”ދާރުއްސަލާމް“ އަދި ”ދާރުލްއަރްޤަމް“ ގެ ނަމުގައި އިތުރު ދެ ވަޤްފު ބިނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ ކަމަށް ރައީސުމްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ޤުރްއާންކަމުގައިވުން އެއީ ދިވެހީންނަށް ދިވެހި ރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް ކަމަށެވެ.
އެހެންކަމުން ކީރިތި ޤުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ޙަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށާއި ހިލޭ ޤުރުއާން ކިޔަވައިދޭ ކްލާސްތައް އިތުރުކޮށް މުޅި ރާއްޖެއަށް އެކަން ފުޅާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމުތައް ދެވޭ އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތްކަމުގައި އަންނަ އަހަރުން ފެށިގެން ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ޒަމާނީ ޓެކްނޮލޮޖީއާއެކު، ކީރިތި ޤުރުއާނުގެ ޚާއްޞަ ދާއިމީ މަޢުރަޒެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ޤާއިމުކުރާނީ މި ސަރުކާރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”އިރާދަކުރެއްވިއްޔާ މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ކީރިތި ޤުރްއާން އުނގެނުމާއި އުނގަންނާ ދިނުމުގެ ދާއިރާއަށް އަދި އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކަށް އިންޤިލާބީ އިޞްލާޙީ ބަދަލެއް އަންނާނެ. އަޅުގަނޑުގެ ހުވަފެނަކީ އެ ދުވަސް. ތަޞައްވުރަކީ އެ ޒަމާން. އަމާޒަކީ އެ އަމާޒު.ކީރިތި ޤުރުއާނަށް މި ދިވެހި ފަސްގަނޑުން ޙައްޤު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެ. ނިހާޔަތަށް ޝައުޤުވެރިވާނެ.“
ރައީސް ވިދާޅުވީ ކީރިތި ޤުރުއާނަކީ ރާއްޖޭގައި ތަރުބިއްޔަތުވަމުން އަންނަ ޒުވާން ޖީލުގެ އެންމެ މުހިންމު ބައިވެރިޔާއަށް ހެދުމަށް މާލީ ގޮތުންނާ، ޢަމަލީގޮތުންވެސް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާޏެ ކަމަށާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އައު ޢިމާރާތެއް ބިނާކުރުމަށް ވަރަށް އަވަހަށް ބިމެއް ހަމަޖައްސަވާނެ ކަމަށެވެ.
ރައީސް ވަނީ ނިޔަތާއި ޢަމަލުގެ މަސްދަރަކީ ކީރިތި ޤުރްއާންކަމުގައި ހެދުމަށް އިލްތިމާސް ކުރައްވާފައެވެ. އުންމީދުތަކަށް، ހުވަފެންތަކަށް އަލިކަންގެންނަ ދަންމަރަކީ އެ މަތިވެރި ފޮތްކަމުގައި އަބަދުވެސް ކޮންމެ މީހަކު މެ ނަފުސުތަކަށް ހަނދާންކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ރާއީސް ވިދާޅުވިއެވެ.

