ރާއްޖޭގައި ހުރި ކޮމްޕިއުޓަރ ސިސްޓަމެއްގައި ރައްކާކޮށްފައި ހުރި ޑޭޓާ ބަލައި ފާސްކުރުމަށް ނުވަތަ ޑޭޓާއަށް އެކްސެސްވުމަށް، ބޭނުންވާ ޑޭޓާތަކާއި ކުށާއި ހުރި ގުޅުން ތަފްސީލާއި އެކު ބޭރުގެ ގައުމެއްގެ އޭޖެންސީއަކުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިދާނެކަމަށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް ގެންނަ އިސްލާހުގައި ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދައިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ މި ބިލުގެ ބޭނުމަކީ ސައިބާސްޕޭސްގައި ކުރާ ކުށްތައް އިތުރުވަމުން ދާތީ އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށް އިތުރަށް ފުޅާކުރަމުން ގެންދާތީ ކުށް ކުރުން ހުއްޓުވައި ފިޔަވަޅު އެޅުމެވެ. އަދި އެހެން ގައުމުތަކާއި އެކު ގާނޫނީ އެހީތެރިކަން ބަދަލު ކުރުމާއި ގުޅޭގޮތުން ކަނޑައަޅަން ޖެހޭ، އިޖުރާއަތްތައް ކަނޑައެޅުމަށްޓަކައި ގާނޫނު ނަމްބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނު) އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.
ބިލުގައި ހުށަހަޅާފައި ވަނީ އިލެކްޓްރޯނިކް ހޯދުމާއި ގުޅޭގޮތުންނާއި، ކޮމްޕިއުޓަރ ސިސްޓަމެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވް ކުރުމާއި ޕްރިޒާވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާއި ގުޅޭގޮތުންނެވެ. އަދި ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާއަށް އެކެސެސްވުމާއި ގުޅޭގޮތުންނާއި ޓެރްފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމަށްޓަކައި އެހީތެރިކަން ބަދަލު ކުރުމަށް ވެސް ވަނީ ބިލުގައި ހިމަނާފަ އެވެ.
މީގެއިތުރުން ކޮންޓެންޓް ޑޭޓާ އިންޓަސެޕްޓު ކުރުމާއި ގުޅޭގޮތުން ގާނޫނީ އެހީތެރިކަން ބަދަލު ކުރުމާއި ގުޅޭ އުސޫލު ބަޔާން ކުރުމެވެ.
ބިލު ހުށަހަޅުއްވައިދެއްވައި، ސައްތާރު ވިދާޅުވީ މި ބިލު ގާނޫނަކަށް ވުމުން އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ އެ ނޫން ވެސް ކުށަކާއި ގުޅިގެން ތަހުގީގުގެ ބޭނުމަށް ބޭރު ގައުމެއްގެ އެޖެންސީއަކާއި އެކު އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމާއި ބެހޭ ފަރާތްތަކާއި އެކު މަސައްކަތް ކުރެވިދާނެކަމަށެވެ. އަދި ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު، ލިބިފައިވާ އިދާރާއަކަށް ބޭރު ގައުމެއްގެ ހުއްދައަކާއި ނުލައި ކުރެވިދާނެ ކަންތައްތައް ބިލުގައި ބަޔާން ކުރާކަން ފާހަގަކުރެއްވި އެވެ.
ބޭރުގެ ގައުމުގެ ހުއްދަ ހޯދުމަކާއި ނުލައި ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކުން ކޮމްޕިއުޓަރ ޑޭޓާ ލިބިގަތުމުގައި ނުވަތަ އެކްސެސްވުމުގައިއަމަލު ކުރަންވީ ގޮތުގެ އިޖުރާއަތު ގާނޫނުގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލް އެކުލަވާލަން ޖެހޭނެ އެވެ.
މީގެއިތުރުން ރާއްޖޭގައި ހުރި ކޮމްޕިއުޓަރ ސިސްޓަމެއްގައި ރައްކާކޮށްފައި ހުރި ޑޭޓާ ބަލައި ފާސްކުރުމަށް ނުވަތަ ޑޭޓާއަށް އެކްސެސްވުމަށް ނުވަތަ އެ ޑޭޓާއެއް ހޯދުމަށް ނުވަތަ ހިފެހެއްޓުމަށް ނުވަތަ ހާމަކުރުމަށް އެދި ނުވަތަ އެފަދައިން އަމަލު ކުރުމުގެ އަމުރަކަށް އެދި ބޭރުގެ ގައުމެއްގެ އޭޖެންސީއަކުން ޕީޖީއަށް ވެސް ހުށަހެޅިދާނެކަމަށް ބިލުގައި ވެއެވެ. އެ ހުށަހެޅުމެއްގައި ހިމަނަން ޖެހޭނީ ކުށުގެ މައުލޫމާތާއި، ކުށުގެ ވާގިއާތަކުގެ މައުލޫމާތު އަދި ހާމަކުރުމަށް އެދޭ ޑޭޓާ އެކުލެވިގެންވާ ސިސްޓަމް ނުވަތަ ޑިވައިސްގެ މައުލޫމާތެވެ. އަދި ބޭނުންވާ ޑޭޓާތަކާއި ކުށާއި ހުރި ގުޅުން ވެސް ތަފްސީލު ކުރަން ޖެހޭނެ އެވެ.
މީގެއިތުރުން ސިސްޓަމްގައި ރައްކާކޮށްފައި ހުރި ޑޭޓާގެ ވެރިފަރާތާއި ގުޅޭގޮތުން ނުވަތަ ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ޑިވައިސް ހުރި ތަނާއި ގުޅޭ މައުލޫމާތުގެ އިތުރުން އެ ފާސްކުރުމާއި ހިފެހެއްޓުމުގެ މުހިންމުކަން ހިމަނަން ޖެހޭނެ އެވެ.

