އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ އަދިވެސް ހައްލު ކުރެވިފައި ނުވާތީ، ރައްޔިތުންނަށް ދަތިތައް ހައްލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ އައު ދައުރުގެ ދެވަނަ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، އެމްޑީޕީގެ ޕާލިމަންޓު ގުރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ.
ނާޒިލްގެ ކުއްލި މައްސަލައިގައި ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ފެނުގެ ހިދުމަތް ދިނުމަށް އިންތިހާއަށް ދަތިތައް ދިމާވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް އޭގެ އަސަރުކޮށް ބުރޫ އަރަމުންދާކަމަށެވެ. އަދި ރައްޔިތުން އެތައް ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މިކަމުގައި ސީދާ ޒިންމާވެ ހައްލު ކުރުމުގެ ޒިންމާ އޮތީ ކޮން ބައެއްގެކަން ރައްޔިތުންނަށް ސާފު ނުވާކަމަށެވެ.
އެހެންކަމުން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް ލިބެން ޖެހޭ އެންމެ އަސާސީ ހިދުމަތް އެއްވެސް އުނދަގޫކަމެއް ނެތި ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާކަމަށް ނާޒިލް ވިދާޅުވި އެވެ.
އައްޑޫގެ ފެނުގެ މައްސަލައިގައި، ސަންގުޓީވީގެ ޕްރޮގްރާމެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ހިދުމަތް ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވުން ކަމަށެވެ. އަދި ހުންނަން ޖެހޭ މިންވަރަށް ސްޓޯރޭޖް ކެޕޭސިޓީ ވެސް ނެތްކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ، މަރާމާތެއްގެ މަސައްކަތަށް ހުއްޓާލަން ޖެހޭ ހާލަތެއްގައި ތިން ގަޑިއިރުގެ ތެރޭގައި ފެން ހުސްވާކަމަށް މުއާޒް ވިދާޅުވި އެވެ.
ފެނަކައިން ބުނެފައި ވަނީ އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މިދިޔަ އަހަރުތަކުގައި މެޝިނަރީސްތަކުގެ މެއިންޓަނެންސް އެއްވެސް މިންވަރަކަށް ބެލެހެއްޓިފައި ނުވާކަމަށެވެ.
ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އަޕްގްރޭޓިން ޕްރޮޖްކެޓެއް އެމްޑަބްލިއުސްސީއަށް، ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ މަޝްރޫއު ނިމުމުން، ފެނުނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

