ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދޭ ”ހަކަތަރި“ ލޭބަލްގެ ދަށުން އިތުރު މުދާތަކެއް ލިބެން ހުރިކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ މަސައްކަތްތައް ފަސޭހަވީނަމަވެސް ކަރަންޓު ޚަރަދު ބޮޑުވެގެންދިއުމަކީ އަބަދުވެސް އިވޭ ޝަކުވާއެކެވެ. އެހެންކަމުން ކަރަންޓު އާލާތްތައް ހޯދުމުގައި ހަކަތަރި ލޭބަލުގައިވާ މައުލޫމާތުގެ އަލީގައި ސަމަކާރަ ތަކެތި ޚިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި ”ހަކަތަރި“ ލޭބަލް އަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދޭ ދިވެހި ލޭބަލްކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެއްކަމަށް އެ ކުންފުނިން ބުނެފައިވާއިރު، މި ޕުރޮގުރާމުގެ މަގްސަދަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުންކަމަށްވެސް ބުނެފައިވެއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް ހަކަތަރި ލޭބަލް ޖެހި އެއްޗެއްގެ ގޮތުގައި ތައާރަފްކުރީ 12 މެެއި 2022 ގައި ހިޓާޗީ އެއަރކޮންޑިޝަނަރ ކަމަށް ބުނެފައިވާއިރު. އެސްޓީއޯއިން ވިއްކާ ހަކަތަރި ލޭބަލް ޖެހި އޭ.ސީތަކުގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ 42 އިންސައްތަ މަދުން ކަރަންޓު ބޭނުންކުރާ އޭ.ސީތައް ހިމެނޭނެކަމަށާއި މިކަމުގެ ސަބަބުން މުޖުތަމައު އިތުރަށް ހޭލުންތެރިވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފައިދާކުރަނިވި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ހިއްސާކޮށްފައިވެއެވެ.
ނޮވެމްބަރު 2023 ވަނައަހަރު ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާ އިތުރަށް ފުޅާކުރެވިގެންދިޔަކަމަށް މައުލޫމާތު ދީފައިވާއިރު، މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނޭނެކަމަށާއި. ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައިކަމަށްވެސް ބުނެފައިވެއެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވުންކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މިހާރު ތަޢާރަފް ކޮށްފައިވަނީ ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިންކަމަށް އެ ކުންފުނިން ބުނެފައިވާއިރު، އެސްޓީއޯ އިން ހަކަތަރި ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ބައްލަވާގަންނަވާ އިރު އެ މުދަލަކީ ހަކަތަރި ރޭޓިންގ ޖަހާފައިވާ ކަރަންޓު ހަރަދު ކުޑަކޮށްދޭނެ މުދާ ކަން އަންގާދިނުންކަމަށްވެސް ބުނެފައިވެއެވެ.

