ދިވެހިރާއްޖެއަށް ލިބުނު ތަރައްގީއެއް ލިބި، މި ގައުމުގެ ރައްޔިތުންނަށް ކޮޅަށް ތިބެވުނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތާ، އޮހޮރި ލޭޔާ ދަލުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ އެ ޕާޓީގެ ބައެއް މުހިއްމު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ތައާރަފު ކުރުމާ، އެކަނިވެރި މައިން އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތްތަކަކީ އެ ޕާޓީގެ ވެރިކަމުގައި ތައާރަފު ކުރި ކަންކަން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ތައުލީމީ ދާއިރާއަށް ބެލި ނަމަވެސް ފެނިގެންދަނީ އެ ޕާޓީގެ ހަރުދަނާ ސިޔާސަތުތައް ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވީ، ފޮތް ލިސްޓް ހިލޭ ދިނުމާއި ހިލޭ ޑިގްރީގެ ސްކީމް ތައާރަފު ކުރުމަށް އެކަނި ބެލި ނަމަވެސް އެޕާޓީން ގައުމުގެ މުސްތަގުބަލާ ރައްޔިތުންގެ ލާބައާ މަންފާއަށް މަސައްކަތް ކޮށްފައިވާކަން ހާމަވާ ކަމަށެވެ.
މޭޔަރު ވަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ހައްލު ލިބޭނެ މަގުފަހިވެގެން ދިޔައީ އެމްޑީޕީގެ ވިސްނުމުން ކަމަށް ވިދާޅުވެ އެކަމާއި ހިލާފުވާނެ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަމާމެދު ޝައްކު ވެސް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރަށް ފާޑުވިދާޅުވެ އާޒިމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ހިއްކާފައި ހުރި ބިންތަކުން ވެސް މި ސަރުކާރަކަށް ގޯތި ދެވިފައިނުވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ތައާރަފުކުރި އާރްޓީއެލްއާއިއެކު ދަތުރުފަތުރުގެ ފަސޭހަކަން ވެސް ލިބެމުންދާ މި ސަރުކާރަށް ހަތް މަސްދުވަހު ބާރަށް ކުރެވުނު ކަމަކީ ”އާރުޓީއެލްއަށް އަރައިގެން ދުއްވާލުން“ ކަމަށެވެ.
އަޅުގަނޑުމެން މަސައްކަތްކޮށްފައި އޮންނާނީ ވަރަށް ރަނގަޅަށް، ވަރަށް ހެޔޮހިތުން، މިއަދު އަޅުގަނޑުމެން އެ މަސައްކަތް ކޮށްފައި އޮތް ގޮތުން، އިތުރު ތަރައްގީއެއް ކުރާކަށް ނުޖެހޭނެ، ޖެހޭނީ ކުރިއަރުވަން. އަޅުގަނޑުމެން ހުންނާނީ ފައުންޑޭޝަން ވަރުގަދަކޮށް އަޅާލާފައި،
މިހުރިހާ ސަބަބުތަކަށްޓަކައި އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ މުހިއްމު ކަމަކީ ބައި އިލެކްޝަނުގައި އެމްޑީޕީ މެންބަރުން ހޮވުން ކަމަށާ އެކަން ކުރުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

