ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގަށް 09 އަހަރު: ރާއްޖޭގެ ސިޔާސީ އިސްވެރިންގެ ތަހުނިޔާއާއި އުންމީދު!

ސަންގުގެ 09 ވަަނަ އަހަރީ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

30، އޭޕްރިލް 2015 ވަނަ އަހަރު ރާއްޖޭގެ މީޑިއާތަކުގެ ވެއްޓަށް ސަންގު ޓީވީ އުފެދިގެން އައީ އެވަގުތަކަށް ލިބޭނެ އެންމެ ވަރުގަދަ ޓީމާއި އެކު އެވެ. ސަންގުގެ މި 09 އަހަރުގެ ކާމިޔާބީގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސިޔާސީ ކޮންމެ ކުލައެއް، ކޮންމެ ފިކުރެއްގެ ބަޔަކު ވެސް އުފަލާއި އެކު އައިސް އަޅުގަނޑުމެންގެ ޕްރޮގްރާމުތަކުގައި ބައިވެރިވެފައި ވާތީ އެވެ.

އެއީ ކޮންމެ ކުލައެއްގެ ސިޔާސީ ޕާޓީއެއް ނަމަވެސް، އެބޭފުޅުންގެ ޕްރެސްތަކާއި ޖަލްސާތައް ސަންގުން ވަގުތުން ގެނެސްދީފައި ވާނެ އެވެ. އެ ޕާޓީތަކާއި އެކު ގުޅުން ގާއިމު ކުރެވި، ހަމަހަމަކަން ހިފެހެއްޓުމަށް ކުރާ މަސައްތުގައި މިއަދާއި ހަމައަށް ވެސް ލިބިފައި ވަނީ ކާމިޔާބީ އެވެ. ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ އިސް ފަރާތްތައް، އަޅުގަނޑުމެންގެ މަސައްކަތް ބަލައިގަނެ މަރުބަބާ ކިޔަނީ އެ ސަބަބަށެވެ.

ސަންގު ސްކްރީން ފެންނަން ފެށިތާ މިއަދަށް ނުވަ އަހަރު ފުރިގެން ދިޔައިރު، އަޅުގަނޑުމެންނަށް އެ ސިޔާސީ ފަރާތްތައް އިތުރު ހިތްވަރަކާއި އުންމީދުތަކެއް ދެއްވި އެވެ. ވެރިކަން ކުރާ މައި ޕާޓީގެ ލީޑަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަޅުގަނޑުމެން ކުޑަކުޑަ ޓީމަކާއި އެކު ކާމިޔާބަށް ވާސިލުވުމަށް ކުރަމުން ގެންދާ މަސައްކަތަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ތަނުގެ އިސް މެނޭޖްމަންޓާއި، މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރެއްވި އެވެ.

ސަރުކާރުގެ މަރުހަބާއާއި އެކު ދެން ސަންގު ޓީވީގެ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ނުފޫޒު ގަދަ ބޭފުޅުންގެ ތެރޭގައި ގުނާލެވޭ ފައްޔާޒް ވިދާޅުވީ ސަންގުޓީވީއަކީ ރާއްޖެ މިއަދު ދެކެމުން މިދާ އިންގިލާބީ ޑިމޮކްރަސީގެ ބަދަލުގައި އިސްރޯލެއް އަދާކުރި މީޑިއާއެއް ކަމަށެވެ.

ސަންގުގެ މުވައްޒަފުން ކުރި، އަދި ކުރަމުން ގެންދާ މަސައްކަތަށް ފައްޔާޒް ދެއްވި މެސެޖުން އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ އިތުރު ހިތްވަރެކެވެ. ހަމަހަމަކަމާއި އެކު އާންމު ރައްޔިތުންނާއި ހަމައަށް ހަބަރު ގެނެސް ދިނުމުގައި އަދާކުރަން ޖެހޭ ރޯލު ވަނީ ހަނދާންކޮށްދީފަ އެވެ.

އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް، އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަކީ ސަންގުޓީވީއާއި އަބަދުވެސް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ސަންގުޓީވީގެ 09 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުން ފޮނުއްވައި ޝާހިދު ދެއްވީ ނަސޭހަތެކެވެ. ވިދާޅުވީ ތެދުވެރިކަމާއި އެކު ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ގެނެސް ދިނުމަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ.

ޝާހިދުގެ އެ އިލްތިމާސާއި އެއްގޮތަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ، ތެދު މައުލޫމާތު ބެލުންތެރިންނަށް ގެނެސްދިނުމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާއި، އިޖްތިމާއީ ގޮތުން ހިނގާ އަދި އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ހިނގަމުން ދާ ކޮންމެ ތަނެއްގެ އެންމެ ކުރީ ސަފުގައި ސަންގުގެ މައިކު ފެންނާނެކަމީ ޔަގީންކަމެކެވެ.

ސަންގުގެ އަހަރީ ދުވަހު މި ޓީމާއި ބައްދަލު ކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވީ ސަންގުޓީވީއަކީ ޑިމޮކްރަސީގައި ވަރަށް ގިނަ އަގުހުރި މަސައްކަތަކެއް ކުރެއްވި މީޑިއާއެއް ކަމަށެވެ. އަދި ސަންގު ޓީވީގެ ފަރާތުން ގައުމުގެ ތަރައްގީއާއި، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމުގައި ހިތްވަރު ދައްކައި އެތައް ގުރުބާނީތަކެއްވިކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އުންމީދަކީ ސަންގުޓީވީ އަބަދުވެސް ދަމަހައްޓަމުން އައި ހަމަހަމަކަމާއި، އުސޫލުތަކުގައި ދެމިތިބުން ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ބޮަޑަށް ހަލަބޮލި ވެގެން ދިޔަ ދުވަސްވަރުގައި، ސަންގުއާއި އެންމެ ގާތް ގުޅުމެއް ބާއްވައި އަޅުގަނޑުމެންގެ ސްޓޫޑީއޯތަކުން ފެނުނު އެއް ބޭފުޅަކީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވި މަރިޔާ އަހުމަދު ދީދީ އެވެ. ސަންގުގެ އަހަރީ ދުވަހަށް މާރިޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި، މިނިވަންކަމާއި އެކު މަސައްކަތް ކުރުމަށް ސަންގު ޓީވީ ދެއްކި ހިތްވަރާއި އެ އަޒުމަށް މަރުހަބާއާއި ޝުކުރު ހައްގު ކަމަށެވެ.

މީޑިއާގެ މިނިވަންކަމަށް ވަކާލާތުކޮށް ސަންގުޓީވީ ކުރި މަސައްކަތަކީ މާރިޔާ ވިދާޅުވި ގޮތުގައި، އެހެން ކޮންމެ ބަޔަކަށް ވެސް ލިބޭ އަގުހުރި ފިލާވަޅެކެވެ. ރާއްޖެ ދެކުނު އެންމެ ދަތި ދުވަސްތަކުގެ ތެރެއިން، ސަންގު ޓީވީ ކުރި މަސައްކަތް އަބަދުވެސް ބަލައިގާންނާނެކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ކުރެއްވި ޓުވީޓާއި އެކު، އަޅުގަނޑުމެންގެ ޓީމާއި ވެސް ބައްދަލު ކުރައްވައި ހާއްސަ މެސެޖަކާއި އެކު ހިތްވަރު ދެއްވި އެވެ.

މާރިޔާ ވިދާޅުވީ، ޒަމާންތަކެއް ކުރިއަށް ބަލާއިރު ނޫސްވެރިކަން ކުރުންވެފައި އޮތީ އުނދަގޫ މަސައްކަތަކަށް ކަމަށެވެ. އެ ދުވަސްވަރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ސަބަބުން ހައްޔަރަށް ދާން ޖެހުނު ޒަމާން ނަމަވެސް ޒުވާން ކުދިންތަކެއް ނިކުމެ ނޫސްވެރިކަމުގެ ހައްގުގައި ވަކާލާތުކޮށް ގަލަމުގެ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ކުރެވުނުކަން މާރިޔާ ފާހަގަކުރެއްވި އެވެ.

މާރިޔާ ވިދާޅުވީ ސަންގުޓީވީ އުފެދިގެން މިއަދާއި ހަމައަށް އައިއިރު ފާހަގަކުރެވުނު އެންމެ ބޮޑު އެއްކަމަކީ ހުރިހާ ފަރާތެއްގެ ބަސް ހިމަނައިގެން ހަބަރު ގެނައުމަށް ކުރާ މަސައްކަތެވެ. އަދި ވީހާވެސް ބޮޑަށް ހަމަހަމަކަން ހިފަހައްޓައި، މައުލޫމާތުތައް ގެނެސްދޭން ސަންގުގެ ނޫސްވެރިން މަސައްކަތް ކުރާކަން މާރިޔާ ފާހަގަކުރެއްވި އެވެ.

ސަންގުޓީވީގެ އޮތީ ވަރަށް ވެސް ޒުވާން ޓީމެއްކަމަށްވުމާއި އެކު ހިތްވަރާއި ގަދަ އަޒުމުގައި މަސައްކަތްކޮށް އަބަދުވެސް މީޑިއާއެއްގެ ހަމަތައް ހިފެހެއްޓުމަށް މާރިޔާ އިލްތިމާސް ކުރެއްވި އެވެ.

އެ އިލްތިމާސާއި އެއްގޮަށް އަޅުގަނޑުމެންގެ މި ކުޑަކުޑަ ޓީމުން މަސައްކަތް ކުރާނީ މީޑިއާތަކުގެ ހަމަތަކާއި، އެ އަހުލާގު ހިފަހައްޓައި މަސައްކަތް ކުރުމަށެވެ.

ސަންގުޓީވީގެ އަހަރީ ދުވަހު، އެންމެ ހާއްސަ މެސެޖެއް ދެއްވި އެއް ބޭފުޅަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. މީޑިއާއެއްގެ ހުންނަން ޖެހޭ ހަމަތައް ހިފެހެއްޓުމާއި އެކު، ސަންގު ޓީވީއާއި ތަނުގެ މުވައްޒަަފުންނަކީ ހިހޫތަކުން ކާމިޔާބެއް ހޯދުމުގެ ބަދަލުގައި ހޫނުކަން އިހުސާސް ކުރެވިގެން މަސަައްކަތް ކުރުމުގެ ރޫހު ގެންގުޅޭ ޓީމެއްކަން އިންތި ފާހަގަ ކުރެއްވި އެވެ.

އިންތިއަކީ ސަންގުއިން އެދުނު ކޮންމެ ވަގުތެއްގައި ވެސް އަޅުގަނޑުމެންގެ ޕްރޮގްރާމްތަކަށް ވަޑައިގެންނެވި ބޭފުޅަކަށްވާއިރު، އެމްޑީޕީގެ ދުވަސްވަރުން ފެށިގެން ޑިމޮކްރެޓްސް އުފެދިގެން އައި އިރު ވެސް ސަންގުގެ ޓީމަށް އިންތިއާއި އެކު މަސައްކަތް ކުރެވުނެވެ. އެކަން ފާހަގަކޮށް އިންތި ވިދާޅުވީ ސަންގު ޓީވީގެ މުވައްޒަފުން ފާހަގަކުރެވުނީ އެކަމުގެ ޝައުގާއި އެކު މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން އެ ޝައުގު އިތުރު ދިމާލަކަށް ދީލާލިޔަ ނުދީ މަސައްކަތްކޮށް، ކުރިއެރުން ހޯދުމަށް އިންތި އިލްތިމާސް ކުރެއްވި އެވެ.

