ސަކުރާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންދާ ކުއްލި މައްސަލަތައް ބޭރުކޮށް، ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީން އެ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ނަގަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އެ މަޖިލީހުގައި ކަންކަން ހިނގަމުންދާ ގޮތާމެދު ކަންބޮޑުވުންފާޅުކޮށް، ރައްޔިތުންނާ މައިނޯރިޓީގެ އަޑު ކަނޑުވާލުމަށް ޕީއެންސީ މެންބަރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އެ ޕާޓީން ފާހަގަކޮށްފައިވަނީ ބޭރު ކޮށްލި ދެ ކުއްލި މައްސަލައިގެ ވާހަކައެވެ. މި ހަފުތާގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ދެ ކުއްލި މައްސަލަ އެމްޑީޕީން ހުށަހަޅާފައިވާއިރު އެއީ ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް ދޭ ފައިސާ ޖަމާނުކުރާ މައްސަލަ އާއި ދައުލަތުގެ ކުންފުނިތަކުގެ ކުދި ވަޒީފާތަކުން މީހުން ވަކިކޮށް، ބޮޑެތި މުސާރަ ލިބޭ މަގާމުތަކަށް މީހުން އިތުރުކުރާތީ ހުށަހެޅި މައްސަލައެވެ. މި ދެ މައްސަލަ ވެސް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ބޭރު ކޮށްލާފައެވެ.
އެކަމުގެ ކަންބޮޑުވުންފާޅުކޮށް މައުރޫފް ވިދާޅުވީ މަޖިލީހުގެ ބަހުސްގައި މަޖިލީހުގެ ބައެއް މެންބަރު ހާއްސަކޮށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ކުއްލި މައްސަލައާ ގަރާރުފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅުން ހަނިކޮށް، ލިމިޓްކުރުމަށް ނުވަތަ ހުށަނޭޅޭ ގޮތަށް ގަވައިދު އިސްލާހު ކުރުމަށް ބާރު ލިބޭ ގޮތަށް ވާހަކަ ދއަޅުގަނޑުމެން ދެއްކެވުމަކީ އެމްޑީޕީ ޕީޖީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ މައިނޯރިޓީގެ އަޑު ކަނޑުވާލާނެކަމުގެ އިޝާރާތެއް ގޮތުގައި ގަބޫލުކުރައްވާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
މައުރޫފްގެ އިތުރުން ނާޒިލް ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވިޔަސް އަދި މަސައްކަތް ކުރި ނަމަވެސް މައިނޯރިޓީއާ ރައްޔިތުންގެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށެވެ.
އެ ބޭފުޅުން ބޭނުންވާ ގޮތަކީ ފްލޯގައި ކުއްލި މައްސަލައެއް ވިޔަސް ގަރާރެއް ވިޔަސް އެހެން އެއްޗެއް ވިޔަސް އެބޭފުޅުންގެ މެންބަރުންނަށް ތެދުވެ ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ކިޔާ. ސަރުކާރަށް ސަނާ ކިޔާ. އެގޮތަށް ސަނާ ނުކިޔޭ އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ކުރާކަށް އެބޭފުޅުން ބޭނުންނުވާކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ވެސް ފާހަގަވެގެންދިޔަ
އޭގެ އިތުރުން އެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ފުރަތަމަ ޑިގްރީ ހަދާ ދަރިވަރުންގެ ކޯސް ފީ ދައުލަތުން ދައްކާ ގޮތަށް ކުރީގެ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ސްކޭމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ސިފަކުރައްވާ ދެއްކެވި ވާހަކައާ މެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީން ބުނީ ހިލޭ ޑިގްރީ ޕްރޮގްރާމަކީ އެއްގޮތަކަށް ވެސް ސްކޭމެއް ނޫން ކަމަށާއި އެ ޕްރޮގްރާމް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް އެ ޕާޓީން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
މަޖިލީހުގެ ޖަލްސާގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވާހަކަދައްކަވަމުން ހިލޭ ޑިގްރީ އަކީ ސްކޭމްއެއް ކަމަށް ފާހަގަކޮށް، ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ނުހިންގަފާނެ ނުވަތަ ހުއްޓާލަފާނެ ކަމުގެ އިޝާރާތެއ ނުވަތަ އެމޭރުމުން ވާހަކަދައްކާފައިވާ ވާހަކަދެއްކުމަކީ ވެސް އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތް ކަމެއް ކަމުގަ ފާހަގަކުރަން.
ހިލޭ ޑިގްރީ ޕްރޮގްރާމަކީ ފުރަތަމަ ފަހަރަށް ޑިގްރީ އަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ކިޔަވަން ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ. ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، ހިލޭ ޑިގްރީ ޕްރޮގްރާމުގައި 15،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.
އިއްޔެގެ އެ ބައްދަލުވުމުގެ އެމްޑީޕީން ވަނީ އެ ޕާޓީގެ ކަންބޮޑުވުންތައް ފާޅުކުރުމުގެ އިތުރުން، ހިތްހަމަނުޖެހޭ ކަންކަން ފާހަގަކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެންމެ ބޮޑަށް ސަރުކާރަށް ފާޑުކިޔުން އަމާޒުވީ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް، އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ލަސްކުރަމުންދާތީ ކަމަށް ބުނެއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ، އެހެން މަޖިލިސްތަކާ ހިލާފަށް 20 ވަނަ މަޖިލީހުގައި މިހާތަނަށް މަސައްކަތްތައް ވަރަށް އަވަހަށް ނިންމަމުންދާ ކަމަށެވެ. އެހެން ނަމަވެސް، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތާށިވެފައި އޮތް ކަމަށް މެންބަރު ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ މިއަދު ހުށަހެޅި ބިލެއް މިއަދުން މިއަދަށް ފާސްކޮށް މިއަދު ކޮމިޓީއަށް ވެސް ފޮނުވާލެވޭ ކަމަށެވެ. އަދި މަޖިލީހުގައި ތާށިވެގެން އުޅެނީ އެންމެ ބިލެއް ކަމަށާ އެއީ އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުގެ ބިލު ކަމަށެވެ.
އެ އިސްލާހު އަދިވެސް އެ އޮތް ކޮމިޓީގައި އެބަ އޮތް، އެންމެ ބައްދަލުވުމެއް ވެސް ނުބޭއްވޭ.. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ސަމޯއާ އެއްބަސްވުމުގައި ސޮއި ކުރަން ވެގެން އެއް ގަޑިއިރު ތެރޭގައި ދެ ބައްދަލުވުމަށް ގޮވާލި ކޮމިޓީއިން. ދެ ކޮމިޓީ ބާއްވާފައި އެ ދުވަހުން އެ ދުވަހަށް އެ ނިންމާލި.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ތަކުރާރުކޮށް ބުނެފައިވަނީ ސަރުކާރުގެ މެންބަރުން މިފަދައިން އަމަލުކުރެއްވި ނަމަވެސް، އެމްޑީޕީން ކުރަމުންދާ މަސައްކަތަށް މަޑު ޖެހުމެއް ނާންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލިސް ތެރެއިން ގެނެސްދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

