ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން އަމާޒުކުރަމުންދަނީ އާދައިގެ ވަޒީފާތަކުގައި އުޅޭ ނިކަމެތި ރައްޔިތުންނަށްކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަޒީފާތަކަށް މީހުން ނެގުމާއި ވަކިކުރުމާއި ގުޅޭގޮތުން ކުއްލި މައްސަލައެއް ހުށައަޅުއްވައި ވާހަކަދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމަކީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުގެ ވައުދެއްކަމަށެވެ. އެހެންނަމަވެސް އެ އަދަދު ހުރީ ދެ ހާހާއި ގާތުގައިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށް ހިއްސާކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ، ރައީސްގެ މަގާމު އަދާކުރުމުގެ ގޮތުން ބޭނުންވާ މުއައްޒަފުން ނެގުމުގެ ބާރު ގާނޫނުއަސާސީއިން އެމަނިކުފާނަށް ލިބިދީފައިވާކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުދަނީ އެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންކަމަށާއި ވައުދުތަކާއި ހިލާފުވެވަޑައިގެން ސަރުކާރުންދަނީ ހިއްސާވާ ކުންފުނިތަކާއި މަސައްކަތްތަކާއި އެކަށީގެން ނުވާ ގިނަ އަދަދެއްގެ މުއައްޒަފުން ބޮޑެތި މުސާރަތަކާއިއެކު ވަޒީފާއަށް ސިޔާސީ މީހުން އައްޔަނުކުރަމުންކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މައުލޫމާތު ލިބިގަތުމުގެ ހައްގަކީވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއްކަމަށްވާއިރާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުމަކީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ވަޖިބެއްކަމަށެވެ. އެހެންނަމަވެސް މާލީ ގޮތުން ދަތި ދަނޑިވަޅެއްގައި ސިޔާސީ މަގާމުތަކުގެ އަދަދުތައް އިތުރުކުރަމުންދާއިރު އަދަދުތަކާއި މުސާރައިގެ ހިސާބުތައް ސާފުކުރުމަށް މާލިއްޔާތު ކޮމިޓީއިން ފިނޭންސްގައި އެދުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށްފައިކަމަށާއި އެމްޑީޕީއިން މިކަމާއި ގުޅިގެން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަވެސް ޕީއެންސީއިން ބޭރުކޮށްލިކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން އިތުރުކޮށްފައިވާ މަގާމުތަކުގެ އަދަދުތައް ސީދާ ނޭނގުނު ނަމަވެސް ތުހުމަތުކުރެވޭ ފަދަ އަދަދުތަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުންދާކަން އެނގޭކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި ފޭދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ މުހައްމަދު ނިހާދު ސަރުކާރުންވަނީ ދާދި ފަހުން ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކޮށްފައިކަމަށާއި އެ މަގާމުގެ މަހު މުސާރައަކީ 43،500 ރުފިޔާކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އަދި އާރްޑީސީގައިވެސް އެފަދަ މައްސަަލަތަކެއް ފާހަގަކުރެވިފައިވާކަމަށްވެސް އަލިއެޅުއްވިއެވެ.
މައުރޫފް ވިދާޅުވީ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އާރްޑީސީއިން ހަރަދުކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު އެތައް މުއައްޒަފެއް ވަޒީފާއިން ވަކިކޮށް މެމޯ ފޮނުވިކަމަށެވެ. އެހެންނަމަވެސް ހަމަ އެ ދުވަހު ކުންފުނީގެ ހިއުމަން ރިސޯސް މަސައްކަތާއި ރިޕެއަރ އެންޑް މެއިންޓެނެންސް މަސައްކަތްތައް ތަޖުރިބާ ކުރުމުގެ ނަމުގައި 35،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއްގައި ދެ ކޮންސަލްޓަންޓުން ނަގާފައިކަމަށް ހާމަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި ހިންގަމުންދަނީ ޖަރީމާއެއްކަމަށާއި މިކަމުގެ ތެރެއިން އަމާޒުކުރަމުންދަނީ އާދައިގެ ވަޒީފާތައް އަދާކުރާ ދެރަ ނިކަމެތި ރައްޔިތު މީހާއަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރުމަކީ މީހެއްގެ ވަޒީފާ ގެއްލެންޖެހޭ ސަބަބެއް ނޫންކަމުގެ އިތުރުން ވަޒީފާއިން އެއްވެސް މީހަކު ވަކި ނުކުރައްވާނެކަމަށްވެސް ރައީސް ޑރ މުއިއްޒު މީގެ ކުރިން ވިދާޅުވިކަމަށްވެސް މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެމަނިކުފާނުވަނީ ރިޔާސީ ވައުދުފުޅާއި ހިލާފުވެފައިކަމަށާއި ހަމައެކަނި ފާއިތުވި ދެ މަސް ދުވަހަށް ބެލި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާދައިގެ ވަޒީފާތައް އަދާކުރަމުންދިޔަ އެތައް ބަޔަކު ސަބަބެއް ނެތި ވަޒީފާއިން ވަކި ކޮށް އާއިލާތައް ބިކަކޮށްފައިވާ މަންޒަރު ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކެސްއިންވެސް ފާއިތުވި ހަފްތާގެ ތެރޭގައި އެތަކެއް ބަޔަކު ވަޒީފާއިން ވަކި ކޮށްފައިވާކަމުގެ ޝަކުވާތައް ލިބިފައިވާކަމަށެވެ. އެހެންކަމުން ހައްދެއް ނެތި އެސްއީތަކަށް ބޮޑެތި މުސާރަތަކުގައި މީހުން އައްޔަނުކުރުމާއި ސިޔާސީ މަގާމުތަކަށް މީހުން ނެގުން ހުއްޓުމަކަށް ގެނެސް އާދައިގެ ވަޒީފާތަކުގައި ތިބި މީހުން މަގާމުތަކުން ވަކި ކުރުންވެސް ހުއްޓާލުމަށް ގޮވާލައްވާކަމަށާއި ވަކި ކޮށްފައިވާ މީހުންގެ ވަޒީފާތައް އަލުން އިޔާދަކޮށްދިނުމަށް އެެދި ކުއްލި މައްސަލަ ހުށައަޅުއްވާކަމަށް މައުރޫފް ވިދާޅުވިއެވެ.

