ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާ ރާއްޖޭގެ ގުޅުން: ސަރުކާރުންދަނީ ހަމަ މަސް ދުހަގެ ވިސާވެސް ހިލޭ ކުރަން މަސައްކަތްކުރަމުން!

ދަތުރުގެ ތެރެއިން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ގާތް ގުޅުންތައް އޮންނަ ގައުމުތަކުގެ ވާހަކަތައް ދައްކާއިރު، ސްރީލަންކާއަކީ އެންމެ ފާހަގަކުރެވޭނެ އެއް ނަމެވެ. ދިވެހިރާއްޖޭގެ ރައްޔިތުން އެ ގައުމަށް ދަތުރުކުރާ ސަބަބުތަކުގެ ތެރޭގައި ތައުލީމު ހާސިލުކުރުމާއި ސިއްހީ ކަންކަން ހިމެނޭއިރު މުނިފޫހިފިލުވުމާއި ހިތްފަސޭހަކަން ހޯދުމުގެ މަގުސަދުގެ އިތުރުން ހަނީމޫންކުރުމަށްވެސް ރާއްޖެއިން އެ ގައުމަަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރެއެވެ. އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތައްވެސް މަދެއް ނޫނެވެ.

ދެ ގައުމުގެ ދެމެދު އިގްތިސާދީގޮތުންވެސް އިންތިހާ ގާތްކަން އޮވެއެވެ. ސަރުކާރުގެ އިތުރުން ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓާރއިންވެސް މި ގުޅުންތައް ފެނެއެވެ. ތުއްތު ކުދިންނަށް ހާއްސަ ކިރުދަޅުން ފެށިގެން އަންނައުނުގެ ވިޔަފާރިވެސް ދެ ގައުމުގެ ދެމެދު ކުރެއެވެ. އެ ގައުމަށް މި ފަހުން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާއި ނަތީޖާއެއްގެ ގޮތުން ކުރިމަތިވި އިޖްތިމާއީ މައްސަތަލަކުގެ އަސަރުވެސް ރާއްޖެއަަށް ކުރިއެވެ.

މަސްރަހު ގޯސްވެ ރައީސްގެ ގަނޑުވަރަށް މީހުންވަދެ ބޮޑުަވަޒީރުގެ ގެކޮޅުގައި ހުޅުޖެހުމުން ފުރާނަ ސަލާމަތްކުރުމަށް ފިއްލަވައިގެން ގައުމު ދޫކުރައްވާ ވަޑައިގެންނެވި ރައީސް ރާޖަޕަކްސާ ހިމާޔަތެއް ހޯދުމަށް ހިޔާރުކުރެއްވި އެންމެ ފުރަތަމަ މަންޒިލަކީވެސް ދިވެހިރާއްޖެއެވެ. އެހެންކަމުން ރާއްޖެއާއި ދެމެދު ޒަމާންތަކުގެ މަތިން ދަމަހައްޓާފައިވާ ގުޅުމުގެ ގާތްކަން ފެނިގެންދާއިރު ރާއްޖޭގެ ވެރިކަމާއި ހަވާލުވާ ކޮންމެ ސަރުކާރަކުންވެސް މި ގުޅުން ދަމަހައްޓަން އަހައްމިއްޔަތުދޭކަން ފެނިގެންދެއެވެ.

އަލަށް ރާއްޖޭގެ ވެރިކަމާއި ހަވާލުވެފައިވާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް ވަނީ މި ގުޅުން ބަދަހިކުރުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުވަނީ ލަންކާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެންފައިކަމަށްވާއިރު މި ދަތުރުގެ ތެރެއިން ދެ ގައުމުގެ ގުޅުންވަނީ އިތުރަށް ބަދަހިވެފައެވެ.

ޖޫން ތިނަކުން ހަވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި މަސައްކަތްތަކުގެ ތެރެއިން މިނިސްޓަރ ޒަމީރުވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވާފައިކަމަށްވާއިރު، ބޮޑުވަޒީރު ޑިނޭޝް ގުނަވަރްދެނައާއިވެސް މަޝްވަރާތައްކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކުރުުގެ މަސައްކަތްތައް ކުރެއްވިކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ. މިނިސްޓަރވަނީ ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއިވެސް ބައްދަލުކުރައްވާފައިކަން ފާހަގަކުރެވެއެވެ.

މި ދަތުރުގެ ތެރެއިން ހާސިލުކުރެވުނު އެންމެ ބޮޑު އެއް ނަތީޖާއަކީ ރާއްޖެއާއި ލަންކާގެ ދެމެދު ދަތުރުފަތުރުކުރުމަށް ލުއިތަކެއް ލިބިގެންދިއުމެއެވެ. މިހާރު ލަންކާއިންވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް ތަންފީޒުކުރަންފަށާފައެވެ.

ރާއްޖެއާއި ލަންކާގެ ފޮރިން މިނިސްޓަރު ބައްދަލުކުރެއްވުން: ފޮޓޯ/ މިނިސްޓްރީ

މީގެ ކުރިންވެސް ދިވެހިންނަށް އޮން އެރައިވަލް 30 ދުވަހުގެ ވިސާ ލިބިގެންދާނެކަމަށް ކަނޑައެޅިފައިވާ އުސޫލަށް ބަދަލެއް އައިސްފައިނުވެއެވެ. އެހެންނަމަވެސް މީގެ ކުރިން ހިލޭ 90 ދުވަހަށް މުއްދަތު އިތުރުކުރެވޭނެ ގޮތަށް އޮތް އުސޫލަށް ވަނީ ބަދަލުތައް އައިސްފައެވެ. މިހާރު 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް ހުނަން ބޭނުންވާ ފަރާތްތަކަށް 6 މަސް ދުވަހުގެ ވިސާ ލިބިގަތުމަށް ފަހިވެފައިވާކަމަށް މައުލޫމާތު ދީފައިވާއިރު މި ވިސާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އިދާރީ ފީއެއް ދައްކަންޖެހޭނެކަމަށް މައުލޫމާތު ދީފައިވެއެވެ. ރާއްޖޭގެ ސަރުކާރުންވަނީ އެ ފީވެސް ދައްކަން ނުޖެހޭނެ ގޮތަށް ކަނޑައެޅުމަށް މަސައްކަތްކުރަމުންދާކަން ހާމަކޮށްފައެވެ.

ލަންކާގެ އިމިގްރޭޝަންއިން މައުލޫމާތު ދީފައިވާގޮތުން ރާއްޖެ އާއި ސިންގަޕޫރު އަދި ސީޝެލްސްއާއި ޗެކްރިޕަބްލި ނޫން ގައުމުތަކުގެ ފަތުރުވެރިންނަށް 6 މަސް ދުވަހުގެ ވިސާއަށް އެދެން ޖެހޭނެކަމަށެވެ.

މި ވިސާ ހޯދުމަށް އެދޭ މީހުން އަމިއްލަ ގައުމުގެ ފުލުހުންގެ މުއައްސަސާއިން ޕޮލިސް ރިޕޯޓެއް ހޯދަންޖެހޭނެކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެހެން ގައުމެއްގައި 6 މަހަށްވުރެ ދިގު މުއްދަތަކަށް ހުރެފައިވާ ލަންކާއަށް ޒިޔާރަތްކުރާ ނަމަ އެގައުމެއްގެ ފުލުހުންގެ ފަރާތުން ކްލިއަރެންސް ލިޔެކިއުމެއްގެ އިތުރުން އެ ދުވަސްތަކުގެ ވިސާ ލިޔުމުގެ ކޮޕީއެއްވެސް ބޭނުންވާނެކަމަށް ބުނެފައިވެއެވެ.

ލަންކާގެ ގެރެންޓީ ދޭ މީހެއްގެ ފަރާތުން ލިޔުމެއްވެސް ބޭނުންވާނެކަމަށް މައުލޫމާތު ދީފައިވާއިރު، 6 މަސް ދުވަހުގެ ވިސާ ހޯދުމަށް ގެރެންޓާރގެ ގޮތުގައި ހުށައަޅާ މީހާގެ އައިޑީކާޑުގެ ފޮޓޯ ކޮޕީވެސް ބޭޏުންވާނެކަމަށް ބުނެފައިވެއެވެ. ވަކީލެއް ނުވަތަ ސްރީލަންކާގެ ޖަސްޓިސް އޮފް ޕީސްގެ ފަރާތުން އެފަޑޭވިޓް އެއް ނުވަތަ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކޮށްދޭ ލިޔުމެއްވެސް ހިމަނަން ޖެހޭނެއިރު އެ ގައުމުގައި ހުރުމަށް ކަނޑައެޅިފައިވާ ތަނާއި ގުޅޭ މައުޅޫމާތުވެސް ބޭނުންވާނެކަމަށް ލަންކާގެ އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މިއީ އޮންލައިންކޮށް ހޯދުމަށް ހުށެއެޅޭނެ ވިސާއެއްކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ލަންކާގެ އިގްތިސާދީ މަސައްކަތްތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން: ފޮޓޯ/ މިނިސްޓްރީ

އީވިސާ ދިނުމަށް ކަނޑައެޅިފައިވާ މައި ކެޓަގަރީތަކަކީ ފަތުރުވެރިންނަށް ހާއްސަ ވިސިޓް ވިސާ އަދި ދިގު މުއްދަތަކަށް އެ ގައުމުގައި ހުންނަންޖެހޭ މީހުންނަށް ދޫކުރާ ރެސިޑެންޓް ވިސާގެ އިތުރުން ޓްރާންސިޓް ވިސާކަމަށް ބުނެފައިވާއިރު، ވިސިޓް ވިސާގެ ދަށުންވެސް އިތުރު ކެޓަގަރީތަކެއް ހުންނާނެކަމަށްވެސް ލަންކާގެ މީޑިއާތަކުން ޝާއިއުކޮށްފައިވެއެވެ.

އެގޮތުން ޓުއަރިސްޓް ވިސާ އާއި ބިޒްނަން ޕާރޕަސް ވިސާއަށް ބެހިފައިވާއިރު ރެސިޑެންޓް ވިސާ ދިނުމަށް ހަމަޖެހިފައިވަނީ ޕްރޮފެޝަނަލް ފަރާތްތަކަށާއި އިންވެސްޓަރުންގެ އިތުރުން ދީނީ ކަންކަމުގައި އަންނަ މީހުންނަށާއި ދަރިވަރުން ފަދަ ކެޓަގަރީތަކުގައި ހިމެނޭ މީހުންނަށްކަމަށާއި މިއިން ކޮންމެ ވިސާއެއްވެސް ދޫކުރަނީ އެ ހުށައެޅުތަކަށް ވަކި ވަކިން ބެލުމަށްފަހު އިމްގިރޭޝަންގެ ނިންމުމުގެ މަތިންކަމަށް ބުނެފައިވެއެވެ.

އޮޕޮޒިޝަން ލީޑަރު ސަޖިތް އާއި ބައްދަލުކުރެއްވުން: ފޮޓޯ/ މިނިސްޓްރީ

ރާއްޖޭގެ އެހެނިހެން ދާއިރާތައް ހަރުދަނާކުރުމުގެ ގޮތުންވެސް މަޝްވަރާތައް ކުރެވިފައިވާކަމަށް މިނިސްޓަރު ޒަމީރުވަނީ މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ސްރީލަންކާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ވިޔަފާރި ދާއިރާގެ މެމްބަރުންނާއި ބެންކިންގް ސެކްޓާރގެ މެމްބަރުންނއިވެސް ބައްދަލުކުރެއްވިކަމަށެވެ. އަދި އެ ގައުމަށް ކުރިމަތިވެގެންދިޔަ އިގްތިސާދީ ދަތިކަމުން އަރައިގަތުމުގައި ހޯދާފައިވާކާމިޔާބީ ފާހަގަކުރެއްވިކަމަށާއި ދެ ގައުމުގެ ދެމެދު އިގްތިސާދީ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވުނުކަމަށް ވިދާޅުވިއެވެ.

މި ދަތުރުގައި މިނިސްޓަަރ ވަނީ ލަންކާގެ އިދިކޮޅު ލީޑަރ ސަޖިތް ޕްރޭމަދާސައާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް މަންފާތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްތައް ކުރުމާއިމެދު މަޝްވަރާތައް ކުރެއްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: