ޒުވާނުން މަސްވެރި ދާއިރާއަށް ނެރުމަށް މަސްވެރިންގެ ދަފްތަރު ނިންމާ ފުރުސަތު ފަހިކޮށްދިނުން މުހިންމު ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ޙުސެއިން ފުއާދު ވިދާޅުވެއްޖެއެވެ.
ސަންްގުޓީވީގެ ’ފުރަމެންދުރު‘ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ މަސްވެރިންގެ ދަފްތަރުގައި މަސްވެރިކަމުން އާމްދަނީ ހޯދާ އެންމެހާ މަސްވެރިން ރަޖިސްޓްރީވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިއަދު އަޑުއިވެނީ ޒުވާނުން މަސްވެރި ސިނާޢަތާ ދުރަށް ގޮސް އެހެން ވަޒީފާތަކަށް ބަދަލުވާ ވާހަކަ ކަމަށާއި، މިކަމަށް ހައްލު ހޯދުމަށް އެންމެ ފުރަތަމަ ކަމަކަށް މަސްވެރިންގެ ދަފްތަރު އެކުލަވާލުން ވަރަށް މުހިންމު ކަމަށެވެ.
ޒުވާނުން މަސްވެރި ސިނާޢަތް ދޫކޮށް ދަނީ ކީއްވެގެންތޯ ބަލާއިރު، ލޯނު ހޯދުމުގެ ފުރުސަތު މަސްވެރިންނަށް ނުލިބޭތީ ކަން ފާހަގަކުރައްވާ ފުއާދް ވިދާޅުވީ ރާއްޖޭގައި ލިބޭ ކްރެޑިޓް ފެސިލިޓީތައް މަސްވެރިންނަށް ލިބުމަށް ދަތިތައް ހުންނަ ކަމަށާއި އިދާރަތަކަށް މަސްވެރިންގެ މައުލޫމު ލިބުމުގައި ވެސް ދަތިތައް ހުންނަ ކަމަށެވެ.
އެހެންކަމުން މަހަށްދާ މަސްވެރިޔާ އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އިދާރާތަކުން ލިބެން ހުންނަ ފުރުސަތުތައް ހޯދުމަށް މަސްވެރިންގެ ދަފްތަރުގެ މުހިއްމުކަން ތަކުރާރު ކުރެއްވިއެވެ.
ފިޝަރީޒް މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއެކު މަސްވެރިންގެ ދަފްތަރު ނިންމުމަށް ހުރިހާ މަސްވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

