އަންހެނުން ބާރުވެރިކުރުމަށް ތަޢާރަފުކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ހުރިހާ އަތޮޅަކުން އަންހެނުން ކުރިމަތިލައި، ޖުމްލަ 216 އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އިޖުތިމާޢީ އަދި ޢާއިލީ ދާއިރާއިން ސަރުކާރުގެ ސިޔާސަތު ހިއްސާކުރައްވާ މިނިސްޓަރު ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް ތަޢާރަފުކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނުގެ 25 އިންސައްތަ ޚާއްސަ ކުރެވިފައިވަނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.
އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދުކަމަށްވާއިރު، މިއީ އަންހެނުންނަކީ ފުދުންތެރި، އަމިއްލަ މަސައްކަތުން އުޅޭ ބަޔަކަށް ހެދުމަށް މަގުފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި އަންހެނުންނަކީ ޒަމާނުއްސުރެވެސް މަސައްކަތުގައި އުޅުނު ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އާމްދަނީ ލިބޭ މަސައްކަތެއްކޮށް، ގޭތެރޭގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވުމަކީ ދިވެހި އަންހެނުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ޒަމާން ބަދަލުވެ، މިހާރު ގޭތެރެ ތިބެގެން ކުރާ ތަފާތު މަސައްކަތްތައް ވެސް އަންހެނުން ކުރަމުން އަންނަކަމަށް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ކަން މިހެން އޮތުމާއެކު، ގިނަ އަންހެނުންގެ ކަންބޮޑުވުމަކަމަށްވެފައި އޮތީ ލޯނު ނަގާއިރު ބޭންކުގައި ކޮލަޓެރެލް އެއް ބަހައްޓަން ޖެހުން ކަމަށާ އެހެންކަމުން އެސް.ޑީ.އެފް.ސީ އިން ދޫކުރާ މި 100 މިލިއަން ރުފިޔާ ލޯން ސްކީމު ފަރުމާކުރެވިފައިވަނީ އެއްވެސް ކޮލަޓަރަލްއަކާއި ނުލާ، ފަސޭހަކަމާއެކު ލޯނު ލިބޭނެގޮތައް ކަމަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގައި ވެސް އިންކްލޫސިވް ސޮސައިޓީއެއް ބިނާކުރުމަށް ބާރު އެޅުމުގެ ނިޔަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ލޯނު ސްކީމުގެ 25 އިންސައްތަ ކަނޑައަޅާފައިވާކަމަށެވެ. މީގެ އިތުރުން، ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ލޯން ލިބޭ ހިސާބުން ފައިސާ ގެންގުޅޭނެ ގޮތް ކިޔައިދީ،ގާތުން ބައްލަވާނެކަމަށް އެސް.ޑީ.އެފް.ސީ އިން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެސްޑީއެފްސީއިން އަލަށް ތައާރަފްކޮށްފައިވާ ދެ ފައިނޭންސިންގް ޕްރޮޑަކްޓަށް ދެވިފައިވަނީ “ފަށާ މަދަދު ލޯނު” އަަދި “ފަށާާ މަދަދު ލީޒިންގް” ގެ ނަންކަމަށް ހިއްސާކޮށްފައިވެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މި ދެ ޕްރޮޑަކްޓަކީ ވިޔަފާރި ދާއިރާއިން އަންހެނުން ބާރުވެރިކުރުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ޕްރޮޑަކްޓުތަކެކެވެ. އަދި މިކަމުގެ ތެރެއިން ވިޔަފާރިތައް ފުޅާކުރުމަށާއި ފެށުމަށް ބޭނުންވާ މާލީ އެހީ ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.
އެސްޑީއެފްސީއިން ބުނެފައިވާގޮތުން “ފަށާ މަދަދު ލޯނުން” ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތްލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށެވެ.
އެ ކުންފުނިން ތައާރަފްކުރި އަނެއް ޕްރޮޑަކްޓުކަމަށްވާ “ފަށާ މަދަދު ލީޒިން” ސްކީމްގެ މަޤްސަދަކީ، ދިވެހި ކަނބަލުންގެތެރެއިން އަމިއްލަ މަސައްކަތް ކުރާފަރާތްތަކާއި، ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުންކަމަށް ބުނެފައިވެއެވެ.

