މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮނޑިއަށް ކައުންސިލު މެމްބަރުން އައްޔަނުކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުގެ ގޮނޑިތަކަކަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަސްކަމަށް މައުލޫމާތު ދީފައިވެއެވެ.
ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތްތައް ކުރަންޖެހިފައިވަނީ އެ މަގާމުތަކުގައި ތިއްބެވި މެމްބަރުން އެހެން މަގާމުތަކަށް ވަޑައިގަތުމާއިއެކުއެވެ.
އެގޮތުން ކުރިން ހުޅުމާލެ ދާއިރާގެ ކައުންސިލަރުގެ ގޮތުގައި ހުންނެވި އިބްރާހިމް ޝުޖާއުވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ބާރުށު ގޮނޑި ކާމިޔާބުކުރައްވާފައިކަމަށްވާއިރު ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާންވަނީ މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރުގެ މެމްބަރުކަން ކާމިޔާބުކުރައްވާފައެވެ. މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލު މެމްބަރުގެ ގޮތުގައި ކުރިން ހުންނެވީ އަހުމަދު ޒަމީރުކަމަށްވާއިރު މިހާރު އޭނާ ވަނީ އެ ދާއިރާގެ މަޖިލިސް މެމްބަރުކަމާއި ހަވާލުވެވަޑައިގެންފައެވެ.
އިތުރު ބައެއް ރަށްތަކުގެ ކައުންސިލުގެ މަގާމުތަކަށްވެސް މީހުން އިންތިހާބުކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާކަންވެސް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
އެ ކޮމިޝަނުން ބުނެފައިވާގޮތުން ޅ. އަތޮޅު ކައުންސިލްގެ ރައީސަކު ހޮވުމުގެ އިތުރުން ފ ބިލެެތްދޫ ކައުންސިލުގެ ރައީސްގެ މަގާމާއި ހދ. ކުޅުދުއްފުށި ކައުންސިލް އުތުރު ދާއިރާ މެމްބަރުގެ މަގާމަށާއި ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރުކަމުގެ އިތުރުން ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރެއްވެސް އިންތިހާބުކުރުމަށް ކަނޑައެޅިފައިވާކަމަށެވެ. އަދި އެ މަސައްކަތްތައްވެސް ކުރުމަށް ކަނޑައެޅިފައިވަނީ 20 ވަނަ ދުވަސްކަމަށް ބުނެފައިވެއެވެ.
ގާނޫނުގައިވާގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުން ލާޒިމުވާއިރު، އީސީއިންވަނީ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަންވެސް ހިއްސާކޮށްފައެވެ.

