މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް އައިރު އެއްވެސް ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައެއް ނުވާ ކަމަށް ޑިޒާސްޓާރ މެނޭޖް މެންޓް އިން ބުނެފި އެވެ.
ޑިޒާސްޓާރ މެނޭޖް މެންޓްގެ އޮފިޝަލަކު “ ސަންގު “ ޓީވީއަށް ވިދާޅުވީ މި ހުޅަނގު މޫސުމަގައި މިއަދާއި ހަމައަށް އައިރު އެއްވެސް ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަން ރިޕޯޓް ކޮށްފައި ނުވާކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ރަށްތަކަކީ ހއ. ދިއްދޫ އަދި ފ. ފީއަލި ކަމަށް ވާއިރު ފުވަމުލަކު ސިޓީ އަދި ދ. މަޑިދޫގައި ވަނީ ބައެއް ގެތަކުގެ ފުރާޅު ވަޔާއެކު ނެއްޓިފަކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް މާބޮޑެތި ގެއްލުން ތަކެއް ނުލިބޭ ކަމަަށް އޮފިޝަލުވަނީ ފާހަގަކޮށްފައެވެ.
ހުޅަނގު މޫސުމާއި ދިމާކޮށް މާލެ އާއި ރާއްޖޭގެ އެކި ރައްތަކަށް އުދަ އެރުމަކީ އާންމު ކަމަކަށް ވެފައިވާއިރު މި ހުޅަނގު މޫސުމުގައި މަރަދޫ ފޭދޫއަށް ވަނީ އުދައަރާފަކަމަށް ޑިޒާސްޓާރ މެނޭޖްގެ ފަރާތުން ވަނީ މައުލުމާތު ދީފައެވެ. އެހެން ނަމަވެސް އެއްވެސް ގެއަކަށް ގެއްލުމެއް ލިބި ރިޕޯޓްކޮށް ފައި ނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ.
މެޓް އޮފީހުން މިއަދު ހެނދުނު އެންމެ ފުރަތަމަ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލު ވަނީ ނެރި ފައެވެ. އެ ސަމާލު ނެރުނީ މެންދުރު 13:30 އާއި ހަމައަށެވެ. މެޓް އިން ވަނީ އެ ސަމާލު މިއަދު އިރުއޮއްސި 18:30 އަށް އިއުލާން ބަދަލުކޮށްފައެވެ. އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރުނީ މިއަދު ހެނދުނެވެ. އެ ސަމާލު ނެރުނީ 13:30 އާ ހަމައަށް ވާއިރު މެޓް އިން ވަނީ އެ ސަމާލުވެސް އިރުއޮއްސި 18:30 އަށް އިތުރުކޮށްފައެވެ.
ނިމިދިޔަ ޖެނުއަރީ މަހަށް ބަލާއިރު ވިއްސާރައިގައި މާލެ އާއި ހުޅުމާލެ މަގުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރި ވެފައެވެ. އެގޮތުން، މާފަންނު ކަނބާ އައިސަރަނި ހިނގުމުގައި ދަތުރުފަތުރު ކުރަން އުނދަގޫވާ ވަރަށް ވަނީ އެ ދުވަސްވަރު ފެންބޮޑު ވެފައެވެ.
މީގެ އިތުރުން ރޭގަނޑު ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ ދާދި ފަހުން ޢިއުލާނެއް ނެެރިފައެވެ. އަދި ކަނޑުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތައްވެސް ދަތުރު ކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ރާއްޖެ ކައިރީގައި ކޮޅިގަނޑެއް އުފެދިގެން އުޅޭތީ ކުރަމުން އަންނަ ވިއްސާރަ އަކަށް ވާއިރު ދެކުނުން އައްޑޫސިޓީ ބޭރުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ވަނީ ބަދަލުވެފައެވެ. މޫސުމީ ބައިނަލްއަގުވާމީ މޮޑެލަތްކުގައި ދައްކާ ގޮތުގައި މި ތޫފާން އުފެދިފައިވަނީ އައްޑޫސިޓި އާއި ގާތްގަނޑަކަށް 160 ކިލޯމީޓަރު ބޭރުންނެވެ. އަދި އައްޑޫ އާއި ވަރަށް ކައިރިން މި ތޫފާން އުފެދިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި ތޫފާން ދަތުރު ކުރާނީ ރާއްޖެއާއި ދުރަށް، އިރު ދެކުނަށެވެ. ރާއްޖެ ކައިރީގައި މިފަދަ ކޮޅިގަނޑެއް އުފެދިފައިވާއިރު، ފާއިތުވި ދުވަސްކޮޅުގައި ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގާފައެވެ. އަދި މި ކޮޅިގަނޑާ ގުޅިގެން މިހާރު ވެސް ބައެއް ރަށްރަށުގައި ވަނީ ފެން ބޮޑުވާން ފަށައިފައެވެ.

