ސިވިޒަލެންޑުން އިންތިޒާމުކޮށްފައިވާ ޔޫކްރެއިން ހަނގުރާމައާއި ގުޅުންހުރި ޕީސް ކޮންފަރެންސަކަށް ހުރަސް އެޅުމުގެ ގޮތުން ޗައިނާއިން ރަޝިއާއަށް އެހީތެރިވަމުންދާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޔޫކްރެއިންގެ ކާރކީވް ސަރަހައްދު ރަޝިއާގެ ބާރުގެ ދަށަށް ގޮސްދާނެކަމުގެ ބިރު ހީވެފައިވާކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުކުރަމުންދާއިރު، ޒެލެެންސްކީވަނީ ޗައިނާގެ މައްޗަށް އެ ގައުމާއި ދެކޮޅަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން އެ ގައުމުންދަނީ ސްވިޒަލެންޑުން އިންތިޒާމުކުރާ ޕީސް ކޮންފަރެންސަކަށް ހުރަސްއެޅުމަށް ރަޝިއާއަށް ވާގިވެރިވަމުންކަމަށް ބުނެފައިވެއެވެ.
އޭޝިއާގެ އެންމެ ވަރުގަދަ ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ޗައިނާއިން ދަނީ އެހެން ގައުމުތަކާއި ލީޑަރުންނަށް ސްވިޒަލެންޑްއިން ބާއްވާ ކޮންފަރެންސްއަށް ނުދިއުމަށް ބާރު އަޅަމުންކަމަށެވެ. އެހެންނަމަވެސް ވަކި ގައުމެއް ނުވަތަ ލީޑަރުންތަކެއްކަމަށް ބުނެފައި ނުވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
އޭނާ ވިދާޅުވީ، ރަޝިއާއިންދަނީ އޭޝިއާ ބައްރުގައި ޗައިނާގެ ނުފޫޒުގެ ބޭނުން ހިފަމުންކަމަށާއި ޗައިނާގެ ޑިޕްލޮމެޓުންވެސް ބައިވެރިވެގެން ދަނީ އެ ކޮންފަރެންސްއަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންކަމަށް ބުނެފައިވެއެވެ. އަދި ޗައިނާ ފަދަ ބޮޑު ބާރުގަދަ ގައުމެއް ޕުޓިން ހިފައި ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދިއުމަކީ ހިތާމަހުރި ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

