ތާރީޚާ ސަގާފަތް ހިމާޔަތް ކުރަން ކުރާ މަސައްކަތާއި ވިސްނާ ވިސްނުމުގައި، ދިވެހިރާއްޖެއަށް އެކަނި ޚާއްސަ ދަނޑުގޮވާމާއި، ކުޅިވަރާއި ކެއްކުން ފަދަ، ޠަބީޢީ ތަރިކަ ރައްކާ ކުރުމަށް އިސްކަން ދެއްވުމަށް ވަޒީރު އާދަމް ނަޞީރު އެދިވަޑައިގެންފިއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ވަޒީރު ވަނީ މުލަކަތޮޅު ކައުންސިލާ މިއަދު ބައްދަލުކުރައްވައި ފައެވެ. މި ބައްދަލުކުރެއްވުމަކީ އެ އަތޮޅުގައި ހުރި، މި ވުޒާރާއާ ގުޅުންހުރި ދާއިރާތަކާއި ގުޅޭގޮތުން ހުރި މައްސަލަތަލާއި އަދި ދަތިތަށް ވަޒީރާއި ހިއްސާ ކުރައްވާފައެވެ. އަދި އެ އަތޮޅުގެ އާސާރީ ސަޤާފަތް ދިރިވުމަށް ކުރެވެން ހުރި ކަންކަން ބަލައި އެކަންކަން އެ ވުޒާރާއާއި ގުޅިގެން ހައްލު ކުރުމަށް މަސައްކަތް ކުރުމެވެ.
މި ބައްދަލުކުރެއްވުމުގައި މ އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ނިޝާންގެ އިތުރުން، ކައުންސިލް މެންބަރުންނާއި ސެކެޓްރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.

މ. ވޭވަށުގައި ހުރި 500 އަހަރުވީ ހިރިގަލުގެ މިސްކިތް ހިމާޔަތްކޮށް އެތަނުގެ އާސާރު ރައްކާތެރިކުރުމަކީ އެކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަކަށް ވުމާއެކު، އެ ވުޒާރާގެ އެހީތެރިކަމަށް ކައުންސިލުންވަނީ އެދިވަޑައިގަންނަވާފައެވެ. އަދި އެ އަތޮޅުގެ އާސާރީ ތަކެތި ހުރި ތަންތަނަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށް ކައުންސިލުން ވަނީ ދަޢުދަތު އަރުވާފައި އެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ މުލަކަތޮޅަށް ވަޑައިގެންނެވުމަށް ކައުންސިލުން އެރުވި ދަޢުވަތުވަނީ ގަބޫލުކުރައްވައިފައެވެ.

މި މަޝްވަރާ ބައްދަލުމުގެ ތެރެއިން ކައުންސިލުންވަނީ އަސާރީ ތަންތަނާ ބެހޭ ފަހުގެ ދިރާސާތައް ކުރެއްވުމާއި އަދި އެދިރާސާތައް ތާރީޙީ ނުވަތަ އެހެންވެސް ގޮތަކުން އަގުހުރި ލިޔުމާއި ކުރެހުން ފަދަ ތަކެތި ރައްކާކުރުމުގެ މަސައްކަތް ކުރާ އިދާރާ އެއް ހުރުމުގެ މުހިންމުކަމަށް އަލިއަޅުވައިލާފައެވެ.
މީގެ އިތުރުން، “އުޅަމަތިހިފުން ކުޅިވަރު” ދިރުވަން މަސައްކަތްކޮށްފައިވާ ކަމަށް މުލަކު ކައުންސިލުން ޙިއްސާ ކުރައްވައި ވިދާޅުވި، މި ކުޅިވަރު އާކައިވް ކުރުމުގައި ވުޒާރާގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

