އައްޑޫގެ ގުޅިފައިވާ ރަށްތަކާއި، ވަކިން އޮންނަ ހުޅުދޫ – މީދޫގެ ފެން ޕްލާންޓުގެ މަރާމާތު ނުބެލެހެއްޓި އެއްކޮށް ހިދުމަތް ހުއްޓޭ ހިސާބަށް ހާލަތު ގޮސްފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ފެނުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، އެ ހިދުމަތް ދެމުން ގެންދާ ފެނަކައިން ބުނެފައި ވަނީ މިދިޔަ ފަސް އަހަރު މެޝިނަރީސްތަކުގެ މެއިންޓަނެންސް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރުމުގައި ދަތިތައް ދިމާވަމުންދާ ކަމަށެވެ. އެ މައްސަލަ ހަ މަސް ދުވަހުގެ ތެރޭގައި ހައްލު ކުރުމަށް އެމްޑަބްލިއިއެސްސީއާއި ހަވާލުކޮށްފައިވާއިރު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ގޮވާލައި މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި މައްސަލަ ބަލައިގަތީ ސުޕަ މެޖޯރިޓީގެ އަޣުލަބިއްޔަތުންނެވެ.
ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވަމުން ގެންދެވީ، އައްޑޫގެ ފެނުގެ މައްސަލައިގައި ދިމާވެފައިވާ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ކުރީ ސަރުކާރުން ކަމަށެވެ. އެކަމަކު ރައްދުގައި ނާޒިލް ވިދާޅުވީ ފެނުގެ ހިދުމަތް އެމްޑީޕީގެ ވެރިކަމުގައި މެދުކެނޑިފައި ނުވާނެކަމަށާއި، މެއިންޓަނެންސް ނުކުރުމުގެ ސަބަބުން މައްސަލަ ޖެހެން ފެށިތާ ދެ މަސްވެފައިވާކަމަށެވެ.
މިއަދުގެ ޖަލްސާގައި، އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ މީދޫ ދާއިރާގެ މެމްބަރު އައްދު ވިދާޅުވީ މި މައްސަލައިގައި އޭނާ ދައްކަން ބޭނުން ވަނީ ދާއިރާގެ ފެނުގެ ހާލަތު މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ކަމަށެވެ. ބޮޑު އާބާދީއެއް އޮތް އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ރަނގަޅަށް ފެނުގެ ހިދުމަތް ނުދެވި މައްސަލަތައް ދިމާވެ އެކަން ގޯސްވެފައިވާއިރު އައްދު ވިދާޅުވީ، އޭނާގެ ދާއިރާގެ ފެން ޕްލާންޓު ވެސް އެ ހާލަތަށް ގޮސްފައިވާކަމަށެވެ. އަދި ފެން ލީކުވުން ފަދަ މައްސަލަތައް ދިމާވާއިރު ސްޕެއާ ޕާޓްސްތައް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.
އަދިވެސް ޓެކްނީޝިއަނުންގެ ގޮތުގައި ތިބީ، ކުރީގެ ސަރުކާރުގެ ސިޔާސީ މުވައްޒަފުންކަމަށާއި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބޭ މަންޒަރު ނުފެންކަމަށް މެމްބަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހުޅުދޫ – މީދޫގެ ފެނުގެ ނިޒާމު ގާއިމު ކުރީ އައްދު ވިދާޅުވި ގޮތުގައި ބައިވޯޓާ ނަމަކަށް ކިޔާ ކުންފުންޏަކަށްދީ ހިންގި ބޮޑު ކޮރަޕްޝަނެއްގެ ތެރެއިންނެވެ. އަދި އޭގެ ފަހުން މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އެ ހިދުމަތް ދިނުން މެއިންޓަނެންސް ކުރުމަށް މަސައްކަތް ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވީމަ އަޅުގަނޑު މި ސަރުކާރުން އެދެނީ، އެ ފުޓްސްޓެޕް ފޮލޯނުކޮށް… މި ކަންކަން ހައްލުކޮށްދެއްވުމަށް.. އަދި އަޅުގަނޑަށް ފުރިހަމަ ޔަގީންކަމާ އިތުބާރު އެބައޮތް މި ސަރުކާރުން މިކަން ހައްލުކޮށްދެއްވާނެކަމަށް
އައްޑޫގެ ފެނުގެ މައްސަލައިގައި ފެނަކައިން ބުނެފައި ވަނީ، ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އަޕްގްރޭޓިން ޕްރޮޖްކެޓެއް އެމްޑަބްލިއުސްސީއަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން، ފެނުނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.
ފެނަކައިން ބުނެފައި ވަނީ އައްޑޫގެ އާބާދީ ބޮޑުވުމުން، އެ ކުންފުނިން އުފައްދާ ފެން ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުދާއިރު ފެނުގެ ނިޒާމު އަޕްގްރޭޓު ކުރަން، ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތްކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފެނުގެ ނިޒާމު އަޕްގްރޭޓު ކުރުމުގެ މަޝްރޫއު ނިމުމުންކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.


One Response
ހުޅުމީދޫ ފެންޕްލާންޓަކުން އެއްވެސް ތަނަކުން ލީކެއް ނުވޭ
ހުޅުމީދޫއަށް ބޭނުންވާ ވަރަށް މިހާރު ހުރި ޕްލާންޓުން ފެން އުފެއްދޭ
ޚިދުމަތަށް އެދޭ މީހުންނަށް ޚިދުމަތް ދިނުމުގައި މުވައްޒަފުން ތަފާތު ކުރުމެއްނެތި މަސައްކަތްކުރޭ