ބޮޑުވަޒީރު ނަތަންޔާހޫއާއި އިސްރާއީލުގެ ދިފާއީ ވަޒީރު ހައްޔަރުކުރުމަށް އަމުރު ނެރެދިނުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޗީފް ޕްރޮސެކިއުޓާރ ހުށައަޅުއްވާފައިވާކަމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ އިސް ޕްރޮސެކިއުޓާރ ކަރީމް ހާން އަދި ޓީމުން އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރުގެ އިތުރުން ހަމާސްގެ ލީޑަރުންތަކެއްވެސް ހައްޔަރުކުރުމުގެ ގޮތުން އަމުރެއް ހޯދުމަށް މަސައްކަތްތައް ފަށާފައިވާއިރު ރައީސް ޑރ މުއިއްޒުވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު(އައިސީސީ) އަށް އަމުރު ނެރެދިނުމަށް އެދި ހުށައަޅާފައިވުމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް ހިއްސާކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެކަމަކީ ފަލަަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދިފައިވާ ފާހަގަކުރެވޭވަރުގެ ކުރިއެރުމެއްކަމަށާއި އެއްވެސް ގައުމެއް ބައިނަލްއަގުވާމީ ގާނޫނުތަކަށްވުރެ މަތި ނުވާނެކަމަށް ފާޙަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ ޖަރީމާތަކުގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ ބަލަންޖެހޭކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު އެކުލަވާލުމަށް ގާއިމުކުރި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ގައުމެއްގެ ހައިސިއްޔަތުން މި މައްސަލައިގައި އެކަށީގެންވާ ހެކި ޕްރޮސެކިއުޓަރުން ހޯދާފައިވާކަމާއިމެދު ރާއްޖެއަށް އެއްވެސް ޝައްކެއް ނުކުރެވޭކަމަށާއި އިސްރާއީލުން ހަންގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ ހަމަލުތަކަށް އަރައިގަނެފައިވާކަންވެސް ސާތިބުކުރެވޭނެ ވަރަށް ހެކި ހުރިކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވެފައިވާއިރު ރާއްޖެއިން އަބަދުވެސް ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނަށް އެހީތެރިކަން ދޭނެކަމަށްވެސް ވިދާޅުވިއެވެ.

