ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ނުގެނެސްފި ނަމަ، އައު މާކެޓުން އެކަށީގެންވާ ހިއްސާއެއް ނުލިބޭނެ!

މަސްވެރިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާންތަކުގެ މަތިން ދިވެހިރާއްޖެއިން ހުއްޓުމެއް ނެތި ކުރަމުން އައިސްފައިވާ އެއްމަސައްކަތަކީ މަސްވެރިކަމެވެ. މިއަދު އަޅުގަނޑުމެން ވަށައިގެންވާ ހުރިހާ ޒަމާނީ ވަސީލަތްތަކެއް ލިބިގެންދިއުމުގެ ފަހަތުގައިވަނީ މަސްވެރިންގެ ހިތްވަރާއި އެ ސިނާއަތުން ދިވެހިރާއްޖެއަށް ލިއްބައިދީފައިވާ ފައިދާތަކެވެ. އެހެންނަމަވެސް އެކި ދައުރުތަކުގެ މަތިން ސަރުކާރުތަކުންވަނީ މި މުހިންމު ސިނާއަތަށް ބޮޑެތި އިހުމާލުތައްވެފައެވެ. ޒަމާނީ ފެންވަރަށް ރާއްޖޭގެ މަސްވެރިކަން ތަރައްގީކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް މަސްވެރިން އެދަނީ އަދިވެސް ބުނަމުންނެވެ.

މަސްވެރިންގެ ހައްގުތައް ކަށަވަރުކުރެވިފައިނުވާކަމުގެ ކަންބޮޑުވުންތައް މިއަދާއި ޖެހެންދެން ހައްލުވެފައިނުވާއިރު، ވިސްނުންތެރިކަމެއް ނެތި މި ސިނާއަތުގެ ކަންކަން ވީހާލެއްގައިވާން ދޫކޮށްލުމުގެ ނަތީޖާއަކީ ބައިނަލްއަގުވާމީ މައިދާނުގައި މަސްވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަވެ ލިބިފައި އޮތް ނަން ފަނޑުވެގެންދިއުމެވެ. މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ލޭނާރެއްކަމަށް ބުނާއިރު މާ ފަހުން ވުޖޫދަށް އައި ފަތުރުވެރިކަން ފަދަ ސިނާއަތުތަކުންވަނީ އިގްތިސާދުގެ މައި ސިނާއަތުގެ ރޯލު ނަގާފައެވެ.

މިއަދު ދުނިޔޭގެ އެކި ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ދިވެހިރާއްޖެއަކީ އެންމެ ގަދައަށް މަސްބާނާ ގައުމުތަކުގެ ކުރީ ސަފުގައި ނުހިމެނޭ ގައުމެއްކަން ފެނިގެންދެއެވެ. އަދި ގުދުރަތީ މާހައުލުން ބާނާ މަހުގެ އަދަދުތައް އަހަރުތަކުގެ މަތިން ދަށްވެގެން އައިސްފައިވާއިރު ބާނާ މަހުގެ ސައިޒް ކުދި ވުމާއި ދުނިޔެމަތީގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުންނާއި ތަރައްގީގެ ބައެއް މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ފެން ތަޣައްޔަރުވަމުންދިއުމުގެ ގޮންޖެހުންވެސްވަނީ ބާނައިގެން މަސް ވިއްކުމުގެ ވިޔަފާރިއަށް ކުރިމަތިވެފައެވެ.

އެހެންކަމުން ރާއްޖޭގެ މި ސިނާއަތަށް ބޮޑެތި ބަދަލުތައް ނުގެނެސް ކުރިމަގުގައި މާކެޓު ހިއްސާ ދެމެހެއްޓިގެން ނުދާނެކަމަށް ބުނެވިދާނެއެވެ. ދުނިޔޭގައި މި މަސައްކަތްތައް ކުރަމުންދާ ގޮތްތައް ދެނެގަނެ ބަދަލުތައް ނުގެނެސްފިނަމަ ރާއްޖޭގެ މަސްވެރިންނަށް ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ބާނާ މަހުން އެކަށީގެންވާ މަންފާއެއް ހޯދުމުގައި މިހާރަށްވުރެވެސް ދަތިތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމުގެ އިންޒާރުތައް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ދަނީ ދެމުންނެވެ.

މިފަހުން ބައިނަލްއަގުވާމީ މަސްވެރިކަމުގެ ސިނާއަތުން ފާހަގަކުރެވިފައިވާ އެންމެ ބޮޑު ބަދަލުން ރާއްޖޭގެ މަސްވެރިކަމުގެ މަސައްކަތްތަކުގެ މިސްރާބު ބައްޓަންކުރަންވީ ގޮތް ސާފުވެއެވެ. ދާދި ފަހުން އދ އިންވަނީ ދުނިޔޭގެ މަސްވެރިކަމުގެ ސިނާއަތުން ތާރީހީ ބަދަލެއް އައިސްފައިވާކަން އިއުލާނުކޮށްފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ގުދުރަތީ މާހައުލުން ބާނާ މަހުގެ އަދަދަށްވުރެ ފާމްކޮށްގެން ބޭނުންކުރާ މަހުގެ އަދަދުތައް މަތިކަމަށް ހާމަކޮށްފައިވާއިރު ގުދުރަތީ މާހައުލުން މަސް ބާނާ އަދަދުތައް ވޭތުވެދިޔަ 30 އަހަރު ދަށްވަމުން އައިސްފައިވާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެހެންކަމުން ފާމްކުރާ އަދަދުތައް މަތިވެގެންދާނެކަމަކީ މީގެ ކުރިންވެސް އަންދާޒާކޮށްފައިވާ ނަތީޖާއެއްކަމަށް އދއިން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. މިއީ ރާއްޖެ ފަދަ ދޮށިން މަސް ބޭނުމަށް ބަރޯސާވެ އޮތް ގައުމަކަށް ނުރައްކަލުގެ ރަނގަބީލަކަށް ވާންޖެއެވެ. ދުނިޔެ މަސައްކަތްކުރަނީ ސަސްޓެނެބިލިޓީ ނުވަތަ ދެމެހެއްޓެނިވިކަމާއި ދިމާލަށެވެ. މިގޮތުން ބަލާއިރު ގުދުރަތީ މާހައުލުން ބާމާ މަހުގެ އަދަދުތައް ދަށަށްދާ ވަރަކަށް ރާއްޖެއަށް މަސްވެރިކަމުގެ މާކެޓުގައި އޮންނަ ހިއްސާ އިންތިހާ ކުޑަ ވުމުގެ ފުރުސަތު އެބަ އޮތެވެ. މިހާރު ރާއްޖެއިން ގެންގުޅޭ ސިޔާސަތަށްވުރެ ބައިނަލްއަގުވާމީ މައިދާނުގެ މި ވިސްނުން މާ ދެމެހެއްޓެނިވިއެވެ. މި ވިސްނުމާއި އެއްގޮތަށް އަމަލުނުކޮށްފި ނަމަ އަދި ބަދަލުތަކެއް ނުގެނެސްފި ހާލަތެއްގައި މާކެޓު ފުޅާވެގެން އަންނައިރު ރާއްޖެއަށް އަކުއާކަލްޗާ މާކެޓުގައި އެކަށީގެންވާ ޖާގައެއް ނުލިބުން އަދި ކުރިނަގަން ފުރުސަތު ގެއްލޭނެކަމަށްވުމުން އަވަސްވެގަންނަން ޖެހެއެވެ.

2021ވަނަ އަހަރު ގުދުރަތީ މާހައުލުން ނަގާފައިވާ ކަނޑުފަޅުގައި ހިމެނޭ ދިރޭތަކެތީގެ އަދަދު 91.6 މިލިއަން ޓަނަށް އަރާއިރު 2022 ގައި މި އަދަދުވަނީ 91 މިލިއަން ތަަނަށް ދަށްވެފައިކަމަށްވެސް އދއިން މައުލޫމާތު ދީފައިވެއެވެ. އެހެންނަމަވެސް ފާމްކުރެވޭ އަދަދުތައް 2021ގައި 91.1 މިލިއަންގައި ހުރިއިރު 2022ގައި އެ އަދަދުވަނީ 94.4 މިލިއަން ޓަނަށް އިތުރުވެފައިކަމަށް ހިއްސާކޮށްފައިވެއެވެ. އަދި ދުނިޔޭގެ މި ސިނާއަތުގެ 90 އިންސައްތަ ހިއްސާވަނީ އޭޝިއާ ބައްރުންކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ފާމްކުރާ މަހުގެ 90 އިންސައްތައާއި ގާތްކުރާ އަދަދެއް ބޭނުންކުރަނީ ކެއިންބުއިމަށްކަމަށް މައުލޫމާތު ދީފައިވާއިރު، ބާކީ ބޭނުންކުރަނީ ފިޝް އޮއިލް ހެދުމަށާއި އެހެން ޖަނަވާރަށް ކާބޯތަކެތީގެ ގޮތުގައިކަމަށްވެސް ބުނެފައިވެއެވެ. ދުނިޔޭގެ ކަނޑުފަޅުތަކުން އެންމެ ގިނައިން ބާނާ މަހުގެ ތެރޭގައި ހިމެނެނީ ޕެރޫވިއަން އެންޗޯވީސް ސްކިޕް ޖެކް ޓޫނާ އަދި އެލެސްކަން ޕޮލޮކް ފަދަ ބާވަތްތައް ކަމަށްވާއިރު، ފްރެޝް ވޯޓާރ ކާޕާއި އޮއިސްޓާރ އަދި ޓިލާޕިއާވެސް ގިނަ އަދަދަކަށް ނަގާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ދުނިޔޭގެ އެހެނިހެން ގައުމުތަކުންވަނީ ދިރާސާތަކުގެ މައުލޫމާތަށާއި ދުނިޔެ މައްޗަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށް މަސްވެރިކަމުގެ މަސައްކަތްތައް ބަދަލުކޮށްފައިކަން ފެނިގެންދެއެވެ. މިއަދު ދުނިޔޭގެ މަސްވެރި ގައުމުތަކުން އެންމެ އަހައްމިއްޔަތު ދީގެން ތަރައްގީކޮށް ފުޅާކުރަމުންދާ މަސައްކަތްތަކީ އަކުއާކަލްޗާގެ މަސައްކަތްތަކެވެ.

