ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމާ ބެހޭ ދުވަސްވީ މައްސަލަތަކުގައި ދެން އަމަލުކުރާނީ ސިވިލް ރައިޓްސް އޮފީހުން ނިންމާ ގޮތަކަށް: މުއްތަލިބު

ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ސަބަބުތަކާ ހުރެ ހައްލުނުވެ ދުވަސްވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި ސީދާ މިނިސްޓްރީން ގޮތް ކަނޑައެޅުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓަރ މުއްތަލިބް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ އެ މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ވަނީ ނިންމައިފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި ޢަމަލުކުރުމަށް މީގެ ފަހުން ފޮނުވާނީ ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތަކުގައި މިނިސްޓްރީން ޢަމަލުކުރާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން މިގޮތަށް ނިންމާފައި ވާއިރު ހުޅުމާލެއިން ކުޑަ އަގެއްގައި މީހަކަށް ބިމެއް ވިއްކަން އުޅުމުން އާންމުންގެ ނުރުހުން ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. މި މައްސަލައަކީ މިއީ ހުޅުމާލެއިން ހަތަރު ލައްކަ ރުފިޔާއަށް މީހަކަށް ބިމެއް ވިއްކި މައްސަލައެކެވެ.

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއީ މީގެ 23 އަހަރު ކުރިން، 22 ޑިސެންބަރު 2003 ގައި އޭރުގެ ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގި ”ރަށުތެރެއިން ވިއްކާ 56 ގޯތި“ ސްކީމުގެ ދަށުން އަޙްމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ލިބުނު ގޯއްޗެއްގެ މައްސަލަ ކަމަށެވެ. ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޭރު އޭނާއަށް ކަނޑައެޅީ 904 އަކަފޫޓުގެ ބިމެކެވެ. އަދި އޭގެ އަގަކީ 339،000 ރުފިޔާއެވެ.

ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި ތަފާތު ސަރުކާރުތަކަށް ހުށަހަޅައިގެން ވެސް އެ ބިން ހަވާލުކުރެވިފައި ނުވާތީ، މި ސަރުކާރުން އެ މައްސަލަ ހައްލުކޮށްދިނުމަށް ނިންމީ އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، ކުރިން އެއްބަސްވެފައިވާ ވިޔަފާރި އުސޫލުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އޭނާއަށް ވިއްކަން ނިންމީ ކުރީ ސަރުކާރުގެ ”ބިންވެރިޔާ ސްކީމް“ ގެ ދަށުން ދޫކުރި ބިންތަކުގެ ތެރެއިން ޝަރުތު ހަމަނުވާ މީހަކަށް ދީފައިވާތީ އެއްބަސްވުން ބާތިލުކޮށްފައިވާ ބިމެކެވެ. އަދި އެ ބިން ދޭން ނިންމީ، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އޭނާއަށް ލިބިފައިވާ ޕްލޮޓްގެ ހައްގުތައް ދޫކޮށްލަން އެއްބަސްވުމުންނެވެ.

ނަމަވެސް، މި ނިންމުމުގައި އުސޫލާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށް މިނިސްޓްރީގެ އަމިއްލަ އިސްނެގުމަށް އެ މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ކަމަށް އިއްޔެ މިނިސްޓްރީން ބުންޏެވެ. ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އޭސީސީގެ ބަހެއް ހޯދައި، ގާނޫނީ ލަފާ ލިބުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: