ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތައް އޮޑިޓު ކުރުމަށް ބޭނުންވާ ލިޔެކިއުންތައް ދިނުމަށް ދެކޮޅު ހަދަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
މަސައްކަތްކޮށް، ރިޕޯޓުތައް އެކުލަވާލުމުގައި ދިމަވާ ދަތިތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް އޮޑިޓު އޮފީހުން ވަނީ މިއަދު މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެފަ އެވެ. މި ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އާންމު ގޮތެއްގައި ބައެއް އިދާރާތަކާއި ކުންފުނިތަކުގައި ތިބޭ ވެރިންގެ ސަބަބަބުން ވެސް އޮޑިޓަށް ދަތިވާކަމަށެވެ. ބައެއް އިދާރާތަކުން މައުލޫމާތުތައް ހާމަކުރުމުގައި ހިފެހެއްޓުމެއް ގެންގުޅޭއިރު ބައެއް ތަންތަނުން އެއްވެސް ވަރަކަށް މައުލޫމާތު ނުދިނުމުގެ ސިޔާސަތެއް ވެސް ގެންގުޅޭކަމަށް ނިޔާޒީ ވިދާޅުވި އެވެ.
ނިޔާޒީ ވިދާޅުވީ ކުރިޔަށް ގެންދަނީ، އާސަންދައިގެ އޮޑިޓެއް ނަމަ މަސައްކަތަށް، ބޭނުންވާ އެނަލިސިސް ރިޕޯޓު ތައްޔާރު ކުރެވޭނީ ޕޭޝަންޓުންގެ ވެސް ޒާތީ މައުލޫމާތުތައް ހާމަނުވާހެން ހިއްސާ ކުރާ މައުލޫމާތުންކަމަށެވެ.
މަސައްކަތަށް ދިމާވާ އަނެއް ގޮންޖެހުންކަމަށް ނިޔާޒީ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ބޮޑު މުސާރަދީ އެ އޮފީހުގެ އޮޑިޓަރުން ގެންދާ މައްސަލައެވެ. އެކަން ފާހަގަކުރުމުން، މެމްބަރުން ވަނީ އޮޑިޓު އޮފީހުގެ ރަނގަޅު އޮޑިޓަރުން ގެންދާނަމަ ދެން އެ ކުންފުނިތަކުގެ ތެރެއިން ނަތީޖާ ނުފެންނަނީ ކީއްވެގެން ތޯ ސުވާލުކުރައްވާފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި އޮޑިޓު އޮފީހުން ބުނީ، އެއީ ޑިރެކްޓަރުންގެ ބޯޑުގެ ފެއިލިއާއެއްކަމަށް ދެކޭ ކަމަށެވެ. އަދި ކުންފުނިތަކުން ގިނަ ފަހަރަށް ހިސާބުތައް ނުބަލައްޓާކަމަށް ވިދާޅުވި އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އެ އޮފީހުގެ މެމްބަރުން ވިދާޅުވީ އޮޑިޓު ރިޕޯޓުތައް ދިގުލައިގެން ދިއުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއްވާކަމަށެވެ. އަދި އެކަން ތަފްސީލުކޮށްދެއްވައި އޮޑިޓު އޮފީހުގެ ލީގަލް ކައުންސިލް މުހައްމަދު ނަސީމް ވިދާޅުވެފައި ވަނީ އޮޑިޓު އޮފީހުގެ މުވައްޒަފުންނަށް ބިރު ދައްކައި، ގިނަ ފަހަރަށް ލިޔެކިއުންތައް ދިނުމަށް ވެސް އިދާރާތަކުން ދެކޮޅު ހަދާކަމަށެވެ.
ގިނަ ފަހަރަށް މައުލޫމާތުތައް ދޭން ދެކޮޅު ހަދައި، އެއީ ހިފަހައްޓަން ޖެހޭ ސިއްރެއްކަމަށް ބުނެކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ނަސީމް ފާހަގަކުރެއްވީ ގިނަ ތުހުމަތުތަކެއް ކުރެވިފައި އޮތް ފެނަކައެވެ. އެ އޮފީހުން 2021 ވަނަ އަހަރުން ފެށިގެން އެއްވެސް ލިޔެކިއުމެއް ދީފައިނުވާކަމަށް ނަސީމް ވިދާޅުވި އެވެ.

