އެމަނިކުފާނުގެ ހަޔާތްފުޅުގައި އެންމެ ހެޔޮ ނަސޭހަތް ދެއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހްގެ މަންމާފުޅު ނިޔާވުމުގެ ހިތާމައިގައި ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއުމިނާ ހުސައިން ފުޅަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އެންމެ ހެޔޮ ނަސޭހަތް ދެއްވި އަދި އެހާމެ ގާތް ބޭފުޅެއް ކަމަށެވެ.
ރައީސް ނަޝީދު ވަނީ ރައީސް ސާލިޙްގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން ދުއާކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ސާލިހުގެ މަންމާފުޅު އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 80 އަހަރެވެ.

