ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ހައްގުގައި ސާބިތުކަން ދެއްކެވި އެންމެ ވަރުގަދަ ލީޑަރަކަށް ރައީސް މުއިއްޒު!

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގައި ކުށެއް ނެތް އެތައް ކުޑަކުދިންނާއި އެތައް އާއިލާއެއްދަނީ ޝަހީދުވެ، މަގުމަތިވަމުންނެވެ. އިޒްރޭލާއި ދެކޮޅަށް ދުނިޔޭގެ އެކިއެކި ގައުމުތަކުން ވަރުގަދަ ކެމްޕޭނުތައް ކުރަމުންދާއިރު މިކުޑަކުޑަ ރާއްޖެއިން ވެސް ދަނީ އިޒްރޭލާ ދެކޮޅަށް ބޮޑެތި ހަރަކާތްތައް ހިންގާ، އެކިއެކި ޕްލެޓްފޯމްތަކުގައި އަޑުއުފުލަމުންނެވެ. އޭގެ ތެރެއިން އަދުގެ ރައީސް އަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން ވަނީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތައް ކުށްވެރިކުރައްވާ ވަރަށް ހަރުކަށި އިބާރާތުން ޓްވީޓެއް ކުރައްވާފައެވެ. އެއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެންމެ ވައިރަލްވި ޓުވީޓެވެ. މި ޓްވީޓުގައި ރައީސް ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި ގަދަކަމުން ފަލަސްތީނު ރައްޔިތުންގެ ކިބައިން ފޭރިގަނެފައިވާ އެމީހުންގެ ބިންތައް އެމީހުންނަށް އަނބުރާ އިއާދަކުރުމަށް ގޮވާލައްވާފައެވެ.

ރައީސް މި ޓުވީޓު ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުއެވެ. މިޓްވީޓަށް 1.1 މިލިއަން ވިއުސް ލިބިފައިވާއިރު 17،000 އަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ. އަދި 6،000ށް ވުރެ ގިނަ މީހުން ވަނީ މި ޓްވީޓް ރިޕޯސްޓުކޮށްފައެވެ. މި ޓްވީޓަށް ގިނަ ބަޔަކު ރައީސް އަށް ތައުރީފު ކުރައްވާފައިވާއިރު މި ޓްވީޓު ވާނީ ދިވެއްސަކު ކުރެއްވި އެންމެ ވަރުގަދަ އެއް ޓްވީޓަށްކަން ވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމާ ހަވާލުވެވަދައިގަތުމަށްފަހު ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދޭން ރާއްޖޭން ކޯ ސްޕޮންސާކޮށްފައިވާ ވަނީ ގަރާރެއް ހުށަހަޅާފައެވެ. އެ ގަރާރު ފާސްކުރިއިރު 143 ގައުމަކުން ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް އެމަރިކާއިން މި ގަރާރު ވީޓޯ ކުރުމުން ރާއްޖޭގެ މިހާރު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވީޓޯ އުވާލަން އދ. ގެ އާންމު މަޖިލީހުގައި ގޮވާލާފައެވެ.

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދުމަށް ތާއީދުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާ!

ނޮވެންބަރު 19 ވަނަ ދުވަހު ފަލަސްތީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އޭއެމް އަބޫއަލީއާ ބައްދަލުކުރައްވާ ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމަނިކުފާނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން އޮންނަ ހިފެހެއްޓުމެއްނެތް ތާއީދު ހާމަކުރައްވާފައެވެ.

ރައީސް ވަނީ ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުވެގެންދިއުމަށާއި، އެސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމުވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.  މި ބައްދަލުވުމުގައި ވެސް ރައީސް ވަނީ ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވާފައެވެ.

ފަލަސްތީނުގެ ޝުކުރު ދިވެހިންނަށް!

ރައީސް އެކްސްގައި މިދިޔަ މަހު 13 ވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި، އިޒްރޭލްގެ އަސްކަރީ ބާރުން ދެމުންދާ ހަމަލާތަކުގައި ގާޒާ ނެތިގެންދާ ތަން ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ނޯންނާނެ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިޒްރޭލް އިން ގާޒާ އަށް، ހާއްސަކޮށް މިހާރު ރަފަހްއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ބައިނަލްއަގްވާމީ ގާނޫނަށް އަމަލު ކުރަން ރައީސް ވަނީ އިޒްރޭލަށް ގޮވާލައްވައިފައެވެ. އަދި މި ވަގުތަކީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޓްވީޓާއެކު އެގައުމުގެ ސަރުކާރުން ވަނީ ރާއްޖެއަށް ޝުކުރު އަދާކޮށްފައެވެ. ފަލަސްތީން ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން ރައީސް މުއިއްޒުގެ ޕޯސްޓް ރީޕޯސްޓްކޮށް ވަނީ ރާއްޖެއަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާ ފަލަސްތީނަށް ދެމުންދާ އެއްބާރުލުމާއި ސަޕޯޓަށް ޝުކުރުއަދާކޮށްފައެވެ.

ފަލަސްތީނަށް އޮތް ލޯތްބަށް ބަދަލެއް ނާންނާނެ!

ދިވެހީން އަންނަނީ އެތައް ގޮތްގޮތުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ކާބޯތަކެތި ފޯރުކޮށްދިނުމުގައި، ފައިސާގެ އެހީތެރިކަމާއި އަދި ބޭނުންވާ އެހެން ޒަރޫރީ އެހީތެރިކަން، އަންނަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ރައީސްގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީވުމުގެ ގޮތުން ޓެލެތޯންއެއް ބާއްވަން ވަނީ ނިންމާފައެވެ. މި މަހު 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޓެލެތޯންގެ ފަންޑު ފޮށިތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މި ޓެލެތޯން ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ފަލަސްތީނަށް ކުރާ ލާއިންސާނީ އަމަލުތައް ބަލަން އެކަކު ހިތަށް ވެސް ކުޅަދާނައެއް ނުވާނެއެވެ. ފަލަސްތީނުގައި ތިމާގެ މީހަކު ނެތަސް ނުވަތަ އާއިލާގެ މީހަކު ނެތަސް ދިވެހިން ދެކެނީ އެއީވެސް އެއް އާއިލާއެއްގެ ބައެއް ގޮތުގައެވެ. ދިވެހިންގެ މެދުގައި ފަލަސްތީނަށް އޮތް ލޯބި ކޮންމެ ދިމާލަކުން ބަލާލިއަސް ފެންނާނެއެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 5%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: