ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ސިޔާސީ ވެރިންގެ ތެރޭގައި އެކި ފަހަރު އެކި ގޮތުގެ މަތިން ވާހަކަތައް ދެކެވެއެވެ. އިދިކޮޅުގައި އޮންނަ ފަރާތްތަކުން ރައްޔިތުނަށް މަގޫފަތް ކައިގެން އުޅެންޖެހިދާނެ ހާލަތު މެދުވެރިވެދާނެކަމުގެ އިންޒާރުތައް ދީ ކަންބޮޑުވުން ފާޅުކުރާއިރު، އެއިރެއްގައި ވެރިކަމުގައި ތިބި ބަޔަކު މުޅިހެންވެސް ދައްކާނީ އެ ދައުރުގައި ލިބެމުންދާ ނުވަތަ ލިބޭނެ މާލީ މަންފާތަކާއި އިގްތިސާދީ ކުރިއެރުންތަކުގެ ވާހަކައެވެ. އެހެންކަމުން މި ކަންކަމުގެ ހަގީގަތް ދެނެގަތުންވަނީ ކޮންމެވެސް ވަރަކަށް ދަތިކަމަކަށް ވެފައެެވެ.
މިދިޔަ ދައުރުގައި އިގްތިސާދީ ކަންކަމާއި ހަވާލުވެތިއްބެވި ބޭފުޅުން އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ގެންދެވީ އިގްތިސާދީ ގޮތުން ކުރެވިފައިވާ މަސައްކަތްތަކާއި ހޯދިފައިވާ ކުރިއެރުންތަކެއް ހުރިކަމަށް ބުނަމުން ނަމަވެސް ރާއްޖެ އޮތީ އިންތިހާއަށް ދަރަނިވެރިވެފައެވެ. ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮތްކަމަށް މާލީ ކަންކަމާއި ބެހޭ ބައިނަލްއަގުވާމީ ވުޒާރާތަކުން ދަނީ ބުނަމުންނެވެ. އަދިވެސް އެ ހާލަތަށް ބަދަލުތަކެއް ނާދެއެވެ. 2026 ވަނަ އަހަރާއި ޖެހެންދެންވެސް ބޮޑެތި ދަތިތައް ހުރިކަމަށް ބުނެ އިންޒާރުތައް ދީފައިވެއެވެ.
އެހެންކަމުން އައު ސަރުކާރުގެ ދައުރުގައި މާލީ ހައްލުތަކެއް ލިބިގެންދާނެކަމުގެ އުންމީދު ދެމުންދާކަމަށްވުމުން، ރާއްޖޭގައި އެކި ސިފައިގައި ކޮށްފައިވާ އިންވެސްޓްމެންޓްތައް ރައްކައުތެރިކުރުން ނޫން މަސްލަހަތެއް ނުހިމެނޭ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތައް ބަލާލުން މުހިންމެވެ.
ދުނިޔޭގެ އެންމެ އިސް އެއް މާލީ މުއައްސަސާކަމަށްވާ ވޯލްޑްބެންކްއަކީ ރާއްޖެއަށްވެސް އެކި ގޮތް ގޮތުން އެހީތައް ފޯރުވަމުންދާ ބެންކެކެވެ. ހުޅުމާލެ އަދި މާލެ ގުޅުވައިދޭން ބިނާކޮށްފައިވާ ބުރިޖު ސަރަހައްދުން ދުއްވާފައިދާއިރު، ފެންނަ ސޯލާ ޕެނަލްތަކަކީ އެ ބެންކުގެ އެހީގައި ގާއިމުކޮށްފައިވާ ވަސީލަތްތަކެކެވެ. އެތައް މިލިއަން ޑޮލަރެއް ދިވެހިރާއްޖޭގެ ކަންކަމުގައި ހޭދަކުރަމުންދާކަމަށްވުމުން އެ ބެންކްއިންދަނީ ރާއްޖޭގެ މާލީ ހާލަތަށާއި އިގްތިސާދަށް އަންނަ ބަދަލުތައް ގާތުން ބަލައި ރިކޯޑުކޮށް ހިއްސާކުރަމުންނެވެ.
އިގްތިސާދުން ލިބޭ މަންފާއިން އަމިއްލަ ގައުމުގެ ކަންކަން ކުރިއަށް ގެންދާ ވަރުގެ މާލީ ގާބިލުކަމެއް ނެތުމުން މިހާރުވެސް ރާއްޖެއިން ދަނީ ބޭރު ގައުމުތަކުން އަހަރީ ބަޖެޓަށްވެސް އެހީގެ ގޮތުގައި ބޮޑެތި އަދަދުތައް ހޯދަމުންނެވެ. އިންޑިއާ އައުޓް ކިޔަމުން އައި ސަރުކާރަށްވެސް އެ ގައުމުންވަނީ ކުރިއަށް ވުރެވެސް ގިނައިން އެހީގެ ގޮތުގައި އެ ގައުމުގެ ބަޖެޓުގައި ހިމަނައިގެން ދިނުމަށް ނިންމާފައެވެ. އެހެންކަމުން އެންމެ ފަހުން ނެރިފައިވާ ރިޕޯޓުގައި 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާނެކަމަށް އަންދާޒާކޮށްފައިވާ މިންގަނޑުތައް ދަށްވެފައިވާކަމަށް ފާހަގަކޮށްފައިވުމަކީ ހަގީގަތުގައި ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ރިޕޯޓުން ސިފަވަނީ އިގްތިސާދު އަޑިއަޅާލާއިރު ދަރަނީގެ އަދަދުތައް އަރައިގެންދާ މަންޒަރެވެ.
ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން، ރާއްޖޭގެ އިގްތިސާދު ފުޅާ ވާނެކަމަށް ލަފާކުރެވެނީ 4.7 އިންސައްތައިންކަމަށެވެ،. މިއީ 2023 ވަނަ އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއިން ލަފާކޮށްފައިވާ މިންގަނޑު ކަމަށްވާ 5.5 އިންސައްތައަށްވުރެ ދަށް އަދަދެކެވެ. މި ރިޕޯޓު އެކުލަވާލައި ޝާއިއުކުރުމުގެ ކުރިން ވޯލްޑް ބެންކްގެ ސައުތް އޭޝިއާ ސަރަހައްދަށް ކަނޑައެޅިފައިވާ ނައިބުރައީށް މާޓިން ރައިޒާރވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިކަން ފާހަގަކުރެވޭއިރު، އޭޝިއަން ޑިވެލޮޕްމެންޓު ބެންކް ފަދަ އެހެނިހެން ތަންތަނުން މީގެ ކުރިން 6 އިންސައްތައިން އިގްތިސާދު ކުރިއަރައިގެންދާނެކަމަށް ލަފާކޮށްފައިވާކަން ރިޕޯޓުތަކުން ފެނިގެންދެއެވެ.
ދިވެހިރާއްޖޭގެ މާލީ ދެމެހެއްޓިނިވިކަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށާއި، ދަރަނީގެ ސަބަބުން ކުރިމަތިވެގެންދާ މައްސަލަތައްވެސް މާލީ އިސްލާހުތަކެއް ނުގެންނަ ހިނދު ދިމާވުމުން އެކަށީގެންވާކަމަށްވެސް ރިޕޯޓުގައި ހިއްސާކޮށްފައިވާއިރު، ބެންކްއިން އެ ބުނާ އިސްލާހުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި ދިވެހިރާއްޖޭގެ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާގެ އަދަދުތައް ބޮޑުކުރުމަށް ނިންމުމާއިއެކު ދިން އިރުޝާދުތަކާއި ދާދި އެއް އިރުޝާދުތަކެކެވެ. އިންތިހާއަށް ސަބްސިޑީ ދިނުމާއި އެސްއޯއީތަކަށް ބޭކާރަށް ފައިސާ ޕަންޕުކުރުން އަދި ބޭކާރު ހަރަދުތައް ކުރުން ހުއްޓާލުމެވެ.
އޭރުގައިވެސް ސަރުކާރުން ހުށައެޅި އިސްލާހުތަކުގެ ފުރިހަމަ ވާހަކަ ބައްދަލުވުމަށްފަހު ވޯލްޑް ބެންކްއިންވަނީ ބަޔާނެއްގައި ހިއްސާކޮށްފައެވެ. އެހެންނަމަވެސް ވެގެންދިޔައީ ތަޅާލި އަނގައަކަށެވެ. ތަންފީޒެއް ނުކުރެއެވެ. މަލީސް މެދުވެރިކޮށް ފާހެއްވެސް ނުކުރެއެވެ. ކުރި ނަމަ މިއަދު މި ވާހަކަތައް ދައްކަން ނުޖެހުނީސްއެވެ.
މިއަދު އައު ސަރުކާރުންވެސްދަަނީ ލިބެމުންދާ ކުދި ކާމިޔާބީތައް ހަވާބަރިތަކަށް ހަަރަދުކޮށް ފާހަގަކުރަމުންނެވެ. ރާއްޖެއަށް މިފަހުން ފަތުރުވެރިކަމުގެ ދެ އެވޯޑެއް ލިބިފައިވެއެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަަގަރީއިން ލީޑިންގް ޑެސްޓިނޭޝަން އެވޯޑާއި ހަނީމޫން ޑެސްޓިނޭޝަން އެވޯޑް ހާސިލުކުރިއިރު، ފަތުރުވެރިކަމުގެ ސިނާއަތުވެސް އޮތީ ބަލިކަށިވެފައިކަން ވޯލްޑްބެންކް އަދި އެހެނިހެން ރިޕޯޓުތަކުގެ މައުލޫމާތުން ސާފުވެއެވެ.
ރެކޯޑު އަދަދުތަކަށް ފަތުރުވެރިން އައިސްފައިވާކަމުގެ އުފާ ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުން ފާޅުކުރާއިރު، އެ ސިނާއަތާއި އެހެނިހެން މައި އިގްތިސާދީ ދާއިރާތައްދަނީ މަޑުޖެހެމުންކަމަށް ވޯލްޑްބެންކްގެ ރިޕޯޓުގައިވެއެވެ. އަދި ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް ގިނަވި ނަމަވެސް އެ މީހުން އައިސް ތިބޭ މުއްދަތު ކުރުވުމުންނާއި ހުރާ ހޭދަ ކުޑަވުމުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެގެން އަންނާނެކަމަށް ލަފާކުރި ނިސްބަތަށް އަސަރުތައް ކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ މާލީ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއްގެ މަތިން ބައްޓަންކުރުން މުހިންމު ވަރުގެ މައްޗަށް އަލިއަޅުވާފައިވާއިރު، ބައެއް ސަބްސިޑީތައް ކުޑަކުރުން ނުވަތަ ކަނޑާލުމުގެ ސަބަބުންނާއި ސަރުކާރުން ކުރަމުންދާ ބައެއް ހަރަދުތައް ކުޑަކޮށް ހުއްޓާލުމުގެ ސަބަބުން ސީދާ ރައްޔިތުންގެ ޖީބަށްވެސް އެކަމުގެ އަސަރުތައް ފޯރާނެކަމަށް ލަފާކޮށްފައިވެއެވެ.
2024 ވަނަ އަހަރު ސިނާއީ ގޮތުން ދިވެހިރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އައު ސަރުކާރުން ލަފާކޮށްފައިވެއެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނެއް ގާއިމުކޮށް އެތަނުގައި ކުރުމަށް ހުއްދަ ދެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި އިގްތިސާދު އައު ހަރުފަތަކަށް ގެންދާނެ ފަދަ މަސައްކަތްތައް ހިމެނެއެވެ. އެކްސްޕޯޓުކުރުމުގެ މަގުސަދުގައި މުދާ އުފެއްދުން ހިމެނޭއިރު ޓްރާންސްޝިޕްމެންޓު ބަދަރެއް ގާއިމުކުރުމާއި އެއަރޕޯޓު އަދި ބަނދަރުތަކާއި ބަންކަރިންގެ ހިދުމަތްވެސް ގާއިމުކުރުމަށް ކަނޑައެޅިފައިވާކަން ހާމަކުރިއެވެ.
ކުރުމަށް އިތުރު ގިނަ މަސައްކަތްތައް ހިމެނިފައިވާއިރު ބޮޑެތި މަންފާތައް ހާސިލުކުރެވޭނެ ފަދަ ދާއިރާތައް ކަމަށްވާ ރާއްޖޭގައި ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމަށާއި ދިވެހިރާއްޖޭގެ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ގޭހުގެ ބާވަތްތައް ހުރިތޯ ދެނެގަތުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ. ސަރުކާރުގެ ފަރާތުން މާލީ ތަނަވަސްކަން ލިބިގެންދާނެކަމަށް ސިފަވާ ކަންކަން ފެނިގެންދާއިރު މާލީ މާހިރުން ކުލަކުރަނީ ވަރަށްވެސް ތަފާތު މަންޒަރެކެވެ.
އިގްތިސާދީ ކުރިއެރުމާއި މާލީ ތަނަވަސްކަމާއި ސީދާ ގުޅިފައިވާއިރު އެކަންކަމާއިއެކު ދަރަނި ނަގާ މިންގަނޑުތައްވެސް ދަށްވެގެންދާނެއެވެ. މިއީ އެންމެނަށްވެސް ސާފުވާނެ ކެމެކެވެ. ވޯލްޑްބެންކްއިންވަނީ 2023 ވަނަ އަހަރު ނިމިގެންދިޔަ އިރު ދިވެހިރާއްޖޭގެ ދަރަނި 8 ބިލިއަން ޑޮލަރަށް އަރާފައިވާކަން ހާމަކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިތުރަށް ދަރަނިތައް ނަގައި އެ މައްސަލަ އިންތިހާއަށް ގޯސްވެގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައެވެ. އަދި އިތުރަށް ލޯނު ނަގަމުންދާނަމަ އެކަމުގެ ސަބަބުން ދަރަނި ދެއްކުމުގައި ދަތިތައް ކުރިމަތިވެގެންދިއުމުގެ ފުރުސަތުތައް އޮތްކަމަށް އަލިއަޅުވާފައިވާއިރު މި އަހަރާއި 2025ގައި 512 މިލިއަންގެ ދަރަނީގެ އިތުރުން 2026ގައި 1.07 ބިލިއަންގެ ދަރަންޏެއް އަދާއަދާކުރަން މިހާރުވެސް އޮތްކަމަށްވެސް އިޝާރާތްކޮށްފައިވެއެެވެ.
މިގޮތުގެ މަތިން ދަރަނި ނަގަމުންދިއުމަކީ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނުރައްކާ ފޯރަފާނެ ކަމެއްކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ސަރުކާރުން ގެންނާނެކަމަށް ބުނާ މާލީ އިސްލާހުތައްވެސް އަވަސް ހާލަތެއްގައި ގެނައުން ދިވެހިރާއްޖޭގެ މާލީ ދެމެހެއްޓިނިވިކަމަށް ކޮންމެހެންވެސް ބޭނުންތެރިކަމަށް އެ މުއައްސަސާއިން ހިއްސާކޮށްފައިވެއެވެ.
އެހެންނަމަވެސް މި އިސްލާހުތައް ކުރިއަށް އޮތް އަހަރުތަކެއް ގެންނާނެކަމަށް ފިނޭންސް މިނިސްޓްރީއިން ހިއްސާކޮށްފައިވާ 2024ގެ ހާއްސަ ބަޖެޓުގައިވާ ހިސާބުތަކަށް ބެލުމުން ބުނެވެން ނެތެވެ. ސަބަބަކީ މި ބަޖެޓުގެ ތެރެއިން އެސްއޯއީތަކަށް ހަރަދު ކުރުމަށް ކަނޑައެޅިފައިވާ އަދަދު 2023 ވަނަ އަހަރާއި އަޅާ ބަލާ 2024 ވަނަ އަހަރު 190 އިންސައްތަައިން އިތުރުވެފައިވުމެވެ.
އެގޮތުން ”އެސްއޯއީތައް މެދުވެރިކޮށް ޕަބްލިކް ސަރވިސް ދިނުން“ މި މަސައްކަތްތަކަށް 2022 ވަނަ އަހަރު 87،674،510 ރުފިޔާ ހަރަދުވިއިރު، 2023 ވަނަ އަހަރުގެ ތެރޭގައި 82،059،207 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު މި މަސައްކަތްތަކަށް 238،170،286 ގެ ހޭދައެއް ކުރެވިގެންދާނެކަމަށް ލަފާކޮށް ޝާއިއުކޮށްފައިވާއިރު 2025 ގައި 426 މިލިއަނަށްވުރެ އިތުރުވެ 2026ގައި 437 މިލިއަނަށް އަރާނެކަމަށްވެސް ފިނޭންސްއިން ހިއްސާކޮށްފައިވެއެވެ. 2024 ވަނަ އަހަރުގައި ކުރާ ހޭދައަށްވުރެ 2025ގައި 96 އިންސައްތަ އިތުރުވާނެކަމަށްވެސް ފިނޭންސްގެ ހިސާބުތަކަށް ބެލުމުން ފެނެއެވެ.

ހަމަ މިގޮތަށް ސަރުކާރުގެ މުއައްސަސާތަކަށްވެސް މި ބަޖެޓުން ޔޫޓިލިޓީގެ ގޮތުގައި ކުރުމަށް ކަނޑައެޅިފައިވާ ހަރަދުތައްވެސް ކުޑަވެގެންދާނެކަމަށް ބުނެފައިނުވެއެވެ. 2022 ވަނަ އަހަރު 178 މިލިއަނަށްވުރެ އިތުރު އަދަދެއް ހޭދަކޮށްފައިވާއިރު ކަރަންޓާއި ފެންބިލު ވަނީ 2023 ވަނަ އަހަރު 217 މިލިއަނަށްވުރެ ބޮޑު އަދަދަކަށް ބަދަލުވެފައެވެ. 2024 ވަނަ އަހަރު ކުރަން ފަށާފައިވާކަމަށް ފެނިގެންދާ ހަރަދެއް ކަމަށްވާ ”ފިއުލް ހެޖިންގް“ ނުވަތަ ތެލުގެ މާކެޓަށް އަންނަ ލޮޅުންތަކުގެ އަސަރުކުޑަކުރުމުގެ މަސައްކަތްތަކަށް ކުރާ ހޭދައާއިއެކު މި އަދަދު 617 މިލިއަނަށް ބޮޑުވެގެންދެއެވެ.

މިއީ ”ދައުލަތުގެ މުއައްސަސާތަކުގެ ޔޫޓިލިޓީ އަދި އާންމު ޚަރަދު“ ގެ ގޮތުގައި ނިމިގެންދިޔަ ދައުރުގެ އެންމެ ހަރަދު ބޮޑުކަމަށް ބުނާ ފަހު އަހަރުގައި ކޮށްފައިވާ ހަރަދަށްވުރެ 184 އިންސައްތަ މަތީ އަދަދެކެވެ. އެހެންކަމުން ހަރަދުތައް ކުޑަކުރާނެކަމަށް ބުނާ ވާހަކައާއިމެދު ގިނަ ސުވާލުތަކެއް އުފެއްދުމަށް ޖާގަ އެބައޮތެެވެ.

