ރާއްޖެއަށް އެއްބަސްވެވޭ ބަލައިގެނެވޭ މިންގަނޑެއްގައި އިންޓްރެސްޓު ލެވެލް ހުރި ކޮމާޝަލް ލޯނުތައް ރާއްޖެއަށް މިވަގުތު ކިރިޔާވެސް ލިބެނީ ޗައިނާއިންކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއްތަލިބުވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތައް ޗައިނާ ކުންފުނިތަކާއި ހަވާލުކުރަމުންދާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އަލިއަޅުއްވައި އެކަމުގެ ހަގީގަތް އޮޅުން ފިލުއްވައިދެއްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، މަސައްކަތްތައް ކޮންޓްރެކްޓު ކުރުމުގައި ޗައިނާގެ ކުންފުނިތަކަށް ދިނުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ގެންގުޅެފައިނުވާކަމަށެވެ. އަދި އައްޑޫގައި އެޅުމަށް ކަނޑައެޅިފައިވާ ބުރިޖުގެ މަސައްކަތްތައް ހަވާލުކުރެވިފައިވަނީ އިޖިޕްޓު ކުންފުންޏަކާއިކަމަށް އަލިއެޅުއްވިއެވެ. މިނިސްޓަރ މުއްތަލިބު ވިދާޅުވީ، އެ މަސައްކަތްތަކާއި ހަވާލުވުމަށް ޗައިނާގެ އެތައް ކުންފުންޏަކުން ޝައުގުވެރިވިކަމަށާއި ގާބިލު ކުންފުނިތައްވެސް ތިބިއިރު އަރަބް ކޮންޓްރެކްޓާރޒްއާއިއެކު ކުރިއަށް ދިއުމަށް ނިންމީ އެއީ އެވަގުތު އެންމެ ރަނގަޅު ނިންމުންކަމަށް ވުމުންކަމަށް ހިއްސާކުރެއްވިއެވެ.
ޗައިނާގެ ކުންފުނިތައް ރާއްޖެއަށް އައުމުގައި ފައިނޭންޝަލީ އަދި ޓެކްނިކަލީ ވިސްނާލަންޖެހޭ ކަމަށްވެސް މިނިސްޓަރ އިޝާރާތްކުރެއްވިއެވެ. މިނިސްޓަރ މުއްތަލިބު ވިދާޅުވީ، މިވަގުތު ކިރިޔާވެސް ރާއްޖެއަށް ގަބޫލުކުރެވޭ ބަލައިގަނެވޭ މިންގަނޑެއްގައި އިންޓްރެސްޓު ހުރި ލޯނުތައް ލިބެނީ ޗައިނާއިންކަމަށެވެ. އަދި ގިނަ މަސައްކަތްތައް ކުރުމަށް ވެފައިވަނީ ކޮމާޝަލް އެއްބަސްވުމެއްކަމަށާއި ޔުއާން އިން ނަގާ ލޯނުތައް ރާއްޖެއަށް ފުދޭ ވަރެއްގެ ދަށް އިންޓްރެސްޓް ރޭޓެއްގައި ލިބޭކަމަށްވެސް ވިދާޅުވިއެވެ.
ކައްދޫ އެއަރޕޯޓު އެޅުމަށް އިންޑިއާގެ ކޮންޓްރެކްޓަރަކާއިއެކު ނެގޯޝިއޭޓުކުރެއްވިކަމަށްވެސް މިނިސްޓަރުވަނީ މި ފުރުސަތުގައި އަލިއަޅުއްވާފައެވެ. އެހެންނަމަވެސް އެ ފަރާތަށް އެންމެ ކުޑަކޮށްވެސް ފައިނޭންސް ލިބުނީ 12 އިންސައްތައިގެ އިންޓްރެސްޓެއްގައިކަމަށާއި އެ ރޭޓުގައި 7 އަހަރުގެ މުއްދަތަކުން ދައްކާ ގޮތަށް ލޯނެއް ނެގުމަކީ ފިނޭންސް މިނިސްޓްރީއަށް ގަބޫލުކުރެވޭކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ޗައިނާ ނޫން އެހެން ގައުމުތަކުގެ ކޮންޓްރެކްޓަރުންނަށްވެސް ރާއްޖެއަށް ގަބޫލުކުރެވޭ އެއްބަސްވެވޭ ގޮތެއްގެ މަތިން މަސައްކަތްތަކާއި ހަވާލުވާން އައިސްފި ނަމަ އެއްވެސް ހުރަހެއް ނެތި އެކަން ކުރުމަށް ފުރުސަތު އޮތްކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ޗައިނާގެ ކުންފުނިތަކާއި ގިނަ މަސައްކަތްތަކެއް ހަވާލުކުރެވިފައިވަނީ އިސްވެ ދެންނެވި އުސޫލުގެ މަތިންކަމަށާއި މިވަގުތުވެސް އިންޑިއާ އަދި އެހެނިހެން ގައުމުތަކުގެ ކުންފުނިތަކުންވެސް ހައުސިންގް އާއި އެހެނިހެން ކަންކަމަށް ޕްރޮޕޯސަލްތައް ހުށައަޅަމުންދާކަމަށް ހާމަކުރެއްވިއެވެ.