މަސް އަދި ކަނޑުފަޅުތަކުގައި އުޅޭ ދިރޭ ތަކެތި އާލާކުރުމުގެ މި މަސައްކަތްތަކަކީ ރާއްޖޭގައި އެއްވެސް ލަސްތަކެއްވުމެއް ނެތި އިންތިހާއަށް ފަސޭހަކަމާއިއެކު ފުޅާ ދާއިރާއެއްގައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ކުރަން ފެށޭނެ ކަމެއްކަމަށްވުމުން ރާއްޖެއިންވެސް މި މަސައްކަތްތަކުގެ ދުވެލި ބާރުކޮށް މާކެޓުން ހިއްސާއެއް ކަށަވަރުކުރުން މަސްވެރިންގެ ހައްގުތައް ކަށަވަރުކުރުމަށްވެސް މުހިންމެވެ. ރާއްޖޭގެ އެތައް އާއިލާއެއް ތިބީ މި ސިނާއަތުގެ ނަފާގެ މައްޗަށް ބަރޯސާވެއެވެ.

އެކި ފަރާތްތަކުން ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ އަކުއަކަލްޗާ މާކެޓުގެ އަގު 41.20 ބިލިއަން ޑޮލަރަށް އަރައެވެ. އަދި 2031 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު 78.47 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެކަމަށް ލަފާކުރާއިރު އަހަރަކު 7.4 އިންސައްތައިން ފުޅާވަމުންދާނެކަމަށްވެސް އަންދާޒާކުރެއެވެ.

ދުނިޔޭގެ އަކުއާކަލްޗާ ނުވަތަ މަސްމަހާއިމެހި އާލާކުރުމުގެ ސިނާއަތު ދަނީ ބާރު ދުވެއްޔެއްގައި ފުޅާވަމުންނެވެ. މިކަން އާންމުކޮށް ކުރަމުންދަނީ ޕޮންޑުތަކާއި ކުޅި ފަދަ ބެލެހެއްޓުމަށް ފަސޭހަ ފެންގަނޑުތަކުގައިކަމަށްވާއިރު މާކަނޑާއި އެއްގަމުގައި ޓޭންކު ޖަހައިގެންވެސް ކާމިޔާބުކަމާއިއެކު މި މަސައްކަތްތައް ކުރެއެވެ. މި ދާއިރާގައި އާންމު މަހުގެ އިތުރުން އެހެނިހެން ސީފުޑްގެ ގޮތުގައި ކިޔޭ ބާވަތްތައް އާލާކުރާއިރު ފެނުގައި ހެދޭ ގަސްތައްވެސް އާލާކުރެއެވެ.

މި މަސައްކަތްތައް ކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ގުދުރަތީ މާހައުލުން ދިރޭތަކެތި ނަގާ މިންގަނޑުތަށް ދަށްކުރުން ހިމެނޭއިރު މިއީ ކަނޑުފަޅުތައް ތަޣައްޔަރުވުން ފަދަ ކަންކަމުގެ ސަބަބުން ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުނުވެދާނެ ހާލަތުން އަރައިގަތުމަށްޓަކައިވެސް ކޮންމެހެންވެސް ކުރުން މުހިންމު މަސައްކަތްތަކެކެވެ. އަދި މިއީ ދުނިޔޭގައި މަހާއި ސީފުޑްގެ ބާވަތްތަކަށް އޮންނަ ޑިމާންޑުގެ ސަބަބުން ގުދުރަތީ ވަސީލަތްތައް ނެތިގެން ނުދާނެ ކަން ކަށަވަރުކުރުމަށްވެސް މުހިންމު ކަމެއްމަށްވާއިރު، ދުނިޔެއަށް އަންނަމުންދާ މިފަދަ ބަދަލުތަކަށް ރާއްޖެއިންވެސް ކުރީބައިގައި ތައްޔާރުވެ މަސައްކަތްތައް ފެށުން ރަނގަޅެވެ.

ރާއްޖޭގެ ސަރުކާރާއި މަސްވެރިންނާއި ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވަނީ ފައިސާ ނުދެވިގެންކަމަށްވުމުން ދާއިރާގައި އިތުރު ތަފާތު މަސައްކަތްތައް ފަށައި އެ މަސައްކަތްތައް ފުޅާކުރުމަކީ އާމްދަނީ އިތުރުކުރުމަށްޓަކައިވެސް ފަހިވެގެންދާނެކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: