މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެމްއެމްޕީއާރުސީގެ ލީޑަރޝިޕްގައި ތިބި ފަރާތްތަކާއިމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރައިން މުހައްމަދު އަލީ ޖާނާހު އެކުންފުނިން ރާއްޖެ ޕްރޮމޯޓްކުރުމަށް ބޭރުގައި ބާއްވާ ހަރަކާތްތަކަށް ނުގެންދިއުމަށް މިނިސްޓަރ ފައިސަލް އަންގަވާފައިވާ ކަމަށް މީޑިއާއެއްގައި ލިޔެފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ފޭސްބުކްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ޒާތީވެ ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ދޮގު ވާހަކަތައް ފަތުރައިގެންވެސް ފަހަތައް ނުޖެއްސޭނެ ކަމަށެވެ. ފައިސަލް ވިދާޅުވީ އެންމެން ތިބީ އަތުގުޅައިލައިގެން ކަމަށާއި އަދި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެސްދިނުމުގައި ކަމަށެވެ.
ކުރިއަށްއޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
އެހެންކަމުން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން އެފަދަ ދޮގު ވާހަކަތައް ފެތުރި ނަމަވެސް އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެއިތުރުން އެމްއެމްޕީއާރުސީގެ ލީޑަރޝިޕްގައި ތިބި ފަރާތްތަކާއިމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް ކަމަށާއި އެފަދަ ދޮގު ފަތުރައިގެން ކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

