ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕު ނުކޮށް، ދައުލަތް ހިންގަން ދަސްކުރީ، ރައީސް މުއިއްޒު!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބަށްފަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ދުަސްވަރުގައްޔާއި އަދި މިއަދުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަމާޒުކޮށް ވާދަވެރިން އަޑުހަރުކޮށް ދައްކާ “ މާ ބޮޑު“ ވާހަކައެއް އެބައޮތެވެ.  ފައިސާ ޗާޕު ކުރުން ހުއްޓާލީ ރައީސް މުއިއްޒުގެ ސަރުކާރުން ނޫން ކަމަށާއި ފައިސާ ޗާޕު ކުރުން ހުއްޓާލީ އެމްޑީޕީގެ ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ އިގްތިސާދީ މޮޅު ނިންމުމުގެ ދަށުން ކަމަށެވެ.

އެމްޑީޕީން ޖެހިޖެހިގެން ބޮޑު ތިންބަލިން ބަލިވިއިރުވެސް ބަލިވި ސަބަބު ހޯދަން ނޫޅެ ކަރުން ނާރު ފުއްޕާ ވަރަށް ފަޙުރުވެރިވެރިކަމާއިއެކު ފައިސާ ޗާޕު ކުރުން ހުއްޓާލީ ތިމަންނާމެންނޭ ބުނަމުންދާއިރު ކަމުގެ ހަގީގަތް އޮތީ އެގޮތަށްތޯ ބަލާލަން ޖެހެއެވެ.

ފައިސާ ޗާޕު ކުރުން ހުއްޓާލީ ރައީސް މުއިއްޒުގެ ސަރުކާރުންތޯ ނުވަތަ އެމްޑީޕީޕީގެ މާ މޮޅު އިގްތިސާދީ ނިންމުމަކުންތޯ ސާފުކޮށްދިނުމުގެ ކުރިން ފަހުގެ ތާރީހެއްގައި ރާއްޖޭގައި ފައިސާ ޗާޕު ނުކުރާ މިންވަރަށް ފައިސާ ޗާޕު ކުރިކުރުމާއި ކަމުގެ ފެށުމަށް ކުޑަނަމަވެސް ނަޒަރެއް ހިންގާ ނުލައި ރިޕޯޓް ކުރިއަށް ގެންދިއުމަކީ އިންސާފެއް ނޫނެވެ.

ފައިސާ ޗާޕުކުރަން ފެށުން

ފައިސާ ޗާޕު ކުރުން ހުއްޓާލި ބަހުސް އެމްޑީޕީން ހުއްޓުމެއްނެތި ކުރަމުންދާއިރު ފައިސާ ޗާޕު ކުރަން ނިންމީ އެމްޑީޕީގެ ވެރިކަމުގައެވެ. ފައިސާ ޗާޕު ކުރަން ނިންމި މައިގަނޑު ސަބަބަކީ 2020 ވަނަ އަހަރު މުޅީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް19ގެ ބަލިމަޑުކަމާއިއެކު ރާއްޖޭގެ އިގްތިސާދު ހުއްޓި ދައުލަތަށް ލިބެމުންދިޔަ އާންމުދަނީ ހުއްޓުމަކަށް އައުމެވެ.

ކޮވިޑުގެ ބަލިމަޑުކަމާއިއެކު ފައިސާ ޗާޕު ކުރަން ރައީސް ސާ؛ލިޙްގެ ސަރުކާރުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޭރު އޮތް މަޖިލީހުގައި ހުއްދައަށް އެދުނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް އޭރު އެިގްތިސާދަށް ދިމާވެފައިވާ ހާލަތުން އަރައިގަނެވެން ނެތް ކަމަށްބުނެއެވެ. އަދި އިގްތިސާދު ކުރިއަށް ގެންދެވެން އޮތީ ފައިސާ ޗާޕު ކޮށްގެން ކަމަށް ރައީސް ސާލިޙްގެ ސަރުކާރުން ދިޔައީ ބުނަމުންނެވެ.

ރައީސް ސާލިޙް މަޖިލީހުގައި އެދުނީ ދަރަންޏަށް ފައިސާ ނެގޭ މުއްދަތު އަހަރަށް އިތުރުކޮށް، ފައިސާ ނެގޭ އަދަދު ޕަސެންޓެއްގައި ލިމިޓުކޮށްފައި އޮތުން އިތުރުކޮށްދިނުމަށާއި ނަގާ ފައިސާ ތަރައްގީގެ މަޝްރޫއުތަކަށް އެކަނި ހަރަދުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްދިނުމަށާއި، ކޭޝްފްލޯ ހަމަޖައްސަން ނަގާ ފައިސާ އަނބުރާ ދައްކާ މުއްދަތު އިތުރުކޮށްދިނުމަށެވެ.

ފައިސާ ޗާޕުކޮށް އެމްޑީޕީން ކުރާނެ ކަމަށް ބުނި ކަންކަމަކީ ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގުތިސޯދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ކަށަވަރު ކުރުމަށެވެ. އެކަންކަން ކަށަވަރު ކުރުމަށް އެދުނު މަދުވެގެން 4.2 ބިލިއަން ރުފިޔާ ހޯދަން ހުށަހެޅި އެވެ. ސަރުކާރުން ބޭނުންވި ގޮތަށް އެކަން މަޖިލީހުން ކޮށްދިނެވެ. ދެކޮޅު ހެދީ އަދުގެ ސަރުކާރުގައި ތިއްބެވި އޭރު އިދިކޮޅުގެ މެމްބަރުންނެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ހުއްޓެމެއްނެތި ހިންގާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ވަޢުދުވި ރައީސް ސާލިޙްގެ ސަރުކާރަށް އެދިގެން ތިން ފަހަރު މަތިން ފައިސާ ޗާޕު ކުރަން މަޖިލީހުން ހުއްދަ ދިނެވެ. ފުރަތަމަ ފަހަރު މާ ބޮޑު ދެބަސްވުމެއް ނެތި މަޖިލީހުން ހުއްދަ ދިންނަމަވެސް ފަހުން ހުއްދަ ދިން ދެ ފަހަރު ޑްރާމާތަކެއް ފެނިގެން ދިޔައެވެ. ސަބަބުތަކެއް ވެސް ހުއްޓެވެ.

ފައިސާ ޗާޕު ކޮށްގެން ކުރަން ބުނި އެއްވެސް ކަމެއް ރައީސް ސާލިޙްގެ ސަރުކާރުން އޭގެ ޒާތުގައި ކޮށްފައެއް ނުވެއެވެ. ހިންގީ ކޮރަޕްޝަނެވެ. ގެންނަން ބުނި ވެންޓިލޭޓަރުތައް ނުގެނެވުނުއިރު ކުރެވުނު ކަމަކީ މިލިޔަނުން މީރު ކެއުން ކެއުމެވެ. މަޖިލީހުން ހުއްދަ ދިން ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލުމާ ހަމައަށް ގާތްގަނޑަކަށް 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ

ކޮވިޑާއި ގުޅުވައި ފައިސާ ޗާޕުކޮށް ކުރި ވައްކަމާއި ހިންގި ކޮރަޕްޝަން

ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި ފައިސާ ޗާޕުކޮށް ވައްކަން ކުރީ ރައްޔިތުންގެ ނޭވާ ހޮޅިންނެވެ. ކޮވިޑުގެ ތެރޭގައި އެކި މީހުންނަށް ކުރެވުނު ތުހުމަތުތަކާއި، އެކި އިދާރާތަކުގެ އިހުމާލުގެ ވާހަކަތައް ދައްކާކަށް ނެތީމެވެ. ނަމަވެސް ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންއާއި އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ ވާހަކަ ނުދައްކާ ރައީސް ސާލިޙްގެ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ދައުލަތް ވައްޓާލި ފުން އަނދަވަޅުގެ ވާހަކަ ކުރިއަށް ގެންދިއުމަކީ އަސްލު މަންޒަރު ގެއްލިގެން ހިނގައިދާނެ ކަމެކެވެ.

ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގައި ކުރި ހަރަދުތަކުގެ މައްޗަށް ބިނާކޮށް އޮޑިޓަރ ޖެނަރަލް ނެރުނު އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް ހިންގި އަމަލުތަކެއްގެ ވާހަކަތަކެކެވެ. ހާއްސަކޮށް 75 ވެންޓިލޭޓަރުގެ ބޮޑު ކޮރަޕްޝަންގެ ވާހަކައެވެ.  75 ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުން ދުބާއީގެ އެގްޒެކިއުޓާސް އާއި އެކު އެކުލަވާލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެންނެވެ. އަދި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރީ އާއްމު އުސޫލާއި ހިލާފަށް ވަކި ބައެއްގެ އަތުން ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

ކޮމިޝަނުން ތުހުމަތުކޮށްފައިވާ ގޮތުން ވެންޓިލޭޓަރު ގެނައުމުގައި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާވެސް އެ ކުންފުންޏަށް ދީފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށް، ދަޢުލަތަށް ގެއްލުންލިބޭ ގޮތަށް ވަކި މީހަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށެވެ. އެކަން މިއަދު ވަނީ ހާމަވެގެން ގޮސްފައެވެ. ވެންޓިލޭޓަރު ގަންނަން ހަވާލު ކުރި ދުބާއީގެ ކުންފުނީގެ ވިޔަފާރި ވަނީ މެކުހަށް ޖަހާފައެވެ. ވެންޓިލޭޓަރު ނުލިބުނުތާ ފައިސާކޮޅު ވެސް ނުލިބުނެވެ. އަދި ނުވެސް ލިބޭނެއެވެ.

ފައިސާ ޗާޕުކޮށްގެންވެސް ދައުލަތް ނުހިންގިގެން ދެން އަތް ބޭނީ ރައްޔިތުންގެ ޖީބަށް

ކޮވިޑުގެ ނުރައްކާތެރި ވަބާއިން ދުނިޔޭގެ ގިނަ ގައުމުތައް މިއަދާއާއި ހަމައަށް ސާލާމަތް ނުވި ނަމަވެސް ރާއްޖޭގެ ސިއްހީ މާހިރުންގެ ބުރަ މަސައްކަތުން ދިވެހިން މިތިބީ ރައްކާތެރި އަށްސޭރިއަކަށް އާދެވިފައެވެ. ނަމަވެސް މި ދެންނެވި އަށްސޭރިއަށް ދިވެހިންނަށް އާދެވުނުތަނާ ދެން ކުރިމަތިލާން ޖެހުނީ ދިވެހިރާއްޖެއާއި އެތައް މޭލެއް ދުރުގައިވާ ދެ ގައުމެއް ކުރަމުންދާ ހަނގުރާމައިގެ ނުރައްކަލާއެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރަމުން ގޮސް ބައެއް ގައުމުތައް މިއަދު ވަނީ ބަނގުރޫޓުވުމާ ގާތުގައެވެ. ހިތާމައަކީ މާލީ އިދާރާތަކުން ބަނގުރޫޓު ވެދާނެ ކަމަށް އިންޒާރު ދީފައިވާ ގައުމުތަކުގެ ތެރޭގައި މި ކުޑަކުޑަ ރާއްޖެ ހިމެނުނު ކަމަވެ.

ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވާ ދަނޑިވަޅުގައި ގިނަ ގައުމުތަކުން ލޯނު ނެގުމާއި ބޮޑެތި މަޝްރޫޢުތައް ކުރިއަށް ނުގެންގޮސް ދިޔައީ މަޑު ޖައްސާލަމުންނެވެ. އާދައިގެ ރައްޔިތު މީހާއަށް އަސަރު ނުފޯރާނޭ ގޮތެއްގެ މަތިން އިގްތިސާދީ ގިނަ ފިޔަވަޅުތަކެއް ގިނަ ގައުމުތަކުން އަޅަމުންދިޔައިރު ރައީސް ސާލިޙްގެ ވިސްނުން ހުރީ ރައްޔިތުންގެ ޖީބުގައި ހުރި ފައިސާކޮޅު ނަގައިގެން އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށެވެ.

އެގޮތުން ރައްޔިތުން ދައްކަން ޖެހޭ ޓެކްސްއެއް ކަމަށްވާ ޖީއެސްޓީ ބޮޑު ކުރުމަށް ރައީސް ސާލިޙް ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ޖީބުން ވައްކަން ކުރުން ނޫން ދެވަނަ އެހެން ކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ ރާއްޖޭގައި ތަކެތީގެ އަގު މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައި ޖީއެސްޓީ ބޮޑު ކުރުމުން ރައްޔިތުމީހާ ގަންނަ ތަކެތި އެތައް ގުނައަކަށް ބޮޑު ވެގެންދާނެތީއެވެ.

ކޮންމެއަކަސް އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނަން ވަޢުދުވި ރައީސް ސާލިޙްގެ ވެރިކަމުގައި ދިވެހިރާއްޖެއަށް އައި ބޭރު އިންވެސްޓްމެންޓެއް ނެތެވެ. ދައުލަތަށް އާންމުދަނީ ލިބޭނެ އައު އެއްވެސް ގޮތެއް ވެސް ތަޢާރަފް ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެންނަމުން ދިޔައީ ލޯނުގެ މައްޗަށް ލޯނު ނަގާ ރައްކާ ކޮށްފައިވާ ބޭރު ފައިސާކޮޅު ވެސް ވާނުވާ ނޭނގޭ ގޮތަށް ބޭނުންކޮށް ފައިސާ ޗާޕްކޮށް ދިވެހި ރުފިޔާގެ އަގު ވެއްޓެން ދޫކޮށްލި މަންޒަރެވެ. ހަގީގަތުގައި ފެނުނު މަންޒަރުތަކާއި ކަންކަން ހިނގި ގޮތަށް ބަލާއިރު ރައީސް ސާލިޙްގެ އިގްތިސާދީ ސިޔާސަތަކީ ރައްޔިތުންގެ ޖީބުން ވައްކަން ކޮށްގެން ސަރުކާރު ހިންގުމުގެ ސިޔާސަތެވެ.

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ

ފައިސާ ޗާޕު ކުރުން ހުއްޓާލި ކަމަށް ބުނާ ސަރުކާރުން ގައުމު ވައްޓާލީ ފުންމިން ނޭނގޭ ބޮޑު އަނދަވަޅަކަށް

ރައީސް ޑރ މުއިއްޒު ވެރިކަމާ ހަވާލުވިއިރު ދައުލަތް އޮތީ އާންމު ރައްޔިތުންނަށް ދަރާ ވިކިފައެވެ. ދައުލަތުން އާންމު ރައްޔިތުންނަށް ނުދީ 9 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ. މިކަމުގެ ސަބަބުން އިގްތިސޯދީ ހަރަކާތް އޮތީ ހުއްޓިފައެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު 120 ބިލިއަން ރުފިޔާގެ ދަރަނި އޮތްއިރު އަމިއްލަ ކުންފުނި ތަކަށް ދޭން ހުރި ފައިސާ ނުވަ ބިލިއަން ރުފިޔާ އަށް އަރައެވެ. ނުވީތާކަށް ލޯނު ދައްކަން ހަދާފައިވާ ފަންޑުގައި ހުރި ޑޮލަރު ނަގައި މާރުކޮށް ވަނީ ހުސްކޮށްލާފައެވެ. 

ރައީސް މުއިއްޒު ސަރުކާރާއި ހަވާލުވިއިރު ބޭރުގެ އިދާރާތަކާއި ދިވެހި ސަރުކާރާ ދެމެދު އޮތް އިތުބާރު އެހާ ރަނގަޅެއް ނޫނެވެ. އެޖެންސީތަކާ އޮތީ ގުޅުން ގޯސްވެފައެވެ. އެކަމަކު މިހާރު ބޭރުގެ އެޖެންސީތަކާ ގުޅުން ރަނގަޅުކުރެވުނުއިރު ދަތިކޮށް މަސައްކަތް ކުރަން ޖެހުނު ހަ މަސް ދިޔަ ނަމަވެސް ނުކަތާ ބޮޑު ރޭޓުގައި ދަރަނި ނަގައިގެން ސަރުކާރު ހިންގަން ރައީސް މުއިއްޒު ބޭނުންފުޅެއް ނުވިއެވެ.

ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރި ކަމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއަށް ރައީސް ސާލިޙްގެ ސަރުކާރުން ގެނައި ތަރައްގީއެއް ފެންނަން ނެތްއިރު ދެ ދާއިރާ އޮތީ މަރުގެ ތުންފަތްމަތީގައޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ. އަލުން ތަރައްގީކޮށް ހުޅުވުނު ރިސޯޓެއް ނެތެވެ. ގާނޫނުތަކަށް ގެނައި ބަދަލުތަކުން ވީ ހަމަ އެއްވެސް ފައިދާއެއް އިގްތިސާދަށް  ލިބުނު ހަމަ އެއްވެސް ކުރިއެރުމެއް ނެތީއެވެ. ޓީޖީއެސްޓީ  ބޮޑުކޮށް ދާއިރާއަށް ކުރިމަތިވެފައި އޮތް ތަކުލީފް ބޮޑުކުރީއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށް ރައީސް ސޯލިހު ވަޢުދުވިނަމަވެސް ވެރިކަން ބަދަލު ވެގެން ދިޔައިރު ހާލަތުވީ ގޯހެވެ. ނުވީތާކަށް މަސް ގަންނަ އަގު ބޮޑުކޮށް މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދިޔަ އަމިއްލަ ކުންފުނިތައް އިނދަޖައްސާލިއެވެ. މަސް ކިލޯއެއް 17ރ. އަށް ގަންނަމުން ދަނިކޮށް މަސް ގަންނަ އަގު 25ރ. އަށް އިންތިހާބީ ވައުދެއްގެ ގޮތުގައި ބޮޑުކުރި އެވެ. މިފްކޯ ބަނގުރޫޓް ކޮށްލިފަދައެވެ. މަސްވެރިން ބޭނި މަހަށް ނުދީ ހުރި ފައިސާގެ އަދަދު 800 މިލިޔަން ރުފިޔާއަށް އަރާފައި އޮތް އިރު ދެއްކޭނެ މަގެއް ވެސް ކޮށާފައި ނެތީއެވެ.

ފައިސާ ޗާޕު ކުރުން ހުއްޓާލީ ތިންމަންނާމެންނޭ އެމްޑީޕީން ބުނާއިރު ފައިސާ ޗާޕު ކޮށްގެން ރައީސް ސާލިޙްގެ ސަރުކާރަށް އިގްތިސާދީ ގޮތުން ގައުމަށް ކުރިއެރުމެއް ހޯދައި ނުދެވުނުއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އޮތީ އިނދަޖެހިފައެވެ. ބަނގުރޫޓުވި ކުދި ކުންފުނިތައް މަދެއް ނޫނެވެ. ސަރުކާރުގެ ކުންފުނިތަކުން އޮތީ އަމިއްލަ ކުންފުނިތަކަށް ބިލިޔަނުން ދަރާފައެވެ. ދައުލަތް ފިލައިގެން އުޅުނުފަދައެވެ. އެވަރު ނުވެގެން ބޭރުގެ ފަރާތްތަކަށް ދައްކަން އޮތް ދަރަނި ނުދައްކާ ދަންމަމުން ދަންމަމުން ގޮސް އޮތީ އަތުފަތު ނުޖެހޭ ހިސާބުގައެވެ.

ދުނިޔޭގެ މާލީ އިދާރާތަކުން އެތައް ބިލިޔަން ޑޮލަރެއްގެ އެހީތެރިކަން ރާއްޖެއަށް ދިންނަމަވެސް ރައީސް ސާލިޙްގެ ސަރުކާރުގައި އިގްތިސާދަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް އޭޝިއަން ޑިވެލޮޕްމެންޓު ބެންކުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުވުމުގެ ގޮތުން ދީފައިވާ ޖުމުލަ ފައިސާގެ އަދަދު 529 މިލިއަން ޑޮލަރަށް އަރައެވެ.

31 ޑިސެމްބަރު 2023 ގެ ނިޔަލަށް އޭޑީބީންވަނީ 117 ޕަބްލިކް ސެކްޓާރ ލޯނާއި، ގްރާންޓު އަދި ޓެކްނިކަލް އެސިސްޓެންސް ފޯރުވާފައިކަމަށާއި، ޖުމުލަ މާލީ އެހީ 529 މިލިއަން ޑޮލަރަށް އަރާކަމަށްވެސް ބުނެފައިވެއެވެ. އޭޑީބީން ބުނެފައިވާގޮތުން މިވަގުތު ދިވެހިރާއްޖެއަށް މާލީ އެހީތެރިކަން ދީގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭއި 4 ލޯނާއި 10 ގްރާންޓެއް ހިމެނޭކަމަށެވެ. އަދި އެކަންކަމަށް 250.1 މިލިއަން ޑޮލަރު ޖުމުލަކޮށް ދޫކޮށްފައިވާކަމަށްވެސް ބުނެފައިވާއިރު، ސަރުކާރުން ގެރެންޓީ ދޭ އަދި ނުދޭ ލޯނުތަކާއި ގްރާންޓުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް 342.18 މިލިއަން ޑޮލަރަށް އަރާކަމަށްވެސް ބުނެފައިވެއެވެ.

ފައިސާ ޗާޕު ނުކޮށް އިގްތިސާދީ ބޮޑެތި ހަރަކާތްތައް ފައްޓަވައި އިންވެސްޓަރުންގެ އިތުބާރު ރައީސް މުއިއްޒު ގާއިމް ކުރެއްވި

ރައީސް ސާލިޙްގެ ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ ހުއްދަ ތިން ފަހަރު މަތިން ހޯދައި އިގްތިސާދު ހިންގަން ނިންމާފައި އޮތް ނަމަވެސް ރައީސް މުއިއްޒު ނިންމެވީ ފައިސާ ޗާޕު ކުރުން ނިމުމަކަށް ގެންނާށެވެ. އެއާއިއެކު އިގްތިސާދު ފުޅާ ކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން ބަންކަރިން ޚިދުމަތްދެވޭ ގޮތަށް ގާދޫގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށިއެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ދެނެގަތުމަށް، މާކެޓް ސްކޯޕިންގ ގެ ބޭނުމަށާއި، އަދި ޝައުޤުވެރިވާ ފަރާތްތަކުން މަޝްރޫޢުގެ ކޮމަރޝަލް ވަޔަބިލިޓީއަށް ރިޢާޔަތްކޮށް ހުށަހަޅާ ސްކޯޕް އަދި އެހެނިހެން ޓަރމްސް ދެނެގަތުމުގެ ބޭނުމަށް 21 ޑިސެންބަރު 2023 ވަނަ ދުވަހު ރިކުއެސްޓް ފޮރ އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އިޢުލާނުކޮށް، 31 ޖަނަވަރީ 2024 ނިޔަލަށް 2 ފަރާތަކުން އިންޓްރަސްޓް ފާޅުކޮށްފައިވެއެވެ.

11 އެޕްރީލް 2024 ވަނަ ދުވަހު، ޗައިނާގެ CAMCE ކުންފުނުންޏާއެކު މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. ގާދޫ މެރިޓައިމް ހަބް މަޝްރޫޢުގައި ހިމެނޭ ކޮމްޕޯނަންޓްސްގެ ތެރޭގައި އޯފް-ޝޯ ބަންކަރިންގ، ކްރޫޒް ޓަރމިނަލް، ސުޕަރ ޔޮޓް މެރީނާ، އިކޯ ރިޒޯޓް، ސްޓޯރޭޖް ފެސިލިޓީޒް، އަދި ޓްރާންސްޝިޕްމަންޓް ބަނދަރު ހިމެނެއެވެ.

ހަމައެހެންމެ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ އިނިޝިއަލް ޕަރމިޓް ދޫކުރީ ވެސް ރައީސް މުއިއްޒުގެ ސަރުކާރުންނެވެ. އެގޮތުން  ގްރޭޓަރ މާލެ ސަރަޙައްދަށް، އިޢާދަކުރަނިވި ޙަކަތައިން ކަރަންޓް ފޯރުކޮށްދިނުމަށް ޢަމާޒުކޮށް، ކެނަޑާގެ ކުންފުންޏަކުން 21 ޑިސެންބަރު 2023 ގައި ހުށަހަޅާފައިވާ އެޕްލިކޭޝަންގެ ފުރަތަމަ ރިވިއު ނިންމައި، ބޯޑް އޮފް އިންވެސްޓްމަންޓުން ކަނޑައަޅާފައިވާ ޝަރުޠު ތަކަކާއެކު 24 އެޕްރީލް 2024 ގައިވަނީ 180 ދުވަހުގެ މުއްދަތަކަށް އިނިޝިއަލް ޕަރމިޓް ދޫކޮށްފައެވެ. 

ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދައި ރާއްޖެއަށް އައު އިންވެސްޓްމެންޓްތައް ގެންނަން ކުރި މަސައްކަތުގެ ތެރެއިން ސްޕެޝަލް އިކޮނޮމިކް އަދި ފައިނޭންޝަލް ސަރވިސަސް ޒޯންސް ތަރައްޤީކުރުމަށް އިންޓަރނޭޝަނަލް ފްރީޒޯން އޮތޯރިޓީއާއެކު ފަހުމުނާމާގައި ސޮއިކުރިއެވެ. ކ. ފުނަދޫގައި ތަރައްޤީކުރުމަށް ރޭވިފައިވާ އެއަރޕޯޓް އިކޮނޮމިކް ޒޯން އަދި އިހަވަންދިއްޕޮޅުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ތެރެއިން، ސްޕެޝަލް އިކޮނޮމިކް އަދި ފައިނޭންޝަލް ސަރވިސަސް ޒޯންސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އިންޓަރނޭޝަނަލް ފްރީޒޯން އޮތޯރިޓީ (IFZA) އާ އިގްތިސާދީ ވުޒާރާއާއި ދެމެދު 6 މަސް ދުވަހުގެ މުއްދަތަކަށް 12 މޭ 2024 ގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. މި ފަހުމުނާމާގެ ދަށުން ކުރިއަށްގެންދެވޭ މަޝްވަރާތަކުގެ އަލީގައި، މަޝްރޫޢުތަކުގެ ސްކޯޕް އިތުރަށް ޑިފައިންކޮށް، ކޮމަރޝަލް ޓަރމްސްއަށް އެއްބަސްވުމަކަށް އައުމަށް މަގުފަހިވެގެންދާނެއެވެ.

މީގެިއތުރުން  އިޤްތިސާދީ ރައްކާތެރިކަމާ އުފެއްދުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕލސ ޤާއިމްކުރިއެވެ. ޤާނޫނު އަސާސީގައި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތަކުގެ ތެރެއިން، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރު އިތުރުކޮށް، އިޤްތިޞާދީ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި، މިހާތަނަށް ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން މެދުވެރިކޮށް ފަށާފައި ވަނީ ފައިސާ ޗާޕު ނުކޮށެވެ.

މި ކުންފުންޏަކީ، ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ކާނާއާއި، ފޭރާމާއި، ބޭހުގެ އަގު، އަތް ފޯރާފަށަށް ގެނެސްދިނުމުގެ ނިޒާމު ހިންގުމުގެ މަސައްކަތް ކުރާނެ ކުންފުންޏެވެ. އަދި، ރާއްޖޭގެ ޖޯގްރަފިކަލް ލޮކޭޝަންގެ ބޭނުން ހިފައި، މި ބައްރުގެ ފްރީ ޒޯންތަކާއި ވާދަކުރެވޭފަދަ ގޮތަކަށް، ރީއެކްސްޕޯޓް ޕްރޮސެސިންގ އަދި ވެލިޔު އެޑިޝަން މަސައްކަތްތައް ރާއްޖޭގައި ތަޢާރަފުކޮށް އިޤްތިޞާދު ސިންދަފާތު ކުރެވޭނެ ފަދަ އައު ސިނާޢަތްތަކެއްގެ ބިންގާ އެޅުމުގެ ޤާބިލުކަން މި ކުންފުނީގައި ހުންނާނެއެވެ.

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރުމަށް އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު އެމްއޯޔޫއެއްގައި 28 މާރްޗް 2024 ގައި ވަނީ ސޮއިކޮށްފައެވެ. މިއީ ފައިސާ ޗާޕު ނުކޮށް ދައުލަތް ހިންގާނެކަން ރައީސް މުއިއްޒު ކުރެއްވި މަސައްކައްތަކުގެ ކުޑަކުޑަ މިންވަރެކެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ކޮންމެއަކަސް ފައިސާ ޗާޕު ކުރުން ހުއްޓާލީ ތިމަންނާމެންނޭ އެމްޑީޕީން ބުނާއިރު އެވެރިން ވެރިކަމުން ފައިބައިގެން ދާން ޖެހުނުއިރު ރާއްޖެ އޮތީ ދަރަނި ނުދެއްކި ބަނގުރޫޓްވާ ހާލަތުގައެވެ. އައިއެމްއެފްއިން ވަނީ މި އަހަރުގެ ތެރޭގައި އެ ވުޒާރާއިން ރާއްޖެއަށް ކުރި ޒިޔާރަތުގައި ލިބިފައިވާ މައުލޫމާތުގެ އަލީގައި ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ބަޔާނެއް އާންމުކޮށް އެ ހާލަތުން އަރައިގަތުމަށް ބައެއް އިރުޝާދުތައް ވެސް ދީފައެވެ.

އައިއެމްއެފްއިން ބުނެފައިވާގޮތުން މާލީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ނުގެންނަ ހާލަތުގައި ދިވެހިރާއްޖޭގެ މާލީ ހާލަތާއި ދަރަނީގެ މައްސަލަވެސް މަތީގައި ހުންނާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި ރާއްޖެ މިވަގުތު އޮތީ ބޭރުގެ ދަރަންޏާއި ގައުމުގެ ޖުމުލަ ދަަރަނިތައްވެސް ނުދެއްކިދާނެ ފަދަ ހާލަތެއް މެދުވެރިވުމާއި ގާތުގައިކަމަށްވެސް ބުނެފައިވާާއިރު، ތެލުގެ ހަރަދުތައް ބޮޑުވެގެންދިއުމާއި އިމްޕޯޓު ޑިމާންޑު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އެކައުންޓު ޑެފެސިޓުވެސް ބޮޑުވާނެކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.

އައިއެމްއެފްއިން ބުނެފައިވާގޮތުން ރާއްޖޭގައި މާލީ ގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން މުހިންމުވާއިރު،  މިހާރަށްވުރެ ރަނގަޅު މާލީ ސިޔާސަތުތަކަކާއި މަސައްކަތްކުރުމުގެ އުސޫލުތަކެއްވެސް ތަންފީޒުކުރަންޖެހެއެވެ.

ރާއްޖޭގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ ގޮތުން މިފަދަ ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ދަނީ އެ ކަންކަން ހައްލުކުރުމަށްޓަކައި މާލީކަންކަން އިސްލާހުކޮށް އައު ސިޔާސަތުތަކެއް ތަންފީޒުކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރެވޭކަމަށާއި އަވަސްކޮށް ތަންފީޒުކުރުމަށްވެސް އަހައްމިއްޔަތު ދޭކަން ފެނިގެންދާކަމަށް ބުނެފައިވެއެވެ.

ކޮންމެއަކަސް ވަށައިގެން ހިނގާފައިވާ ކަންތައްތަކާއި ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު ފައިސާ ޗާޕް ކުރުން ހުއްޓާލުމަށް ނިންމި ނިންމުމަކީ ސީދާ އެމްޑީޕީގެ ސަރުކާރުގެ ނިންމުމެއް ނޫނެވެ. އެހެން ނޫންނަމަ އެވެރިންގެ ދައުރު ނިމުމުގެ ކުރިން އެކަން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރީހެވެ.

ފައިސާ ޗާޕު ކޮށްގެން ދައުލަތް ހިންގި ސަރުކާރުން، ނަގައި ނުދައްކާ އޮތް ލޯނު ފައިސާ ޗާޕު ނުކޮށް ދެއްކީ ރައީސް މުއިއްޒުގެ ސަރުކާރުންނެވެ. ރައީސް ސާލިޙްގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 200 މިލިޔަން ޑޮލަރުގެ ލޯނުގެ ތެރެއިން ވެރިކަމާއި ހަވާލުވިއިރު ދައްކަންޖެހިފައި އޮތް 50 މިލިޔަން ޑޮލަރު 3 މަސް ދުވަހުގެ ތެރޭގައި ދެއްކީ ރައީސް މުއިއްޒުއެވެ. އެހެންވީމާ ފައިސާ ޗާޕު ނުކޮށް ދައުލަތް ހިންގަން ދަސްކުރީ ރައީސް މުއިއްޒުއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: