ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު ނަގައިގެން ހިންގި މަޝްރޫޢުތައް މިހާރު ހުރީ ހުއްޓިފަ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި ފެށި ބައެއް މަސައްކަތްތައް މި ދައުރުގައި ހުއްޓުމަކަށް އައިސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާއި ބެހޭ ބިލާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ، އެމްޑީޕީއިން އެކުލަވާލި ގޮތަށް ބިލު ފާސްކޮށްފި ހާލަތެއްގައި ޕީއެންސީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދަތިތައް ހުރެދާނެކަމަށެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގެ ތެރެއިން ރަނގަޅަށް ބިލު ދިރާސާކުރުމަށްފަހު އެކަށީގެންވާ ބަދަލުތައް ގެނައުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، އެގޮތަށް އިރުޝާދު ދެއްވަން ޖެހެނީ ނިމިދިޔަ ދައުރުން ފެށިގެން ކުރިއަށް ގެންދަމުން އައިސްފައިވާ އާރްޓީއެލް ޕްރޮޖެކްޓު ހުއްޓުމަކަށް އައިސްފައިވުމުންކަމަށެވެ. އޭނާ ވިދާޅުވީ، އައްޑޫ ރޯޑް ޕްރޮޖެކްޓުވެސް އޮތީ ހުއްޓިފައިކަމަށާއި މަސައްކަތްތަކުގެ ދުވެލި މަޑުޖެހިފައިވާއިރު މިފްކޯގެ އެކްސްޓެންޝަން ޕްރޮޖެކްޓުވެސް އޮތީ ހުއްޓިފައިކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އަތޮޅުތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހައުސިންގް މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ހުރީ ހުއްޓިފައިކަމަށާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް ހުއްޓިފައިވާކަމަށް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތްތަވެސް ރަނގަޅަށް ކުރިއަށް ނުދާކަމަށާއި ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތްތައްވެސް މި ސަރުކާރުންވަނީ ވަކި ހިސާބަކަށް ގެންދިއުމަށްފަހު ހުއްޓާލާފައިކަމަށް މައުލޫމާތުދެއްވިއެވެ. އޭނާ ވިދާޅުވީ، ފަހިދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހަދާ ނިންމާފައި ވާ 4000 ފްލެޓު ރައްޔިތުންނަށް ނުދެވުނުކަމަށާއި އެ މަސައްކަތްތައްވެސް ހުއްޓި ފްލެޓުތަކުގެ ހައްގުވެރިން ތިބީ މަގުމަތިވެފައިކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި، ވޭސްޓް މެނޭޖްމަންޓާއި އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތައްވެސް ހުރީ ހުއްޓިފައިކަމަށާއި ނިމިދިޔަ ދައުރުގައި ފެށިފައި ހުރި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެތައް ޕްރޮޖެކްޓެއްވެސް ކުރިއަށް ނުގޮސް ހުރިކަމަށް ހާމަކުރެއްވިއެވެ.

ކެންދޫއަށް ވަޑައިގެން ދާއިރާގެ ހާލަތު ބައްލަވާފައިވާކަމަށް އަލިއަޅުއްވައި މެމްބަރު ވިދާޅުވީ، އެ ތަނުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުރީ ހުއްޓާލާފައިކަމަށާއި އެމްޑީޕީގެ ސަރުކާރުން ލޯނު ނެގީ އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގުސަދުގައިކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ބަރާބަރަށް ކުރިއަށް ގޮސްގޮސް ހުއްޓާ ސަރުކާރު ބަދަލުވުމާއިއެކު މިހާރު މަސައްކަތްތައް ހުރީ ހުއްޓިފައިކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރުގެ ވާހަކަތަކަށް ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްދު ދެއްވިއެވެ. ތެދު ބަހުން ވާހަކަދެއްކުމަށް މައުރޫފްއަށާއި އެހެނިހެން މެމްބަރުނަށް އިލްތިމާސްކުރައްވާ ފަލާހު ވިދާޅުވީ، މައުރޫފް ބަޔާންކުރެއްވި މަސައްކަތްތައް ހުރީ ސަރުކާރާއި ހަވާލުވިިއިރުވެސް ހުއްޓިފައިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުންދަނީ އަލުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިންތިޒާމުތައް ހަމަޖައްސަމުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: