްގެ ގޮތުގަ އެވެ. އަދި އެއްވަގުތެއްގައި ޖަލްސާތައް އައުމުން، އެ މަންޒަރުތައް ވެސް ބެލުންތެރިންނަށް ސަންގު ޓީވީން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަގުތުން ގެނެސްދީފައި ވާނެ އެވެ.

Inthi beyzaaruve, hedhi dhogu thah bahusgai falhaa aruvaalaifi

މީގެއިތުރުން ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ސިޔާސީ ޕާޓީއެއްގެ އެތެރޭގައި އެންމެ ފޯރިގަދަ ކަމާއިއެކު ކުރިއަށް ދިޔަ އެއް އިންތިހާބު ކަމަށްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ސަންގު ޓީވީން ގެނެސްދިން ސަންގު ބަހުސްއަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް ޓީވީއަކުން ގެނެސްދިން އެންމެ ފޯރިގަދަ އެއް ބަހުސްއެވެ. ސަންގު ބަހުސްގެ ބޮޑު ކާމިޔާބީއާއި އެކު، ސަންގު ޓީވީ ވެގެން ދިޔައީ ރިޔާސީ އިންތިހާބުގައި ވާދަކުރި ހުރިހާ ކެންޑީޑޭޓުން ބައިވެރިވެގެން ރިޔާސީ ބަހުސް ބޭއްވި ފުރަތަމަ ޕްރައިވެޓް މީޑިއާ ސްޓޭޝަނަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް މި ބަހުސަށް ހުއްޓުނު އިރު، މިއީ ރާއްޖޭގެ ތާރީހުގައި މީޑިއާއެއްގެ އެންމެ ބުރަ އަދި ވަރުގަދަ މަސައްކަތެވެ.

ރާއްޖޭގެ ސިޔާސީ ތާރީހުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރި 2023 ވަނަ އަހަރުގެ ރިޔާސީ ބަހުސް ސަންގު ޓީމުގެ މޭސްތިރިކަމުގެ ދަށުން ގެނެސްދިންއިރު ރާއްޖޭގެ ހުރިހައި ޓީވީ ސްޓޭޝަންތަކަކުން “ސަންގު ރިޔާސީ ބަހުސް ބްރޯޑްކާސްޓް ކުރުމަކީ ސަންގު ޓީމަށް ލިބިގެންދިޔަ ޝަރަފަކާއި ފަޙްރެކެވެ. މި ފުރުސަތުގައި “ސަންގު ރިޔާސީ ބަހުސް ގެނެސްދިނުމުގައި ބައިވެރިވި ރާއްޖޭގެ ހުރިހައި މީޑިއާތަކާއި އެހީތެރިކަން ފޯރުކޮށްދިން ހުރިހައި ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.

ސަންގު ޓީވީން ގެނެސްދިން ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް

ސަންގު ރިޔާސީ ބަހުސްގެ ބޮޑު ކާމިޔާބީއާއިއެކު ސަންގު ޓީމުން ކުރިމަތިލީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނާއި ހަމައަށް ވަގުތުން ވަގުތަށް އެންމެ ފުރަތަމަ ގެނެސްދިނުމަށެވެ.

މަތްﷲގެ ވާގުފުޅާއިއެކު ސަންގު ޓީމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ހުރިހައި ވޯޓު ފޮއްޓެއްގެ ނަތީޖާ އިއުލާނުކޮށް ނިންމި އެންމެ ފުރަތަމަ މީޑިއާގެ ޝަރަފް ސަންގު ޓީމުން ހޯދިއެވެ.

ދެން އޮތީ ޓީމުގެ މެމްބަރުންނަށް ލިބުނު ކާމިޔާބީތަކާއި ސަންގަށް ލިބުނު އެވޯޑުތަކުގެ ވާހަކައެވެ. ސަންގު ޓީމުން ކުރަމުންދިޔަ ބުރަ މަސައްކަތުގެ ކާމިޔާބީއަށް އިތުރުވި އެންމެ އުފާވެރި އެއް ބޮޅަކީ ސަންގު ޓީވީގެ ނިއުސްހެޑް ސަހުބާން ފަހުމީ 2020 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންތިޚާބުވެ ރައީސްކަމަށް އައްޔަން ކުރެވިގެން ދިއުމެވެ.

ހަމަ އެހެންމެ 2020 ވަނަ އަހަރުގެ މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިކަމުގެ އިނާމުގެ އެންމެ ޝަރަފްވެރި ދެ އެވޯޑް ސަންގު ޓީމަށް ލިބިގެން ދިއުމެވެ. 2020 ވަނަ އަހަރު އެމްއެމްސީގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ބްރޯޑްކާސްޓިންއާއި ޕްރިންޓް މީޑިއާ ބައި އެއްކޮށްލައިގެންނެވެ. އެގޮތުން ނޫސްވެރިކަމުގެ އެކި ދާއިރާތަކުން 2020 ވަނަ އަހަރުގެ އެންމެ ގިނަ އެވޯޑް ހާސިލްކުރީ ސަންގު ޓީވީންނެވެ. އެގޮތުން 2020 ވަނަ އަހަރު ސިޔާސީ ދާއިރާގެ ހަބަރުތައް ކަވަރު ކުރުމުގައި އަދި ގެނެސް ދިނުމުގައި އެންމެ މޮޅު ނޫސްވެރިއާގެ މަގާމް ހާސިލް ކުރީ ސަންގު ޓީވީގެ މާހަތު ހުސައިން ރަޝީދު (މާތު) އެވެ. އަދި އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓްގެ މަގާމް ހޯދީ ވެސް ވެސް ހަމަ ސަންގު ޓީމުންނެވެ.

މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަމައެކަނި ބްރޯޑްކާސްޓިންގެ ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި އެންމެ ފުރަތަމަ އެވޯޑުގައި ވެސް އެންމެ ޝަރަފްވެރި އެވޯޑް އުފުލާލީ ސަންގުގެ މި ކުޑަކުޑަ ޓީމުންކަން އުފަލާއެކު ފާހަގަ ކުރަމެވެ. 

އެގޮތުން 2022 ވަަނަ އަހަރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ތައާރަފްކުރި ”ބްރޯޑްކޮމް“ އެވޯޑްގެ އެންމެ މުހިއްމު އެއް އެވޯޑް ކަމަށްވާ ބެސްޓް ކަރަންޓް އެފެއާޒް ކެޓަގަރީ އިން އެވޯޑް ލިބުނީ ސަންގު ޓީވީ އިން ގެނެސްދިން ސަންގު ބަހުސް އަށެވެ. ކަރަންޓް އެފެއާޒްގެ ގިނަ ޕްރޮގްރާމްތައް ރާއްޖޭގެ ހުރިހާ ޗެނަލްތަކުން ގެނެސްދިން ނަމަވެސް، ކަރަންޓް އެފެއާޒް ޕްރޮގްރާމްގެ ކެޓަގަރީން ނޮމިނޭޓް ވީވެސް ހަމައެކަނި ސަންގު ޓީވީގެ ތިން ޕްރޮގްރާމެވެ. އެއީ ސަންގު ބަހުސްގެ އިތުރުން ވިންދު ޕްރޮގްރާމާއި ޚަބަރަށްފަހު ޕްރޮގްރާމެވެ.

ސަންގުގެ ޓީމުން ހޯދަމުން ދިޔަ ކާމިޔާބީތައް މިވަރަކުން ނިމުނީއެއް ނޫނެވެ. ސަންގުޓީވީގެ ނިއުސް އެންޑް ކަރަންޓު އެފެއަރޒް އެޑިޓަރު މާހަތު ހުސައިން ރަޝީދު(މާތު) އަށް “4 ވަނަ ވިމް މޯލްޑިވްސް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑް 2022”ގައި ނޫސްވެރިކަމުގެ ދާއިރާއިން އެވޯޑު ލިބުމަކީ ސަންގު ޓީމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. އަދި ކުރިއެރުމެކެވެ. ރާއްޖޭގައި ހަތަރުވަނަ ފަހަރަށް ބޭއްވި މި އެވޯޑުގައި މާތުއަށް ލިބިފައިވަނީ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ރަނގަޅު ލީޑަރޝިޕެއް ދެއްކި ނޫސްވެރިޔާ (ލީޑަރޝިޕް އެކްސެލެންސް އިން ދަ ފީލްޑް އޮފް ޖާރނަލިޒަމް) އެވޯޑެވެ.

ސަންގު ޓީމުން ކުރަމުންދިޔަ ބުރަ މަސައްކަތުގެ ކާމިޔާބީއަށް އިތުރުވި އަނެއް ބޮޅަކީ ސަންގު ޓީވީގެ ޒުވާން ޓީމާއިއެކު މިއަދު މަސައްކަތް ކުރަމުންދާ ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްޒާ މުސްތަފާއަށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިގެން ދިއުމެވެ. ސަންގު ޓީވީމުގެ މެމްބަރެއްގެ ގޮތުގައި ޝިފްޒާއަށް ގައުމީ އިނާމް ލިބިގެން ދިއުމަކީ ސަންގު ޓީމަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ.

ސަންގު ޓީމުން މިއަދު ނުވަވަނަ އަހަރީ ދުވަހުގެ އުފާފާޅު ކުރަމުންދާއިރު ސަންގު ޓީވީގެ ހަޔާތުގައި ސަންގަށާއި އަދި މުޅި ސަންގުގެ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއާއި ޝަރަފްގެ ވާހަކަ ނުހިމަނާ މި ރިޕޯޓް ނިންމާލުމަކީ ސަންގުގެ ޓީމުން އެދޭ ގޮތެއް ނޫނެވެ. އެ ޝަރަފަކީ ސަންގު ޓީވީގެ އެއް ފައުންޑަރ އަދި ސަންގު ޓީވީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ވަހީދު ( އަސްވާޑް) އަށް ދިވެހި ދައުލަތާއި ދިވެހި ސަރުކާރު ތަމްސީލް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. އެހެންކަމުން އަދުގެ ސަރުކާރުގެ ޒުވާނުންގެ ވަޒީރަށް ސަންގު ޓީމާއި ސަންގު މެނޭޖްމެންޓުގެ ފަރާތުން މަރުހަބާ ދަންނަވަމެވެ.

ސަންގުން މިއަދު މިދެކޭ ކާމިޔާބީގެ މޭސްތިރިޔާ އަސްވާޑަށް އަދުގެ ސަރުކާރުގެ އެންމެ ޒުވާން ވަޒީރުގެ ލަގަބު ލިބިގެން ދިއުމަކީ ސަންގުގެ މި ޒުވާން ޓީމަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.

ސަންގަށް މިއަދު 9 އަހަރު ފުރި، 10 ވަނަ އަހަރާއި ކުރިމަތިލާއިރު ބަޔަކަށް ހިތި ނަމަވެސް ހަގީގީ ވާހަކައެއް ތިޔަ ލޮބުވެތި ބެލުންތެރިންނަށް ހިއްސާކޮށްލާނަމެވެ. 30، އޭޕްރިލް 2015 ވަނަ އަހަރު ސަންގު ވުޖޫދު ކުރުމަށް އަންނާނެ “އިއްޒަތްތެރި” އަކު ނުވިއިރު ހަފްލާއަށް އައި މީހުން ވެސް ސްޕީޗު ފެށުމާއި އެކު ރަސްމިއްޔާތު ދޫކޮށް ދިޔަ އެވެ. ނުވަ އަހަރު ފަހުން އެ ހުރިހާ ހީއެއް ފިލައި، ކަންކަން ސާފުވެ މިއަދު މި ޓީވީއަށް ނާންނަ، ޓީވީ ޕްރޮގްރާމެއްގައި ބައިވެރި ނުވާ ބޭފުޅެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ސަންގު ހުޅުވި ރޭ، ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން، ޓީވީގެ ސްލޯގަން ކަނޑައެޅުއްވީ ދިވެހި ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގު (ސޯދުބެ) އެވެ. ވިދާޅުވީ ސަންގު، ދޮގެއް ނަހަދާނެ ކަމަށެވެ. ހުރިހާ ފިކުރެއް، ކުލައެއް، ހިތްހަމަޖެހުމާއި އެކު ސަންގުގެ ގޮނޑިތަކުގައި ހަމަޖެހިލެވި އިތުބާރު އެފަރާތަކަށް ދިން އެކައްޗަކީ ތެދެވެ. ނިންމާލުމުގެ ކުރިން ސަންގު ޓީމަށް އަދި ސަންގަށް ލިބުނު ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ސަންގުގައި މިހާރު ތިބި ޓީމަށާއި އަދި މީގެކުރިން ސަންގު ޓީމާއިއެކު މަސައްކަތް ކުރި އެންމެހާ ބޭފުޅުންނަށް މެނޭޖްމެންޓުގެ ފަރާތުން ޝުކުރު އަދާކުރަމެވެ.

ނިންމާލަމުން ދަންނަވަން އޮތީ މިއަދު ރާއްޖޭގައި ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއިއެކު ހުރިހައި ކުލައެއް އެއް ސްކްރީނަކުން ފެންނާނެ ހަމައެކަނި ސްކްރީނަކީ ސަންގު ޓީވީގެ ސްކްރީނެވެ. މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ. މި ބޮޑު ކާމިޔާބީގެ ހުރިހައި ޝުކުރެއް ދަންނަވަން އޮތީ ފޫހިކަމެއް ނެތި ސަންގު ބައްލަވަމުން ގެންދަވާ ސަންގު ޓީވީގެ ބެލުންތެރިންނަށެވެ. ސަންގަށާއި ސަންގުޓީމަށް އަދަށްވުރެ ފަހި ފެހި މާދަމާއެއް މިންވަރު ކުރައްވާށީ. ދުޢާއަކީ ސަންގަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީ ލިބުމެވެ. އާމީން.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: