ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ރިޔާސީ އިންތިޚާބު އެއްކޮށްލައިފިނަމަ ދައުލަތުގެ ބަޖެޓުން މަދުވެގެން 130 މިލިއަން ރުފިޔާ ޚަރަދުކުޑަ ކުރެވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދް ތައުފީގު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުން ހާޒިރުކޮށްފައިވާއިރު އީސީން ވަނީ އެ ކޮމިޝަނުގެ ކަންބޮޑުވުންތަކުގެ ވާހަކައިގެ އިތުރުން ޚަރަދު ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ވާހަކަ ކޮމިޓީއާ ހިއްސާ ކޮށްފައެވެ.
ޚަރަދާ ގުޅިގެން ސުވާލުކުރައްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ޙުސައިން ވަނީ ރިޔާސީ އިންތިޚާބަށް 180 މިލިއަން ރުފިޔާ އަދި މަޖިލިސް އިންތިޚާބަށް 120 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން އީސީން ފާހަގަކޮށްފައިވާކަމަށް ވިދާޅުވެ، އެ ދެ އިންތިޚާބު އެއްކޮށްލައިފިނަމަ ދައުލަތުގެ ބަޖެޓުން ޚަރަދު ކުޑަކުރެވިދާނެތޯ އަދި ކުރެވޭނަމަ ޚަރަދު ކުޑަވާނީ ކިހާ އަދަދަކުންތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ފުއާދް ވިދާޅުވީ އެ ކޮމިޝަނުން ލަފާކުރާ ގޮތުގައި މަދުވެގެން 130 ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް ދެ އިންތިޚާބު އެއްކޮށްލައިފިނަމަ ޖުމްލަ ޚަރަދުގެ ދެބައިކުޅަ އެއްބައި ސަލާމަތް ކުރެވޭނެ ކަމަށް ފުއާދް ވިދާޅުވިއެވެ.
ފުއާދް އެހެން ވިދާޅުވިއިރު ރިޔާސީ އިންތިހާބައި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް، ގައުމު ހިންގުމަށް މެނިފެސްޓޯ ތަންފީޒު ކުރުން މުހިންމުކަމަށެވެ. އަދި އެމަނިކުފާނަކީ ވަކިކަމެއް، ކުއްލިއަކަށް ގެންނަން އުޅުއްވާނެ ވެރިއެއް ނޫންކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމަށް ކަތާވަރަށް ނިޒާމު ބައްޓަން ކުރުމުގެ ވާހަކަ ދެއްކުން މުހިންމުކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިޔާސީ ނިޒާމާއި، ދުސްތޫރީ ނިޒާމު އޮތް ގޮތުން ކައިރި ކައިރީގައި ގިނަ އިންތިހާބުތައް ބާއްވަން ޖެހޭކަން ފާހަގަކޮށްފަ އެވެ. ޑިމޮކްރަސީއަކީ އެއީ ނަމަވެސް، އިންތިހާބުތަކަށް ބޮޑު ހަރަދުތަކެއްދާއިރު، ޒިންމާދާރުކަމެއް މިކަމުގައި މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
އެއަށް ފަހު ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމުގެ މުހިންމުކަމާއި އޭގެ ސަބަބުން ދައުލަތަށް ކުރާނެ ފައިދާތައް ފާހަގަކުރެއްވިއެވެ.

