ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވާނެ ކިތަންމެ މެންބަރެއް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ތިބޭނެ ކަމަށް މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެމްބަަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ވައްޑެ އެގޮތަށް ވިދާޅުވީ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އާދަމް ޝަރީފްގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު ރައީސް ސޯލިހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އާދަމް ޝަރީފް އެގޮތަށް ވިދާޅުވުމާ ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގާ ނަމަ އާދަމް ޝަރީފް ވިދާޅުވިހެން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނެ ކިތަންމެ މެންބަރެއް އެމްޑީޕީގައިވެސް ތިއްބަވާނެ ކަމަށެވެ.
ރައީސް ނަޝީދު އަދި މަޖިލީހުގެ ނައިބު، ރައީސް ނަޝީދުގެ އާއިލީ މެންބަރެއްކަމުގައިވާ އީވާ އަބްދުﷲ ވެސް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގެ މެންބަރުން އެދެމުން އަންނަކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ”ސަންގު“ އަށް ވިދާޅުވެފައެވެ.
އަދި އޭގެ ސަބަބަކީ ރައީސާއި ގުޅުވައި ދޮގު ވާހަކަތަކެއް ދެއްކެވުންކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާކަމަށް ބުނެ އެކި މެމްބަރުން ގުޅުވައި، ކަންބޮޑުވުން ހުށަހަޅަމުން ގެންދާ ކަމަށެވެ. އަސްލަމް ވިދާޅުވީ މިފަދަ އެއްވެސް މަސައްކަތެއް ރަސްމީކޮށް އަދި ފަށާފައި ނުވާކަމަށެވެ. އަދި މެމްބަރުންގެ ޝަކުވާތަކަށް ވެސް އޭނާ ވިދާޅުވީ، ރަސްމީކޮށް ހުށަހަޅައިގެން ނޫން ގޮތަކަށް މަސައްކަތްތައް ކުރިޔަށް ނުގެންދެވޭނެކަންކަމަށް އަސްލަމް ވިދާޅުވި އެވެ.
Majlis Raees ge ithubaaru neh kamah nagaanama, @Adamshareefz e vidhaalhuvaa hen RJ ge ithubaaru neiy kamah vote dheyne kithanme member eh MDP ga ves thibeyne. https://t.co/JKl0zZ6ltF
— Waddey (@waddey_) July 31, 2022
ގާނޫނުއަސާސީ ބުނާ ގޮތުގައި ތިން ސަބަބެއްގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރެވިދާނެއެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ އިސްލާމްދީނުގެ އަސްލަކާއި ނުވަތަ ގާނޫނު އަސާސީ އާއި ނުވަތަ ގާނޫނަކާއި ކަނޑައެޅިހެން ހިލާފުވެއްޖެނަމައެވެ. ދެވަނަ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކުރުމެވެ. ތިންވަނަ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލް ވުމެވެ.
ރައީސް ނަޝީދު ވަނީ ރައީސް ސާލިހުގެ މައްޗަށް ޒިނޭ ކުރާކަމުގެ ތުހުމަތުވެސް ކޮށްފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އަންހެނަކާއި އެކު ބަދުއަހުލާގީ އަމަލުތައް ހިންގާ ފޮޓޯތަކެއް ލިބިފައިވާކަމަށާއި އެ ފޮޓޯތައް ފުލުހަށް ފޮނުވާނެ ކަމަށެވެ.


One Response
ނުވާނެ