ތާރީހުގައި ފުރަތަމަ ފަހަރަށް ފާމްކޮށްގެން ބޭނުންކުރެވޭ މަސް އަދި ސީފުޑުގެ ބާވަތްތައް ގުދުރަތީ މާހައުލުން ބާނާ މަހުގެ އަދަަށްވުރެވުރެ މައްޗަށް އަރައިފިއެވެ.
ގުދުރަތީ މާހައުލުން ބާނައިގެން ބޭނުންކުރާ މަހަށްވުރެ ފާމްކޮށްގެން ބޭނުންކުރާ މަހާއި ޝްރިމްޕް އަދި އެފަދަ ސީފުޑްގެ ބާވަތްތަކުގެ އަދަދު މަތިކަން ބައިނަލްއަގުވާމީ މީޑިއާތަކަށް ކަށަވަރުކޮށްދީފައިވަނީ އދއިންކަމަށްވާއިރު، މިއީ ދުނިޔޭގެ ތާރީހުގައިވެސް މިކަން ހާސިލުކުރެވުނު ފުރަތަމަ ފަހަރުކަމަށް ބުނެފައިވެއެވެ.
އދގެ ކާބޯތަކެތި އަދި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ރިޕޯޓުކޮށްފައިވާގޮތުން 2022ގައި ފާމްކޮށްފައިވާ އަދަދާއި ބާނާފައިވާ އަދަދުގެ ސީފުޑްގެ ޖުމުލަ 185 މިލިއަން ޓަނަށް އަރާކަމަށެވެ. އަދި މިއީ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށް ދީފައިވާ މައުލޫމާތުކަމަށް ހާމަކޮށްފައިވާއިރު، ވޭތުވެދިޔަ 30 އަހަރު ދުވަހު މަސް ބާނަމުންދާ އަދަދުތައް ދަށްވަމުން އައިސްފައިވާކަމަށްވުމުން މިއީ އަންދާޒާކުރެވިފައިވާ ނަތީޖާތަކެއްކަމަށް ބުނެފައިވެއެވެ.
އދގެ އެފްއޭއޯގެ ފިޝަރީޒް އެންޑް އަކުއަކަލްޗާ ޑިވިޝަންގެ ހެޑް މެނުއަލް ބަރާންޖް މައުލޫމާތު ދެއްވިގޮތުން އަކުއާކަލްޗާ ފުޅާވެގެން އައުމުގެ މައި ސަބަބުތަކުގެ ތެރޭގައި އޮމޭގާ3 މާއްދާ މުއްސަނދި ކާބޯތަކެތި ހުރުން ހިމެނޭކަމަށާއި އެކަމުގެ ސަބަބުން އެއްގަމުން ކާބޯތަކެތި ހޯދުމުން ދިމާވާ މައްސަލައަށްވުރެ ނުކުންނަ މައްސަލަތައް ކުޑަކަމަށްވެސް ބުނެފައިވެއެވެ.
2021ވަނަ އަހަރު ގުދުރަތީ މާހައުލުން ނަގާފައިވާ ކަނޑުފަޅުގައި ހިމެނޭ ދިރޭތަކެތީގެ އަދަދު 91.6 މިލިއަން ޓަނަށް އަރާއިރު 2022 ގައި މި އަދަދުވަނީ 91 މިލިއަން ތަަނަށް ދަށްވެފައިކަމަށްވެސް އދއިން މައުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް ފާމްކުރެވޭ އަދަދުތައް 2021ގައި 91.1 މިލިއަންގައި ހުރިއިރު 2022ގައި އެ އަދަދުވަނީ 94.4 މިލިއަން ޓަނަށް އިތުރުވެފައިކަމަށް ހިއްސާކޮށްފައިވެއެވެ. އަދި ދުނިޔޭގެ މި ސިނާއަތުގެ 90 އިންސައްތަ ހިއްސާވަނީ އޭޝިއާ ބައްރުންކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ފާމްކުރާ މަހުގެ 90 އިންސައްތައާއި ގާތްކުރާ އަދަދެއް ބޭނުންކުރަނީ ކެއިންބުއިމަށްކަމަށް މައުލޫމާތު ދީފައިވާއިރު، ބާކީ ބޭނުންކުރަނީ ފިޝް އޮއިލް ހެދުމަށާއި އެހެން ޖަނަވާރަށް ކާބޯތަކެތީގެ ގޮތުގައިކަމަށްވެސް ބުނެފައިވެއެވެ. ދުނިޔޭގެ ކަނޑުފަޅުތަކުން އެންމެ ގިނައިން ބާނާ މަހުގެ ތެރޭގައި ހިމެނެނީ ޕެރޫވިއަން އެންޗޯވީސް ސްކިޕް ޖެކް ޓޫނާ އަދި އެލެސްކަން ޕޮލޮކް ފަދަ ބާވަތްތައް ކަމަށްވާއިރު، ފްރެޝް ވޯޓާރ ކާޕާއި އޮއިސްޓާރ އަދި ޓިލާޕިއާވެސް ގިނަ އަދަދަކަށް ނަގާކަމަށް ބުނެފައިވެއެވެ.

