ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތް ނުދީ އެމްޑީޕީ ކުރީ ވައްކަން، އައްޑޫ ފެނުގެ މެޝިނަރީސްތައް ވަނީ ދަބަރަށްވެފައި: ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ މައްސަލަ ދިމާވަނީ، ފެނަކައިގެ ކުރީގެ މެނޭޖުމަންޓުގެ ހިޔަނާތާއި ހިންގި ކޮރަޕްޝަނުގެ ސަބަބުން ލިބުނު ގެއްލުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުން ހުވާ ކުރުމަށް ފަހު މިއަދު އޮތް ފުރަތަމަ ޖަލްސާއަށް، އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ. ނާޒިލްގެ މައްސަލައިގައި ވަނީ، ހާލަތު ގޯސްވެ ހިދުމަތް ދިނުމުގައި މިހާރު ހުރި ދަތިތައް ހައްލު ކުރުމުގެ ޒިންމާ އޮތީ ކޮންބައެއްގެކަން ރައްޔިތުންނަށް އޮޅިފައިވާކަމަށެވެ. އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް ލިބެން ޖެހޭ އެންމެ އަސާސީ ހިދުމަތް އެއްވެސް އުނދަގޫކަމެއް ނެތި ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާކަމަށް ނާޒިލް ވިދާޅުވި އެވެ.

ޖަލްސާއަށް މިއަދު ހާޒިރުވެ ތިބި 83 މެމްބަރުންގެ ވޯޓުން މައްސަލަ ބަލައިގަނެ ބަހުސަށް ހުޅުވާލުމުން ޝުޖާއު ވިދާޅުވީ، ފެނުގެ ހިދުމަތް ދިނުމުގެ ނެޓްވޯކް އެއްވެސް ވަރަކަށް މެއިންޓަނެންސް ބެލެހެއްޓިފައި ނުވާތީ ހަލާކުވެފައިވާކަމަށެވެ. އަދި އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައީ، ކުންފުންޏަށް މާލީ ގޮތުން އެތައް ގެއްލުމެއް ދީ ދަރަނިވެރި ކުރުވުމަށްފަހުކަމަށް ޝުޖާއު ވިދާޅުވި އެވެ.

އައްޑޫގެ ފެނުގެ މައްސަލައިގެ ވާހަކަ ދައްކާއިރު، އެ ހާލަތަށް ދާން ޖެހުނީ ކޮން ސަބަބަކާއި ހުރެތޯ ބަލަން ޖެހޭ ކަމަށެވެ. ކުންފުނި 4 ބިލިއަނަށް ވުރެ ބޮޑު އަދަދަކުން ދަރަނިވެރި ކުރުވުމަށް ފަހު ވެސް ސިޔާސީ ބޭނުމަށް ޓީވީތައް ބަހަމުން ގެންދިޔަ މަންޒަރު ރައްޔިތުންނަށް ފެނިފައިވާނެކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެކަން ކުރަމުން ދިޔައީ ވެސް ވައްކަންކޮށް ހިޔާނާތްވެ ހޯދި ފައިސާތަކުންކަން ސާފުވާކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ، އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ހާލަތު އޮތް ގޮތަކީ ކޮބައިތޯ ފުރަތަމަ އަޅުގަނޑުމެން ބަލާލަން އެބަޖެހޭ.. އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުގައި އައްޑޫ ސިޓީ ހިތަދޫއާއި، އަދި ގުޅިފައިވާ ރަށްތަކުގެ ފެނުގެ ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ނެޓްވޯކުގެ ފެނުގެ ސްޓޯރޭޖުތައް މެއިންޓަނެންސް ނުކުރުމުގެ ސަބަބުން ހުރީ ދަބަރަށް ގޮސް ހުސްވެފައި.. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ހާލަތު އޮތީ 4.6 ބިލިއަނުން ކުންފުނި ދަރުވާލާފައި.. ވައްކަންކޮށްކޮށް.. އަޅުގަނޑުމެން އޭރު ހިތަށް އަރަމުން ދިޔަ ކީއްވެގެން ބާއޭ ޓީވީތައް ބަހަމުން މިގެންދަނީ ފެނަކައިގެ ފަރާތުން.. ބަލާލިއިރު ވައްކަމުގެ ތެރެއިން ސިލްސިލާކޮށް ކުރެވޭ ކަންތައްތަކުގެ ތެރެއިން މިކަން ހިނގަމުން ދަނީ..

ޝުޖާއު ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ބައެއްގެ އިހުމާލުން ރަނގަޅު ފެނުގެ ހިދުމަތެއް ނުދެވޭތީ އެކަމާ ކަންބޮޑުވާކަމަށާއި، މި ސަރުކާރުން ދަނީ ކެނޑިނޭޅި އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންކަމަށެވެ. ޝުޖާއު މިދިޔަ މަޖިލީހުގައި އައްޑޫގެ ހުރިހާ ދާއިރާއެއް ވެސް އެމްޑީޕީ ތަމްސީލު ކުރިއިރު، 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެންގެވީ ވެސް އޭރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުން ގެންދެވި ހިތަދޫ އުތުރު ދައިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށެވެ. އެކަމަކު އޭގެއިން ވީ އެއްވެސް ފައިދާއެއް، ނުވަތަ އެ ބޭފުޅުން އެކަމާ ކަންބޮޑުވެގެން ވާހަކަ ދެއްކި މަންޒަރެއް ވެސް ފެނިފައި ނުވާކަމަށް ޝުޖާއު ވިދާޅުވި އެވެ.

ނާޒިލް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ވޯޓު ވެސް ދެއްވި، ޝުޖާއު ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހެޅުމަކީ އަދި އޭގައި ހަގީގަތެއް އޮތްކަމަށް ބަލަން ޖެހޭ ސަބަބެއް ނޫންކަމަށެވެ.

ޝުޖާއު ވަނީ ހަ މަސް ދުވަހުގެ ތެރޭގައި އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް 256 މިލިއަން ރުފިޔާއަށް މަޝްރޫއުއެއް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވާކަން ފާހަގަކޮށް އެކަން ކާމިޔާބު ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.

އެހެންވީމަ މި މައްސަލައިގައި ދަންނަވާލަން ބޭނުންވަނީ، މިއީ ވަރަށް ބޮޑު އިހުމާލެއްގެ ސަބަބުން ހައްލު ނުވެ އޮތް މައްސަލައެކޭ..

އައްޑޫގެ ފެނުގެ މައްސަލައިފައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ”ސަންގު“ އަށް ވިދާޅުވީ ޑިމާންޑަށް ފެން ފޯރުކޮށްދޭން މަސައްކަތް ކުރުމުން މެޝިނަރީސްތަކަށް ވެސް އޭގެ ބާރު ވަރަށް ބޮޑަށް ކުރާކަމަށެވެ. އަދި މެޝިނެރީސްތައް ވެސް ހުރީ ރަނގަޅު ހާލަތެއްގައި ނޫންކަމަށާއި މިއީ އަލަކަށް ދިމާވި މައްސަލައެއް ނޫންކަމަށް މުއާޒް ވިދާޅުވި އެވެ.

ފެނުގެ މައްސަލައިގައި ފެނަކައިން ބުނެފައި ވަނީ، ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އަޕްގްރޭޓިން ޕްރޮޖްކެޓެއް އެމްޑަބްލިއުސްސީއަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން، ފެނުނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.

ފެނަކައިން ބުނެފައި ވަނީ އައްޑޫގެ އާބާދީ ބޮޑުވުމުން، އެ ކުންފުނިން އުފައްދާ ފެން ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ. ފެނުގެ ނިޒާމު އަޕްގްރޭޓު ކުރަން، ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފެނުގެ ނިޒާމު އަޕްގްރޭޓު ކުރުމުގެ މަޝްރޫއު ނިމުމުންކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: