ހުޅުމާލޭ ފޭސް 2 އިން ނުއަގުގައި ބިމެއް ވިއްކި ކަމަށް ބުނެ ދައުރުކުރަމުން ދަނީ އިންސާފު ނުލިބި 23 އަހަރުވެފައިވާ މީހަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ މެމޯއަކާއި ގުޅޭގޮތުން މުއްތަލިބު ވިދާޅުވީ، ފައިސާ ދެއްކުމާ ގުޅޭ އޮފީސް މެމޯއެއް ދައުރުކޮށް އޭގެ މާނަކުރަމުންދަނީ އެންމެ ނުބައި ގޮތުގައި ކަމަށެވެ.
އެ މެމޯ އެންމެ ނުބައި ގޮތުގައި އަނބުރައި، ސިވިލް ސްޓާފަކާއި އިންސާފު ނުލިބި 23 އަހަރު ވަންދެން ވަކާލާތުކުރަމުންދާއިރު އުމުރުން ދުވަސްވީ މީހަކަށް ގެއްލުން ދެމުންދާކަމަށް ވިދާޅުވެ މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ލީކުވެފައިވާ ހައުސިން މިނިސްޓްރީގެ މެމޯއެއްގައި ބުނެފައިވާ ގޮތުން އަހުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލެއިން 1250 އަކަފޫޓުގެ ބިމެއް ވިއްކަން ނިންމާފައި ވަނީ 468،750 ރުފިޔާއަށެވެ.
އެ މެމޯގައިވާ ގޮތުން އަކަފޫޓަކަށް ޖެހެނީ އެންމެ 375 ރުފިޔާއެވެ. އެޑްވާންސަށް 50،000ރ. ދެއްކުމަށް ފަހު ބާކީ ބައި ފަސް އަހަރުތެރޭ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް އެ މެމޯގައިވެއެވެ.
އާންމުވެފައިވާ މެމޯގައިވާ ގޮތުން ހައުސިން މިނިސްޓްރީން ވަނީ އެ ބިމަށް ފައިސާ ދެއްކުމަށް ޕޭމަންޓް ޝެޑިއުލެއް ހަދައިފައެވެ.

