ނޭޓޯގެ މެމްބަރު ގައުމުތަކުގެ އަތުގައި ތިބި ނިއުކްލިއަރ ހަތިޔާރުތައް ތައްޔާރީ ހާލަތަށް ގެނައުމަށް އެ ޖަމާއަތުގެ ޗީފް ޖެންސް ސްޓޯލްޓެންބާރގް ބާރު އަޅުއްވަން ފައްޓަވައިފިއެވެ.
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބޮޑު ހަނގުރާމަ ފެށިދާނެކަމުގެ އިންޒާރުތަކެއް ދީފައިވާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ މީގެ ކުރިން ދެވަނަ ބޮޑު ހަނގުރާމަ އަންދާޒާކޮށްފައިވާ ގޮތަށް އިންޑިއާގެ އެސްޓްރޮލޮޖިސްޓަކުވެސް އެފަދަ އަންދާޒާތަކެއް ކުރަމުންދާކަމަށް ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް އޭނާ ދީފައިވާ ބައެއް މުއްދަތު ފަހަނަ އަޅާފައިވާއިރު ޖޫން 29 ވަނަ ދުވަހުގައިވެސް ފެށިދާނެކަމަށް ބުނެ ލަފާކޮށްފައިވެއެވެ.
ސިޔާސީ ވެރިންނާއި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުން އަދި އެވަރަށް ކަންކަން ގޯސްވެފައިވާކަމަށް ފެނިގެން ނުދާކަމަށް ބައެއް ރިޕޯޓުކުރާއިރު، ނޭޓޯގެ ޗީފް ސްޓޯލްޓެންބާރގް ނިއުކްލިއަރ ގާބިލުކަން ކަށަވަރުކުރުމަށް މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް މީޑިއާތަކުން ބުނެފައިވެއެވ.
އެގޮތުން އޭނާ މަސައްކަތްކުރައްވަމުންދަނީ މެމްބަރު ގައުމުތަކުގެ ބެލުމާއި ބާރުގެ ދަށުގައި ތިބި އެފަދަ ހަތިޔާރުތައް ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެ ހާލަތަށް ތައްޔާރުކުރުމައްޓަކައިކަމަށާއި މި މަސައްކަތްތައް ކުރަން ފަށާފައިވަނީ ޗައިނާ އާއި ރަޝިއާގެ ފަރާތުން ނުރައްކާތައް އިތުރުވެފައިވަނިކޮށްކަމަށްވެސް ބުނެފައިވެއެވެ.
އޭނާ ވިދާޅުވީ، ނޭޓޯގެ ގައުމުތަކުން ދިފާއުވުމަށް ތައްޔާރަށް ތިބިކަން ދެކޮޅުވެރި ފަރާތްތަކަށް ދައްކާލުމުގެ ގޮތުން މިސައިލްތައް ތައްޔާރީ ހާލަތަށް ގެނެއުން މުހިންމުކަމަށެވެ. ރިޕޯޓުތަކުގައިވާގޮތުން މިހާރު މެމްބަރު ގައުމުތަކުން ދަނީ މިސައިލުތައް ރައްކައުކޮށްފައި ތިބި ތަންތަނުން ނެރުމާއި ތައްޔާރީ ހާލަތަށް ގެނައުމާއި ގުޅޭގޮތުންކަމަށެވެ. އަދި މި މަސައްކަތްތައް ކުރެވެމުންދާކަމުގެ މައުލޫމާތުތައްވެސް ހާމަކުރީ ޓްރާންސްޕެރެންސީ މެދުވެރިކޮށް މި ހާލަތު ކުރިމަތިވުމުން ހުއްޓުވުމުގެ މަގުސަދުގައިކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޓްރާންސްޕެރެންސީ މެދުވެރިކޮށް އެ ޖަމާއަތަކީވެސް ނިއުކްލިއަރ ބާރެއް ކަމުގެ މެސެޖު ދެވިގެންދާކަމަށެވެ. އެހެންނަމަވެސް ނޭޓޯގެ މަގުސަދަކީ ދުނިޔެއިން އެފަދަ ހަތިޔާރުތައް ނައްތާލުންކަމަށްވެސް އަލިއެޅުއްވިއިރު އޭނާވަނީ އެފަދަ ހަތިޔާރުތައް ދުނިޔެމަތީގައި ގެންގުޅޭ ހިނދު އެ ޖަމާއަތުންވެސް ނިއުކްލިއަރ ބާރުވެރިކަން ދަމައްހައްޓާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރަޝިއާ އާއި ޗައިނާ އަތުގައި ނިއުކްލިއަރ ހަތިޔާރު ހުރެފަ ނޭޓޯ އަތުގައި ނެތް ދުނިޔެއެއްވާނީ ނުރައްކާތެރި ދުނިޔެއަކަށް ކަމަށެވެ.

