ސަރުކާރުން މައުލޫމާތުތައް ހާމަނުކުރާ ކަމަށާއި އެކަމުގެ ސަބަބުން ގައުމުގެ ހާލަތު ދެނަގަތުންވެސް ދަތިވެފައިވާކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެމްބަރު މައުރޫފްވަނީ ސަރުކާރުގެ ފަރާތުން ހޯދުމަށް އެދޭ މައުލޫމާތުތައް ސަރުކާރުން ފޯރުކޮށް ނުދޭ ކަމަށް ވިދާޅުވެފައެވެ. މައުރޫފް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ 700 ސިޔާސީ މުވައްޒަފުންނާއިއެކު ވެރިކަން ކުރައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައި ކަމަށާއި ނަމަވެސް އެ މަގުން އެކަން ނުދާ ކަމަށެވެ.
މިހާރު ކަންކަން މުޅިން ބަދަލުވެފައިވާކަމަށާއި 2000 އަށް ވުރެ ގިނަ މުއައްޒަފުން ތިބިކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ. ސަރުކާރުން ގެންގުޅެނީ ހުރިހާ އެއްޗެއް ފޮރުވައިގެންކަމަށާއި އެ ޕާޓީއިން ހޯދުމަށް އެދޭ މައުލޫމާތުތައް ސަރުކާރުން ނުދޭކަމަށް މައުރޫފް ވިދާޅުވިއެވެ.، އެހެންކަމުން ގައުމުގެ ހާލަތު ސަރުކާރުން ބުނާ ގޮތަށް އޮތްކަމާއިމެދު ޝައްކުވާކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ގައުމު އޮތީ މާލީގޮތުން ދަތި ހާލަތެއްގައި ނަމަ ސަރުކާރުން ސިޔާސީ މަގާމުތައް މަދުކުރަންވީކަމަށެވެ. އަދި އަދަދުތައް މަދުކުރަންވީ ނޫންތޯ އާއި މިހާރު ހުރި އަދަދުތައް ހާމަކުރަންވީ ނޫންތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ސަރުކާރުން ހިއްސާކުރަމުންދާ ހާލަތާއި ގުޅޭ މައުލޫމާތުތަކާއިމެދު ސުވާލު އުފެދެނީ އެ ސަބަބާއި ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ.

