ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މިހަފްތާ ބަންދުގައި ކުރިއަށްގެންދިއުމަށް ރާވައިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަގޮތެއްގައި މި ސަރުކާރުން ފާހަގަކުރަން ނިންމާފައިވާކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އެންމެ މުހިންމު ދެ ސިނާއަތްކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަމަކީ ކަންޑުތަކާއި ވަރަށްބޮޑަށް ގުޅިލާމެހިފައިވާ ދެ ސިނާއަތް ކަމަށެވެ.
ދިވެހިރާއްޖޭގައި މިކަހަލަ ދުވަހެއް ފާހަގަކުރުމަކީ މުހިންމުކަމެއް ގޮތުގައި މިނިސްޓްރީން ދެކޭކަމަށާއި ކުރިއަށް އަހަރުތަކުގައި ވެސް މިދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ރާވައިފައިވާ ކަންކަމުގެ ތެރޭގައި މިނިސްޓަރ އަހުމަދު ޝިޔާމް ދެއްވާ ހާއްސަ ހިތާބެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭގެއިތުރުން ”ރާއްޖޭގެ އެންމެން މޫދަށް“ މި ޝިޔާރުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް އެންމެން އެގަޑިއަކަށް މޫދަށް ދިއުމަށް ނިންމާފައިވާ ކަމަށާއި އަދި ކަނޑު ރޯދި އުފާ ފެސްޓިވަލްގެ ދަށުންވެސް ގިނަ ހަރަކާތްތަކެއް ރާވައިފައިވާކަމަށް ވިދާޅުވިއެވެ.
”މީސްމީޑިއާގައި އަޅުގަނޑުމެން މިހާރުވެސް އެބަގެންދަން ސުވާލު ޕްރިގްރާމެއް. ދެން މަޒުމޫނާއި ކުރެހުމުގެ މުބާރާތްތަކެއްވެސް އަދި އޭގެއިތުރުން އަޅުގަނޑުމެން ކުރިއަށްގެންދަން ޕެނަލް ޑިސްކަޝަންއެއް. މައުލޫމާތުގެ ޑިސްކަޝަނަންއެއް. ކަނޑުފަޅަށް ލޯ ހުޅުވުމުގެ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންއެއް. އަދި ފާހަގަކޮށްލަން ބޭނުންވޭ މާދަމާ މަސްރޭހެސް އިވެންޓެއް އެބައޮތް. ހަމަ 29 ޓީމް ބައިވެރިވޭ މީގަ. ވަނަތަކެއް ވެސް ހޮވިގެންދާނެ މި އިވެންޓުގައި“
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި އެކި ދުވަސްތަކަށް ހަރަކާތްތައް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށާއި އަދި ހުރިހާ ހަރާކާތެއްވެސް ބޮޑަށް ހަފްތާ ބަންދުގައި ކުރިއަށް ގެންދެވޭނެ ގޮތަށް ރާވައިފައިވާ ކަމަށް ވިދާޅުވިއެވެ. ހުކުރު ދުވަހު ”ޑިސްކަވަރ ޑައިވް“ ގެ ނަމުގައި އިވެންޓެއް ހެނދުނު 8:00 ގައި ވިލިމާލެ ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށ ވިދާޅުވިއެވެ. މި އިވެންޓުގައި ފޯކަސް ކުރާ އުމުރުފުރައަކީ 8 އަހަރާއި 15 އަހަރުކަމަށް މިނސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
ހުކުރު ދުވަހު މެންދުރުފަހު 15:00 ގައި މަސް ރޭހެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ. ރަށްރަށުގައި ތިބި ފޯކަލްސް އާއި ގުޅިގެން ވަރަށް ގިނަ ހަރާކާތްތައް ރާވާލައިފައިވާ ކަމަށް މިނިސްޓްރީގެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ. ހޮނިހިރު ދުވަހު ކަނޑުރޯދި އުފާ ފެސްޓިވަލްއެއް ހުޅުމާލެ ޕުރަތަމަ ފިޔަވާހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ އިވެންޓަކީ ހެނދުނު 9:00 ފެށިގެން ހަވރު 18:00 ހަމައަށް ކުރިއަށް ގެންދާނެ ފެސްޓިވަލެއް ކަމަށް ވަނީ ވިދާޅުވިއެވެ.
މީގެއިތުރުން ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށްޓަކައި ވަރަށް ގިނަ ކަންކަން މިނިސްޓްރީގެ ފަރާތުން ކުރައްވާނެ ކަމަށާއި އަދިހަމައެއާއެކު ރާއްޖޭގައި މިހާރ މެރިން ޕްރޮޓެކްޓެޑް ސަރަހައްދުތަކެއް ހުރިކަމަށް މިނިސްޓްރީގެ ފަރާތުން ފާހަގަކުރެއްވިއެވެ. އެއީ ކަނޑުތަކުގައި އުޅޭ މަސްމަހާމެހި ހިމާޔަތް ކުރުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ. ހަމައެއާއިއެކު މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެންވެސް ގިނަކަންކަން ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓްރީގެ ފާރާތުން ވަނީ މައުލޫމާތު ދެއްވާފައެވެ.

