ލޭނު މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ އާމްދަނީ އެއްކޮށް ހުއްޓޭނެ ކަމެއް ކަމަށްވާއިރު އެފަދަ ހުއްދައެއް ދޭން ފެށުމުގެ ކުރިން މަސްވެރިންނާއި އަދި އިންޑަސްޓްރީގެ ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ލޭނު މަސްވެރިކަން ކުރުމުގެ ނަމުގައި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދިވެހި ކަނޑުތައް އޮތީ ވިއްކާލާފައި ކަމަށެވެ. އަދި ލޭނު މަސްވެރިކަމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކަނޑުތަކުގައި ޤާނޫނާއި، ގަވާއިދުތަކާއި، ބައިނަލްއަގުވާމީ މުއާހަދަތަކާ ހިލާފު އެތަކެއް ނޭދެވޭ އަމަލުތަކެއް ހިންގާފައިވާކަމަށް ވަނީ ބުނެފައެވެ. އެމްޑީޕީން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލޭނު މަސްވެރިކަން ހުއްޓުވީ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެކަމުގައި ހުރުމުން މަސްވެރިންނަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށްވެސް ވަނީ ބުނެފައެވެ.
” ލޭނު މަސްވެރިކަމަކީ ރާއްޖޭން ކުރަމުންދާ ދެމެހެއްޓެނިވި މަސްވެރިކަމަށް އޮތް ބޮޑު ހުރަހެއް. އެއީ ތިމާވެއްޓާ ބީރައްޓެހި މަސްވެރިކަމުގެ ބާވަތެއް ކަމަށްވާއިރު މިއީ ރާއްޖޭގެ މަސްވެރިން ޒަމާނުއްސުރެ ކުރަމުންދާ ‘ސަސްޓެއިނަބަލް ފިޝަރީސް’ އަށް ބޮޑު ނުރައްކަލެއް. ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ ފަރާތްތަކަށް ލޭނު އަޅަން ފުރުސަތު ދިނުން ވެގެންދާނީ ރާއްޖޭގެ މަސްވެރިކަން އެއްކޮށް ހަލާކު ކޮށްލުމަށް ދެވޭ ފުރުސަތަކަށް. ލޭނު މަސްވެރިކަމުގެ ނިވަލުގައި ބޭރު މީހުންނަށް ރާއްޖޭގެ ކަނޑުތައް ވިއްކާލުން ކުށްވެރިކުރަން. މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެއް. ”
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖުތަކާއެކު މިފްކޯގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ފައިސާ ހޯދާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދިޔުމަށް އެމްޑީޕީން ވަނީ ސަރުކާރަށް އިސްތިމާސް ކޮށްފައެވެ.
އިނގިރޭސިވިލާތާއެކު އެމްޑީޕީގެ ސަރުކާރުން ގާއިމުކުރަން މަޝްވަރާ ކުރަމުންދިޔަ ފްރީ ޓްރޭޑް އެގްރީމެންޓުގެ ސްކޯޕް ފުޅާކުރުމުގެ ނަމުގައި މަޑުޖައްސާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް އެމްޑީޕީން ވަނީ ގޮވާލައިފިއެވެ. އެ ކަން ހުއްޓާލައި ވީހާވެސް އަވަހަށް އެ އެއްބަސްވުން ގާއިމުކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށް ސަރުކާރަށް ވަނީ އެމްޑީޕީން ގޮވާލައިފައެވެ.
މީގެއިތުރުން އެމްޑީޕީގެ ވެރިކަމުގައި “ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް” ގެ މެމްބަރުކަން ރާއްޖެއިން ހޯދާފައި ވަނީ ޔޫރަޕިއަން ޔޫނިއަނަށް ބޭރުކުރާ ދިވެހި މަހުން ޑިއުޓީ ކަނޑާލުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބިފައިވާއިރު، ފުރިހަމަ ކުރަން ޖެހޭ އެހެނިހެން މަރުހަލާތަކަށް ފަހު، ރާއްޖޭގެ މަހުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވީއެންމެ އަވަހަކަށް ޔޫރަޕިއަން ޔޫނިއަންގައި އެދުމަށް އެނޑީޕީން ވަނީ ގޮވާލާފައެވެ.
މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ނާގާބިލުކަމުގެ ސަބަބުން ސަރުކާރަށް ނުކުޅެދިފައިވާކަމަށާއި ކިރުވި މަހަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް ވެސް ބޮޑު އީދުގެ ކުރިން ޖަމާކުރަން އެ ޕާޓީން ވަނީ ގޮވާލައިފައެވެ. މަސްވެރިންގެ ހައްގުތައް ހޯދައި އިންޑަސްޓްރީ ހިމާޔަތް ކުރުމަށް އިހުތިޖާޖުކޮށް އެ މީހުންގެ އަޑުއުފުލުމުގެ ފުރުސަތު ތަންމިނަށް ހުޅުވިފައި އޮންނަން ޖެހޭ ކަަމަށް އެޕާޓީން ވަނީ ގޮވާލާފައެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްވެ ކުރަމުންދާ މުޒާހަރާއަށް ފުރުސަތު ދީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

