ފަލަސްތީނުން ފެންނަމުންދަނީ ނާއުންމީދާއި ބޯހިޔާވަހިކަމެއް ނެތް ހާލަތާއި މަރާއިކުރިމަތިލާންޖެހިފައިވާ ހާލަތުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކުގެ މައްޗަށް އަލިއަޅުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރަފާ ސަރަހައްދުގައި މިވަގުތު ފެންނަމުންދަނީ އެއްކޮށް އުންމީދެއް ނެތް ހާލަތުކަމަށެވެ،. އަދި އެ ތަނުން ފެންނަމުންދަނީ ގެދޮރު ދޫކޮށް ބޯހިޔާވަހިކަމެއް ނެތް ހާލަތުގައި އުޅެމުންދާ މަންޒަރާއި މަރުކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޣައްޒާ އިސްރާއީލުގެ އުދުވާންތަކުގެ ސަބަބުން ފުނޑިގެންދާން ދޫކޮށްލައިގެން ބައިނަލްއަގުވާމީ މައިދާނުން ހަނު ނުތިބޭނެކަމަށެވެ.
ރައީސް ވިދާޅުވީ، އިސްރާއީލުން ވަގުތުން ވަގުތަށް އެ ގައުމުން ދެމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލަންޖެހޭކަމަށާއި ބައިނަލްއަގުވާމީ ގާނޫނަށް ތަބާވާންޖެހޭކަމަށެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަަސްޓިސް އިން މިވަގުތު ފިޔަވަޅު އަޅަންޖެހެނީ އިސްވެ ބަޔާންކުރެއްވި ސަބަބުތަކާއި ގުޅިގެންކަމަށް ވިދާޅުވިއިރު، ރަފާ ސަރަހައްދުގައި އިސްރާއީލުން މިފަހުން ދީފައިވާ ހަމަލާތަކަށް ރިއާޔަތްކޮށް އިތުރު އެހީ ފޯރުވުމަށް ސައުތު އެފްރިކާއިން ހުށައަޅާފައިވާ ހުށައެޅުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އެއްބައިވާކަމަށާއި ފަލަސްތީނުގެ ނަމުގައި މިނިވަން ދައުލަތެއް ގާއިމުވުމާއި ޖެހެންދެންވެސް ވަރުބަލިވުމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، ފަލަސްތީނުގައި ތިބި ދިވެހިންގެ އަހުންނާއި އުހުތުންނަށް ގަދަރުވެރި ހަޔާތެއް އަމާންކަމާއިއެކު ދިރިއުޅުމުގެ މަގު ފަހިވުމާއިޖެހެންދެންވެސް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ނުހުއްޓާނެކަމަށެވެ.

