ކަރެކްޝަންސްގެ އޮފިސަރުންތަކެއްގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރަމުންދިޔަ އިރު އަޅާ ނުލާ ތިބި ސަބަބާއިމެދު ރައްޔިތުންގެ މަޖިލީހުގެ އުނގޫރާފު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު ސުވާލު އުފައްދަވައިފިއެވެ.
ފުލުހުންގެ މުއައްސަސާއިން ވަނީ ޖަލުތެރޭގައި ހިންގަމުންދާ ބައެއް ނޭދެވޭ އަމަލުތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. އެގޮތުން ކަރެކްޝަންސް އޮފިސަރުންތަކެއްގެ އެކައުންޓަަށް އެތައް މިލިއަން ރުފިޔާއެއް ވަދެފައިވާކަން ފާހަގަކުރެވިފައިވާއިރު، މިހާރު ބައެއް އޮފިސަރުން ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖަހައިފިއެވެ.
މިކަމަށް އަލިއަޅުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަހީދުވަނީ ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އައިސް މިހާތަނަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވަމުން އައިސްފައިވާއިރު، މިހާތަނަށް އިންޓެލިޖެންސް މައުލޫމާތުތަކުގެ މައްޗަށް އަމަލުނުކޮށް ގިނަ ދުވަސްތަކެއް ހޭދަކުރި ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.
ވަހީދުވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެމްޑީޕީގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ބުނަމުންދާކަމަށްވެސް އިޝާރާތްކޮށްފައެވެ. އޭނާ ވިދާޅުވީ، އިންތިހާބު ނިމުމާއި ހުވާކުރުމާއި ދެމެދު ގައުމުުގެ ހާލަތާއި ގުޅޭ ހުރިހާ މައުލޫމާތެއް ލިބިފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ މަސް ދުވަހުގެ ތެރޭގައި އިގްތިސާދީ އެޖެންޑާ އެކުލަވާލެވިފައިވާންޖެހޭނެކަމަށާއި ފާއިތުވި 7 މަސް ދުވަހަކީ އެކަންކަން ހާސިލުކުރުމަށްޓަކައި ބޭނުން ބަދަލެއް ގެނައުމަށް ލިބުނު ދުވަސްތަކެއްކަމަށެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގެ އެޖެންޑާއެއް ނެތްކަމަށާއި އެކަމުގެ ސަބަބުން ދިމާ އިދިކޮޅަށް ސަރުކާރު ހިންގަމުންދާކަމަށެވެ. އެހެންކަމުން ގައުމު އޮތީ މާލީ ގޮތުން ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިކަމަށް ވިދާޅުވިއެވެ.

