ވަޒީފާއަށް ދާ މައިންބަފައިންނަށް ކުދިން ބެލެެހެއްޓޭނެ އިންތިޒާމުތައް ފަހިވާންޖެހޭނެކަމަށާއި ރާއްޖޭގައި މިކަމާއި ގުޅޭގޮތުން ވަރަށް އަވަހަށް ގައުމީ ފެންވަރުގައި މަޝްވަރާތައް ކުރެވެން ޖެހޭކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވަޒީރު އައިޝަތް ޝިހާމްވަނީ ދިވެހިންގެ ތެރޭގައި ކުދިން އުފަންވާ މިންގަނޑުތައް ދަށްސް ގޮސްފައިވާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަން ހައްލަުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން މުހިންމުކަމަށް އިޝާރާތްކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކުދިން އުފަންވާ މިންގަނޑުތައް ދަށަށް ދިއުމަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ކުރިމަތިވެފައިވާ ގޮންޖެހުމެކަމަށެވެ. އަދި ގައުމުތަކުން ދަނީ މި ހާލަތު އަރައިގަތުމުގެ މަގުސަދުގައި ފިޔަވަޅުތައް އަޅަމުންކަމަށްވެސް ވިދާޅުވިއެވެ.
އަލަށް އުފަންވާ ކުދިންނަށް އިނާޔަތްތައް ދިނުން ފަދަ ކަންކަން ގައުމުތަކުގައި ކުރަމުން އަންނަކަމަށް ވިފާޅުވިއެވެ. އަދި ގައުމުތަކުން ދަނީ ވަޒީފާ އަދާކުރާ މީހުންގެ ދަރިން ބެލެހެއްޓޭނެ އިންތިޒާމުތަކުގެ މަސައްކަތްތައް މިހާރަށްވުރެވެސް ހަރުދަނާކުރަމުންކަމަށްވެސް ހިއްސާކުރެއްވިޮއެވެ. މިނިސްޓަރ ވިދާޅުވީ، ވަޒީފާއަށް ދާ ތަންތަނުގައި ކުދިން ބެލެހެއްޓޭނެ އުސޫލުތައް ގައުމުތަކުގައި ހަރުދަނާ ގޮތެއްގެ މަތިން ގާއިމުކުރާކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް އެފަދަ މަގުތަކެއް ފަހިވާންޖެހޭކަމަށާއި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ގައުމީ ފެންވަރުގައި މަޝްވަރާތައް ކުރިއަށް ދާންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

