އެމްޑީޕީގެ ވެރިކަމުގައި އައްޑޫގެ ފެން ޕްލާންޓު އެއްވެސް މިންވަރަކަށް މަރާމާތު ނުކުރެވޭކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށާއި، ހިދުމަތް މެދުކެންޑެން ފެށީ މިދިޔަ ދެ މަސް ދުވަހުން ފެށިގެންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ގޮވާލައި، ނާޒިލް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމަށް 83 މެމްބަރުން ވޯޓު ދިނެވެ. އަދި އެއަށް ފަހު ބަހުސަށް ހުޅުވާލުމުން، މެމްބަރުން ވިދާޅުވަމުން ގެންދެވީ އެކަމުގެ ޒިންމާ ނަަގަން ޖެހޭނީ ކުރީ ސަރުކާރުން ކަމަށެވެ.
އައްޑޫގެ އެހެން ދާއިރާތަކުގެ ސަރުކާރުގެ މެމްބަރުން، މި މައްސަލަ ދިމާވީ އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރުގައިވި އިހުމާލުގެ ސަބަބުންކަމަށް ވިދާޅުވަމުން ގެންދަވާތީ ނިޒާމީ ނުކުތާއެއް ނަންގަވައި ނާޒިލް ވިދަޅުވީ ފެނުގެ މައްސަލަ ގޯސްވިތާ ވީ ދެ މަސް ކަމަށެވެ. އަދި ފެނުގެ ދަތިތައް ރައްޔިތުންނަށް ދިމާވާން ފެށީ، މިދިޔަ ސަރުކާރުގައި ނޫންކަމަށާއި ސިޔާސީ ބޭނުމެއްގައި އޮޅުވާލަން ޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ މިދިޔަ ފަސް އަހަރު އައްޑުއަށް އެއްވެސް މެދުކެނޑުމެއް ނެތި ފެން ލިބުނުކަމަށާއި، ހިދުމަތުގެ އަޕްގްރޭޓަކަށް ނުވަތަ އެހެން ސަބަކަކާއި ހުރެ ހިދުމަތް ކަނޑާލަނީ ކުރިޔާލާ އެކަން އެންގުމަށް ފަހު ވަކި ގަޑިތަކެއްގައި ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް އޮޅޭގޮތަށް މެމްބަރުން ވާހަކަ ނުދެއްކެވުމަށް ނާޒިލް ގޮވާލި އެވެ.
ނިމިދިޔަ ސަރުކާރުގައި އައްޑުއަށް ބަރާބަރަށް ފެން ލިބެމުން އައީ… ދެން.. ފެން ކެނޑެންޏާ، އެ ގަޑިއެއް އެނގިގެން ކެނޑިގެން ދިޔައީ.. އެހެން ނޫނީ ބަރާބަރަށް ފެން ލިބެމުން އައީ..
މައްސަލަ ހުށަހެޅުމަށް ފަހު، ފުރަތަމަ ފުރުސަތުގައި ނާޒިލް ވިދާޅުވީ ހިދުމަތް މެދުކެނޑެނީ އާބާދީ ބޮޑުވުމުގެ ސަބަބުން ނުވަތަ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭތީކަމަށް ފެނަކައިން ބުނާއިރު މީގެ ކުރިން އެފަދަ މައްސަލައެއް ދިމާނުވާކަމަށެވެ. ގަވައިދުން ފެނުގެ ހިދުމަތް ލިބުމަށް ފަހު، ކުއްލިއަކަށް މައްސަލަތައް ދިމާވާން ފެށިއިރު މި ވެރިކަމުގެ ފުރަތަމަ ހަތަރު މަސް ދުވަހު ވެސް އެއްވެސް ދައްޗަކާއި ނުލައި ފެން ލިބުނުކަމަށް ނާޒިލް ވިދާޅުވި އެވެ. އެކަމަކު މިދިޔަ ދެ މަސް ދުވަހުން ފެށިގެން މައްސަލަ ގޯސްވަމުން ދިޔައީ މި ސަރުކާރުގެ އިހުމާލުން ނޫންތޯ ނާޒިލް ސުވާލު އުފެއްދި އެވެ.
މިއީ ދުވަހުން ދުވަހަށް މަރާމާތުކޮށް، މެއިންޓަނެންސް ބަލަހައްޓަން ޖެހޭ ހިދުމަތަށްވުމާ އެކު އިހުމާލުތަކެއްވެފައިވާކަން ސާފުކޮށް ފެންނާން އެބައޮތްކަމަށް ނާޒިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފެނަކައިން ތަކުރާރުކޮށް ފެން ޕްލާންޓަށް ބޭނުންވާ ސާމާނުތައް ގެންނަން އެދޭއިރު ސަރުކާރުން އެއަށް ދިނީ ބީރު ކަންފަތެއްކަމަށެވެ.
ސްޕެއާ ޕާޓްސްތައް ނެތް ވާހަކަ، ޓެކްނީޝިއަނުން ނެތް ވާހަކަ.. އަޅުގަނޑުމެންނަށް ސްންޓްރަލައިޒްކޮށް ހިންގާ ނިޒާމެއްގެ ދަށުން އަޅުގަނޑުމެންނަށް މިކަން ފޯރުކޮށް ނުދެވޭތީ ރައްޔިތުން މިއަދު މިހާލުގައި ތިބެން މިޖެހެނީ..
ތަކުރާރުކޮށް ނާޒިލް ވިދާޅުވީ، މިއީ ހިދުމަތެއް ދިނުމުގައި އޮންނަން ޖެހޭ އުސޫލެއް ނޫންކަމަށާއި ރައްޔިތުންނަށް މިއަދު ވެސް ފެން ލިބޭނެ ވަގުތެއް ނޭނގޭކަމަށެވެ. އަދި ހިދުމަތް ނުދެވި، ރައްޔިތުންގެ އަތުން ބިލް ކުރެވެމުންދާކަމަށް ވެސް ވިދާޅުވި އެވެ

