ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރަކަށް މަޖިލިހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ސަލީމް އަދި ނަބު މުގައްރިރުގެ މަގާމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އިންތިހާބުކޮށްފިއެވެ.
ކޮމިޓީގެ މުގައްރިރަކަށް ސަލީމްގެ ނަން ހުށަހެޅުއްވީ ޝާހިދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފަލާހެވެ. މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އެ ނަން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ ނައިބު މުގައްރިރަކަށް ފަލާހުގެ ނަން ހުށަހެޅުއްވީ ޝާހިދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ސަލީމެވެ. ނައިބު މުގައްރިރަކަށް ފަލާހު އިންތިހާބުކުރީ ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 11 މެންބަރުންގެ އިއްތިފާގުންނެވެ.
241 ކޮމިޓީގައި ތިއްބަވާ މެންބަރުން:
- ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގް
- ކެލާ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަރީފް
- ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު
- ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނާޒިމް
- ކުރެންދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާމިން ހަބީބް
- މަހިބަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ތޯރިގް
- ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
- މީދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު
- މާމިގިލި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ގާސިމް އިބްރާހިމް
- މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމް
- ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކަރު
ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ.