 

ސަންގުގެ ކޮންމެ މަސައްކަތެއްގައި ވެސް، އަދި ކަވަރޭޖެއްގައި ވެސް އަޅުގަނޑުމެންނަށް ދެގޮތެއް ނުވެ އެއްބާރުލުމާއި އެހީތެރިކަން ދެއްވި އަނެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ އަލީ ސޯލިހެވެ. އެންވައިރޮމެންޓް މިނިސްޓްރީގެ ސްޓޭޓްކަން ވެސް ކުރެއްވި އަލީ ސޯލިހު ވިދާޅުވީ ސަންގުޓީވީއަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި އެތައް ތަފާތު ތަޖުރިބާއެއް ކުރި މީޑިއާއެއް ކަމަށެވެ. އަދި އެތައް ބޮޑު ޓީމަކާއި ބައެއް ހިމެނޭ ގޮތަށް ހިންގަމުން އަންނަ މީޑިއާތަކާއި ވެސް ސަންގު ޓީވީ ފައި ހަމަކުރީ މަދު މުވައްޒަފުންތަކަކާއި އެކުކަމީ ސާބަސް ހައްގު މަސައްކަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

ސަންގުޓީވީ ރައްޔިތުންނާއި ހަމައަށް ތެދު ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ކުރިޔެކޭ ވެސް އެއްގޮތަށް ދެމިތިބުމަށް އަލީ ސޯލިހު އިލްތިމާސް ކުރެއްވި އެވެ. އަދި ސިޔާސީ އޮއެވަރަކަށް ދީލާނުލައި، މިނިވަންކަމައި ހަމަހަމަކަން ދެމެހެއްޓުމަށް އަލީ ސޯލިހު އިލްތިމާސް ކުރެއްވި އެވެ. އޭނާ ވިދާޅުވީ ސަންގު ޓީވީއަކީ ރައްޔިތުންނަށް ވަރަށް ބޭނުންތެރި މީޑިއާއެއްކަމަށެވެ.

އަލީ ސޯލިހު ފާހަގަކުރެއްވި އެންމެ މުހިންމު އެއްކަމަކީ ތަނުގެ ކާމިޔާބީގެ ސިއްރަކީ މުވައްޒަފުން ކަމަށެވެ. އަދި ސަންގުގެ ދެ ތިން ކުދިން ހިމެނޭ ޓީމަކުން ވެސް ބޮޑެތި ޖަލްސާތަކުގެ ކަވަރޭޖު ގެނެސްދިން މަންޒަރު ފެނިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ސަންގުގެ އަހަރީ ދުވަހު ފޮނުއްވި މެސެޖުގައި ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރާއްޖެއަށް 2008 ގައި ގެނެވުނު އިސްލާހީ ބަދަލާއި އެކު މީޑިއާތަކަށް ބޮޑު ބަދަލެއް އައި ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަން ހޯދުމަށް ނޫސްވެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުން ދާކަން ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން ސަންގު ޓީވީ ފާހަގަކުރެވެނީ ހަމަހަމަކާއި އެކު ހުރިހާ ފަރާތެއްގެ ވެސް ބަސް ގެނެސްދޭން މަސައްކަތް ކުރާ ޗެނަލެއްގެ ގޮތުގައި ކަމަށެވެ.

ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ބޭނުން ކޮށްގެން ފަސްޖެހުމެއް ނެތި ސަންގު ޓީމުން ކުރި މަސައްކަތާއިއެކު ބެލުންތެރިންނަށް އެ މަންޒަރުތައް ގެނެސްދެވުނުކަމީ ފިރުކެންފެށި ސަންގުޓީމަށް ލިބުނު ވަރަށް ވެސް ބޮޑު ހިތްވަރެކެވެ. އޭރުވެސް އަދި މިހާރު ވެސް ސަންގުޓީވީގެ އަމާޒަކީ ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ބެލުމެއް ނެތި ހިނގަމުންދާ ކޮންމެ ކަމެއްގެ މަންޒަރު ވަގުތުން ވަގުތަށް ރާއްޖޭގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

މިއަދު ރާއްޖޭގައި ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއިއެކު ހުރިހައި ކުލައެއް އެއް ސްކްރީނަކުން ފެންނާނެ ހަމައެކަނި ސްކްރީނަކީ ސަންގު ޓީވީގެ ސްކްރީނެވެ. މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ. މި ބޮޑު ކާމިޔާބީގެ ހުރިހައި ޝުކުރެއް ދަންނަވަން އޮތީ ފޫހިކަމެއް ނެތި ސަންގު ބައްލަވަމުން ގެންދަވާ ސަންގު ޓީވީގެ ބެލުންތެރިންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: