ދިވެހިރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި ސިޔާސީ ކުލަ ޖެހިފައިވާ ވަރު ބޮޑުކަމުން ހަގީގަތް އޮޅުން ފިލުވަން ދަތިވެއެވެ. އަދި ހާއްސަ ގޮތެއްގައި ސަރުކާރުތަކުން މާލީ ކަންކަމާއި ގުޅޭ މައުލޫމާތު ދިނުމުގައި ފަސްޖެހި ދެކޮޅު ހެދުން ފަދަ ކަންކަން ފެންމަތިވާކަމަށްވުމުންވެސް އެކަމަކީ ދަތިކަމެއްކަމަށްވާއިރު، އަލަށް ހުވާކޮށްފައިވާ 20 ވަނަ މަޖިލީހުގެ ނައިބުރައީސްގެ ފަރާތުން މިކަމަށް ހައްލެއް އައިސްދާނެކަމުގެ އުންމީދުތަކެއް ލިބިއްޖެއެވެ.
ދާދި ފަހުން ކުރިއަށް ގެންދިޔަ މާލިއްޔާތު ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު، މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމްވަނީ ރާއްޖޭގެ މާލީ މަސައްކަތްތައް ޖަވާބުދާރީކުރުވޭނެ އުސޫލެއްގެ މަތިން ދެފުށް ފެންނަ ގޮތަށް ބައްޓަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ބޮޑެތި ބަދަލުތަކެއް ޖެންނަންޖެހޭކަމަށް ހިއްސާކުރައްވާފައެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގައި އޮންނަ ރިޔާސީ ނިޒާމު އެންމެ އެއްގޮތީ އެމެރިކާގައި ވެރިކަން ކުރަމުންދާ ނިޒާމާއިކަމަށެވެ. އެގޮތުން ސެނެޓު ގެއެއް ރާއްޖޭގެ ނިޒާމުގައި ނުހިމެނޭކަމަށް ހިއްސާކުރެއްވިއެވެ. އަދި އެ ނިޒާމުގައި ހިމެނޭ އެންމެ މުހިންމު އެއް ސިފަކަމަށްވާ ކޮންގްރެޝަނަލް ބަޖެޓު އޮފީސްވެސް ރާއްޖޭގައި ނެތްކަމަށާއި އެތަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ސަރުކާރުން ހިންގާ ހުރިހާ މާލީ މަސައްކަތްތަކެއް ބަލަހައްޓާ އޮފީހެއްކަމަށް މައުލޫމާތު ދެއްވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ މަޖިލީހުގައިވެސް އެއްފަދަ މާލިއްޔާތާއި ބެހޭ އޮފީހެއް ވުޖުދަށް ގެނައުމަށް ފެނިވަޑައިގަންނަވާކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ދިރާސާތައް ކޮށް އޮނިގަނޑެއް އެކުލަވާލަން އެކަށީގެންވާކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އެކަން ކުރަންވާނީ ގާނޫނުއަސާސީއިން އެކަމަށް ޖާގަ ލިބިގެންވާ ނަމަ ކަމަށާއި ގަވައިދުތައް އެކުލަވާލާ އިރު އެކަމަށް މާއްދާއެއް ހިމެނުމަށްޓަކައި މިހާރުވެސް ކުޑަ ދިރާސާއެއް ކުރުމަށް ރިޔާސަތުން އަންގާފައިވާނެކަމަށް ހާމަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، 1300 ވަރަކަށް އޮޑިޓް ރިޕޯޓު ބަލައި ދިރާސާކުރުން ފަދަ މަސައްކަތްތައް ކުރަން މާލިއްޔާތު ކޮމިޓީގެ މައްޗަށް ކަނޑައެޅިފައިވާއިރު، އެފަދަ ކަމެއް މަޖިލީހުގެ ތެރެއިން ސަބްކޮމިޓީ ހަދައިން ލަސްތަކެއްވެގެން ކުރިއަށް ނުގޮސް އޮވެގެން ނުވާނެކަމަށާއި އިސްވެ ދެންނެވި އޮފީސް ގާއިމުކުރުމުން މި މަސައްކަތްތައްވެސް އެ އޮފީސް މެދުވެރިކޮށް ކުރުމަށް ފަހިވެގެންދާނެކަމަށެވެ.
އޭނާ ވިދާޅުވީ، 20 ވަނަ މަޖިލީސް ހުވާކޮށްގެން އައި އިރު ހަގީގަތުގައި ގައުމުގެ މާލީ ކަންކަމާއި އިގްތިސަދީ ކަންކަން އޮތް ހިސާބު މެމްބަރުންނަށް ނޭނގޭނެކަމަށެވެ. އެހެންނަމަވެސް އެފަދަ އޮފީހެއް ގާއިމުވެފައިވާ ހާލަތުގައި އެ މައުލޫމާތުތައް އެއްތަނަކުން ލިބޭނެކަމަށެވެ. އަދި ކޮންމެ ޕާޓީއެއްގެ މެމްބަރެއް ބުނިނަމަވެސް އެންމެ ފަހުގެ ސައްހަ މައުލޫމާތު ދޭން ލާޒިމުވާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ގައުމުގެ ހައްގުގައި އެކަން ކުރަންޖެހޭކަމަށެވެ. ނާޒިމް ވިދާޅުވީ، ބައެއް ފަހަރު ސަރުކާރުތަކުން މައުލޫމާތު ހިއްސާނުކުރާ މައްސަލަތައް ފާހަގަކުރެވޭކަމަށާއި ޕީއެންސީއިން އެގޮތަށް ކަން ކުރަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕީއެންސީއިން ބޭނުންވަނީ ދެފުށް ފެންނަ ގޮތަށް ވެރިކަން ކުރަންކަމަށެވެ.
2026 ވަނަ އަހަރު ރާއްޖެއަށް މާލީ ގޮތުން ބުރަވާނެކަމަށް ބުނަމުންދާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އަދި އެކަން އެގޮތަށް ވެގެންދިޔަ ގޮތް ދެނެގަތުން މުހިންމުކަމަށްވެސް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ވީ 2020 އާއި 2022 ގައި ދައްކަންޖެހޭ ބޮންޑުތަކުގެ ކޫޕަން ލާރި ކޮޅު ދައްކައި ދެ އަހަރު ދުވަހަށް އަނބުރާ ދެއްކުން ފަސްކޮށްފައި ހުރުމުންކަމަށެވެ. އޭނާ ވިދާޅުވީ، އެކަން އެގޮތަށް ކުރީ އެވަގުތު ދެއްކެން އޮތީ ކޫޕަން ލާރިކޮޅުވުމުންކަމަށެވެ.
އެހެންކަމުން އާންމުކޮށް ސަރުކާރުން އަހަރެއްގެ މައްޗަށް ދައްކަންޖެހޭ ދަރަނި 500 މިލިއަން ޑޮލަރުގައި ހުރި އަދަދު 1.1 ބިލިއަނަށް އަރާފައިގަނީ 200 މިލިއަންގެ ސުކޫކަކާއި 200 މިލިއަންގެ ބޮންޑަކަށް ފައިސާ ދެއްކުން ފަސްކުރުމުންކަމަށް ހާމަކުރެއްވިއެވެ. އަދި އެމްޑީޕިއިންވަނީ އިންތިހާބަށް ފަހު ފައިސާ ދައްކަންޖެހޭ ގޮތަށް އިންތިޒާމުކޮށްފައިކަމަށާއި 2026ގައި ރާއްޖެއަށް މާލީގޮތުން އިންތިހާއަށް ފިއްތުންތައް ކުރިމަތިވެގެންދާނެކަމަށް ބުނަމުންދަނީ އެ ސަބަބުތަކާއި ގުޅިގެންކަމަށް ވިދާޅުވިއެވެ
ނާޒިމް ވިދާޅުވީ، ދެކެވޭ ވާހަކަތަކުގެ ތެދުދޮގު ބަލަންޖެހޭކެމަަށާއި އެހެންކަމުން ދެވަނަ ކަމެއްގެ ގޮތުގައި ރާއްޖޭގެ މާލީ ކަންކަމާއި އިގްތިސާދީ ހާލަތު މިހާރު ހުރިގޮތް ދެނެގަތުމަށްޓަކައި ކޮމިޓީގެ ހުރިހާ މެމްބަރުނާއި އެކު ފިނޭންސްގެ ފަރާތުން ސައްހަ މައުލޫމާތުތައް ހޯދުމަށް ބައްދަލުވުމެއް ބާއްވަންޖެހޭކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސައްކަތްތައް ފެށިގެންދާއިރު ދިވެހިރާއްޖެ އޮތް ހިސާބު އެނގޭނީ އޭރުންކަމަށާއި ދާންވީކޮޅަކާއި ވާންވީގޮތެއް އަދި ކުރަންވީ ކަމެއްވެސް އެނގޭނީ އެކަންކަން ދެނެގަތުމުންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވަގުތުތަކެއް ގެއްލުވާލާނެ ޖާގައެއް ރާއްޖެއަށް އޮތް ކަމަަށް ގަބޫލުނުކުރައްވާކަމަށެވެ.

